ޚަބަރު

މެރިކަލްޗަރ ސިނާއަތަށް ޚާއްސަ އިތުރު 10 ސަރަހައްދެއް


  • ކުރިން ކަނޑައަޅާފައިވަނީ 3 ސަރަހައްދެއް

  • ޖުމްލަ 13 ސަރަހައްދެއް ވަނީ ކަނޑައަޅާފައި

މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މެރިކަލްޗަރ ސިނާއަތަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އެމަސައްކަތް ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އެ މަސައްކަތަށް ޚާއްޞަކޮށްގެން އިތުރު 10 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. ކުރިން ކަނޑައަޅާފައިވާ 3 ސަރަހައްދާއެކު ޖުމްލަ މެރިކަލްޗަރ ގެ ދާއިރާއަށް 13 ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ.

އަލަށް ކަނޑައެޅި 10 ސަރަހައްދު:

ތ. އަތޮޅު 2 ސަރަހައްދު
މ. އަތޮޅު 3 ސަރަހައްދު
ފ. އަތޮޅު 2 ސަރަހައްދު
ދ. އަތޮޅު 2 ސަރަހައްދު
ގއ. އަތޮޅު 1 ސަރަހައްދު

މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށްވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ފުޅާކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މިގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ދިވެހި ރާއްޖޭގެ މެނިފެސްޓޯ 2023-2028 ގައި މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ހަރުދަނާ ރޭވުންތަކެއް ހިމަނާފައިވެއެވެ. މި ރޭވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޢަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.

މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިހާރު ރާއްޖޭގެ 13 ސަރަޙައްދެއް މިކަމަށް ޚާއްސަކޮށް ކަނޑައެޅުމާއިއެކީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަ ސްކީމްތަކެއްގެ ދަށުން މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާއި، އަލަށް މެރިކަލްޗަރގެ ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އިތުރުން ޚާއްސަ ލުއިތަކަކާއި އެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި "އެސްއެމްއީ ޑިޖިޓަލް" އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ފާހަގަކޮށްލެވެއެވެ.

މެރިކަލްޗަރގެ މަސައްކަތްތަކުގެ ދަށުން 2025ވަނަ އަހަރު ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރިއެވެ. ހަމައެއާއެކު، މެރިކަލްޗަރގެ ދާއިރާއިން ދިވެހިން ތަމްރީނުކޮށް، މި މަސައްކަތަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށް ފުޅާދާއިރާއެއްގައި ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.