ޚަބަރު

2024ގެ ފަހުން ފެނާއި ނަރުދަމާއަށް ކުރި ހަރަދު އެހެން ކަންކަމަށް ބޭނުންކުރެވޭނެ: ރައީސް


ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް މިހާރު ކުރާ ޚަރަދު 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެކަމަށާއި އެ ފައިސާ ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ޚަރަދުކުރަން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭކަމަށެވެ. އޭރު ސާފު ބޯފެނުގެ ޚިދުމަތް ލިބެންހުރީ އެންމެ 34 ރަށުގައިކަމަށާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބެލިނަމަވެސް ކުރިމަތިވެފައިވާ އެންމެ ދަތި މައްސަލައަކީ، ސާފު ބޯފެން ލިބެން ނެތުމުގެ މައްސަލައާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ވެރިކަމުގެ 5 އަހަރުދުވަހުގެ ތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށްދިނުމަށް ވައުދުވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް އެކަމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުން އަންނަކަމަށެވެ. އަދި އެފަދަ މަޝްރޫޢުތަކެއް މިހާރުވެސް ރާއްޖޭގެ 31 ރަށެއްގައި ހަމައެކަނި އެމްޑަބްލިއުއެއްސްސީންވެސް ކުރިއަށްގެންދާކަމަށާއި އެ ރަށްތަކުގެ މަސައްކަތް ރިޔާސީ ދައުރު ނިމުމުގެ ކުރިން، މުޅިން ނިންމައި، ޚިދުމަތްތައް ދިނުމަކީ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މުހިންމު ބަދަލާއެކު، ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެކަން ހަމަ ޔަޤީން. އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާއެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ހެޔޮ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށްވެސް ވެގެންދާނެ." ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އެ އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރާކަށް ނުޖެހޭނެކަމަށެވެ. އަދި ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް އެ ފައިސާ ޚަރަދުކުރަން ހުންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ދެންނެވި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ މަޝްރޫޢުތައް، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި އޭރުން ކުރިއަށް ގެންދެވޭނެ. ޞިއްޙީ ކަންކަމަށާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ލުއިފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދުތައް އޭރުން ކުރަން ޖާގަ ލިބިގެންދާނެ."ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް މިހާރު ސިނާއީ ގޮތުން ފެން އުފައްދަން ޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ބޯފެން އުފެއްދުމުގައިވެސް ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކެއް ހޯދަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ޑީސަލް އިންޖީނު ހިންގައިގެން، އެކަން ކުރުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ބޯފެން އުފެއްދޭނެ އިންތިޒާމުތަކެއް ހޯދަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މި އަހަރުގެ ބަޖެޓުގައިވެސް ތިމާވެށި ޙިމާޔަތް ކުރުމަށް، 1.5 ބިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައި ވާނެކަމަަށާއި އެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 836 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.