ޚަބަރު

ޕިކްނިކް އައިލެންޑްގައި އެޗްޑީސީން އަޅާ އިމާރާތްތަކުގެ ބިންގާ އަޅައިފި


މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް، މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ބިންގާ އަލައިފިއެވެ.

މިޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއާއި އެޗްޑީސީންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.

ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ނައިބް ރައީސް ފައިޞަލް ނަޞީމް ވަނީ ކުޑަގިރިއަށް ވަޑައިގެން އެ ރަށުގައި އެޗްޑީސީން އެޅުމަށް ނިންމާފައިވާ އިމާރާތްތަކުގެ ބިންގާ އަޅުއްވާ ދެއްވާފައެވެ. މިގޮތުން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ފާޚަނާތައް ހިމެނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފާޚަނާވެސް ހިމެނެއެވެ. މީގެ އިތުރަށް ނަރސިން ރޫމް އާއި 5 މަލްޓި ފާޓީ ހަޓްސްއާއި 15 ސިންގަލް ޕާޓީ ހަޓްތައްވެސް މީގެ ތެރޭގައި ހިމެނއެވެ.

މީގެ ކުރިން ނައިބްރައިސް އެރަށަށް ވަޑައިގެން ވަނީ މިސްކިތާއި އެރަށް ބަލަހައްޓަން ތިބޭ މީޙުންގެ އެކަމަޑޭޝަން އިމާރާތުގެ ބިންގާވެސް އަޅުއްވާދެއްވާފައެވެ. ޕިކްނިކް އައިލެންޑްގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލައި، ގޮނޑުދޮށްތައް ތަރައްޤީކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުނެނެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރި ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މާޅެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ ޢާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ޚިދުމަތްތަކެއް ހިމެނޭގޮތަށް ހަދާ ރަށެކެވެ. ޕިކްނިކް އައިލެންޑްގެ 200މީޓަރު ސަރަޙައްދަކީ ގޮނޑުދޮށް ސަރަޙައްދެވެ. މީއީ މޫދަށް އެރުމަށާއި، އަދި ބީޗް ކުޅިވަރުތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދެވެ. ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދުކޮޓަރި ހިމެނެއެވެ.

މި ރަށް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދު، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދު، ބާބަކިއު ސަރަޙައްދު ހިމެނެއެވެ. މި ރަށް ތަރައްޤީކުރަމުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތައް ކުޅިގެންނެވެ. ދަތުރުދިޔުމަށް ތަރައްޤީ ކޮށްފައިވާ ރަށާކީ މާލެއިން ފުރައިގެން ގާތްގަޑަކަށް 20 މިނެޓްގެ ދަތުރަކުން ދެވޭ ރަށެކެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައިވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.

ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ. މި ސަރަޙައްދުގައި ޢާއްމުން ދަތުރު ދިއުމަށް ޤުދުރަތީ އިތުރު އެއްވެސް ރަށެއް ނެތެވެ. އާންމުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތީ، ދަތުރު ދިއުމަށް މާލެ ކައިރިން ރަށެށް ކަނޑައަޅައިދެއްވުމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ.