ޚަބަރު

މިފަހަރު ރާއްޖެއަށް ލިބުނު ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް


ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ލިބުނު ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވަނީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައެޅުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއިއެކު، މިހާރުގެ ހާލަތަށް ރިޔާކުރުމަށްފަހުގައިކަމަށެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް ހައްޖަށް ގެންދިއުމަށް ލިބިފައިވާ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަ ކޮށްފައިވާ 100 ކޯޓާގެ ތެރެއިން ޙައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުޞޫލެއް އެ ކޯޕަރޭޝަނުން އެކުލަވާލާނެކަމަށެވެ.

ރާއްޖެއިން މީހުން ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު ލިބިފައި މިވަނީ ކޯވިޑްއާ ގުޅިގެން 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ. މީގެ ކުރިން ސަޢުދީ ސަރުކަރުން ރާއްޖެއިން މީޙުން ޙައްޖަށް ގެންދިޔުމަށް 1000 ކޯޓާދެއެވެ. އަދި ބައެއް ފަހަރު އޭގެ އިތުރަށްވެސް ކޯޓާ ދިފައި އެބަހުއްޓެވެ.

މިއަހަރު ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެއްމިލިޔަން މީނުންނަށް ފުރުޞަތު ދީފައިވާއިރު އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީޙުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ..

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ.