ވިޔަފާރި

އެމްޓީސީސީގެ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ފަށައިފި


އެމްޓީސީސީގެ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ފަށައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި މޫނުމަތީ އަގުގެ ކޮންމެ 5 ރުފިޔާގެ ޙިއްޞާއަކަށް، 3.50 ރުފިޔާ ބަހަން ހިއްސާދާރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %64 ވޯޓުންނެވެ.

އެމްޓީސީސީން ބުނީ ޙިއްޞާގެ ފައިދާ ނަގަން ބޭނުންވާ ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، އެކުންފުނީގެ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ([email protected]) އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެކަމަށެވެ. އަދި ހަމައެއާއިއެކު ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރުންގެ ޕޯޓަލް (https://sop.mtcc.com.mv/login) މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެކަމަށެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި އެމްޓީސީސީން ޖުމްލަ އަށާވީސް މިލިއަން އެއްލައްކަ ތިރީސްދެހާސް އެއްސަތޭކަ ބާވީސް ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ މިއަހަރުއެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި މިކަމަށް އެންމެހައި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.