ވިޔަފާރި

އެމްއައިބީ މެދުވެރިކޮށް "ހަކަތަރި" ސާމާނު މިހާރު އަގުހެޔޮކޮށް ހޯދޭނެ


ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލްޖެހި ސާމާނު އަގުހެޔޮކޮށް އާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްލޮޖީއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ދެމެދުއެވެ.

ހަކަތަރި ސާމާނު އަގުހެޔޮކޮށް ޢާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކުން ތައްޔާރުކޮށްފައިވާ ފައިނޭންސިންގ ސްކީމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީ.އީ.އޯ އަލްފާޟިލް އަޙްމަދު ރިޒާއެވެ.

މިއެއްބަސްވުމުގެ ދަށުން ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފައިނޭންސިންގް ސްކީމެއް އެބޭންކުންކުރިއަށް ގެންދާނެއެވެ. ފައިނޭންސިންގް ސްކީމު ތައްޔާރުކޮށްފައިވަނީ ލިސްޓް ބޭސްޑް ފައިނޭންސިންގ ސްކީމެއްގެ ގޮތުގައެވެ. މިސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން 3، 4، އަދި 5 ތަރީގެ ތަކެއްޗެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ފައިނޭންސިންގް ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ %10 ރޭޓުގައެވެ. އަދި ވިދާޅުވީ މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެއްމެ ދަށް ރޭޓުކަމަށެވެ.

ހަކަތަރި ޕްރޮގްރާމަކީ ރާއްޖެ ތަރައްޤީވެ ކުރިއަރައިގެން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުމަށް ކުރެވޭ މަސައްކަތެކެވެ. މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުން ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، 2030ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން %16 މަދު ކުރެވޭނެއެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ "ސްޓްރެންގތެނިންގ ލޯކާބަން އެނަރޖީ އައިލެންޑްސް ސްޓްރެޓަޖީސް" މަޝްރޫޢުން ވަނީ ފައިނޭންސިންގ ސްކީމަށް 12،288،000 ރުފިޔާ ހަމަޖައްސާފައެވެ. ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ. އަދި ހަކަތަރި ލޭބަލްޖެހި ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިންނެވެ. ބޭންކުގެ ފަރާތުން 15،360،000 ރުފިޔާ އާހަމައަށް ހަކަތަރި ލޭބަލްޖެހި ސާމާނު ސްކީމުން ގަނެވޭނެއެވެ.