ޚަބަރު

ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގީ މިއަހަރު: ޝާހު


މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ ތާރީހުގައިވެސް އެއްފަހަރާ އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގީ މިއަހަރުކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކޮރްސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ފެށި މަޝްރޫއުތަކާއެކު މިހާރު ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއެއް ނިމިފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މީގެ 27 އަހަރުކުރިން އެމްޑަބްލިޔުއެސްސީ އުފެއްދީ ހަމައެކަނި މާލެއަށް ޚިދުމަތް ދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއަކީ މިހާރު އެ ކުންފުންޏަކީ ގްރޭޓާ މާލޭ ސަރަހައްދަުގެ އިތުރަށްވެސް އަތޮޅުތެރޭގައި އެކުންފުނިން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

"މިހިނގާ 2022 ވަނަ އަހަރަކީ އެމްޑަބްލިޔުއެސްސީގެ މުޅި ހަޔާތުގައި ވެސް އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު،" އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޝާހު ވިދާޅުވިއެވެ.

ކޯވިޑް 19ގެ ސަބަބުން ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ފެނާއި ނަރުދަމާގެ ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކުރި މަސައްކަތަކީ އެންމެ ބޮޑު ކާމާޔާބީކަން ޝާހު ފާހަކުރެއްވިއެވެ. މާލޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝާހު ވިދާޅުވީ މާލޭގެ ފެނުގެ ސްޓޯރޭޖް ފުޅާކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެއްކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި 2020 ވަނަ އަހަރު ސަރުކާރުން ބިމެއް ހަމަޖައްސާދިފައިވާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެ ބިމުގައި 13000 ކިއުބިކް މީޓަރަށް ވުރެ ބޮޑު ތެ ތާނގި ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރަށް މާލޭގެ ނަރުދަމާ ނިޒާމަކީ އަންދާޒާ ކުރިވަރަށްވުރެ މާ ބޯޑު ލޯޑެއް އުފުލަން ޖެހިފައިވާ ނިޒާމެއްކަމަށާއި އަޅާފައިވާ ނަރުދަމާ ހޮޅިތައް ސާފުކޮށް އެކަމަށް ލުޔެއް ހޯދަމުން އަންނަކަމަށް ޝާހް ވިދާޅުވިއެވެ. އަދި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭގެ ހުރިހާ ފެން މީޓަރުތަކެއް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ކުދި ބޮޑު އާބާދީއަށް ބެލުމެއް ނެތި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވެފައިވާ މި އަސާސީ ޚިދުމަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލުމެވެ.