ބޭރު ކޮންޓްރެކްޓަރުން އަތުން ނަގާ ޓެކްސް ރޭޓް %5އިން %10އަށް އިތުރުކުރުމަކީ ހެޔޮ ބަދަލެއް ކަމަށާއި އެކަމަށްޓަކައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ޝުކުރު އަދާކުރައްވައިފިއެވެ.
ބޭރު ކޮންޓްރެކްޓަރުން ދައްކާ ވިތްހޯލްޑިންގް ޓެކްސްގެ އަދަދު ފުރަތަމަ އޮތީ %10ގައެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް %10 އިން %5 އަށް ކުޑަކުރުމަށް އިސްލާހެއް ތަސްދީގު ކުރެއްވިއެވެ.
މިއާއެކު ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރު ކޮންޓްރެކްޓަރުން ޓެކްސްގެ ގޮތުގައި ދައްކާ އަދަދުގެ ފަރަގު ބޮޑުވެ، ދިވެހި ކޮންޓްރެކްޓަރުންނަށް އޮތް ހަމަހަމަކަން ގެއްލުނެވެ. ބޭރުގެ ކޮންޓްރެކްޓަރުން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދު، ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ކުޑަވެގެން ދިޔައެވެ.
ނަމަވެސް ސަރުކާރުން މިހާރު މިވަނީ މި ފަރަގު ނައްތާލާ، ބޭރު ކޮންޓްރެކްޓެކްޓަރުން ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އަލުން %10އަށް ގެނައުމަށް މަޖިލީހަށް ހުށައަޅާފައެވެ.
މިކަމަށް ގިނަ ބަޔަކު ދަނީ، ތާއިދުކޮށް ޚިޔާލު ފާޅުކުރަމުންނެވެ. މަސީއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، މިއީ ކޮންޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ހެޔޮ ބަދަލަކަށްވާނެ ކަމަށާއި އެކަމަށް ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.
ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްވެސް ވަނީ، ވިތްހޯލްޑިންގ ޓެކްސް، %10ގެ ރޭޓަށް އަލުން ގެނައުމަކީ ގެއްލިފައި އޮތް ހަމަހަމަކަން އިއާދަކޮށް، ދިވެހި ކޮންޓްރެކްޓަރުންނަށް އާމްދަނީގެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މި އިސްލާޙާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާވެސް ސަރުކާރުން ވަނީ، ހުށަހަޅުއްވާފައެވެ. އެގޮތުން މި އިސްލާޙާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ލަފާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.