ޚަބަރު

އެއަރޕޯޓާއެކު ވަކިން އޮތް އަލިފުށީގެ އެކަހެރިކަން ނިމުމަކަށް


ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ.އަލިފުއްޓަކީ އަތޮޅުގެ އެހެން ރަށްތަކާއި ތަންކޮޅެއް ދުރުގައި އޮންނަ ރަށެކެވެ. އަތޮޅުގެ ވެރިކަންކުރާ ރަށާއި ދުރުގައި އޮތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެއެވެ. ކަނޑު ގަދަވުމުގެ ސަބަބުން މިސަރަޙައްދުގައި ކަނޑު ދަތުރުކުރުން ރައްކާތެރިނުވުމުގެ ސަބަބުން އެފަދަ ދުވަސްތަކުގައި ބޮޑެތި ޙާދިސާތައް ހިނގިނަމަވެސް ސިއްޙީ ފަރުވާއަށް ކަނޑުމަގުން ފޮނުވޭކަށް ނޯވެއެވެ.

ހަމައެއާއެކު އެއަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓުކަމަށްވާ އިފުރު އެއަރޕޯޓާއިވެސް އަލިފުށި އޮންނަނީ ދުރުގައެވެ. އެހެންކަމުން އަތޮޅާއި މުޅިން ވަކިވެފައިވާ ކަމުގެ އިޙްސާސް އެރަށުގެ ރައްޔިތުންނަށް ކުރެވޭއިރު ޚިދުމަތްތައް ލިބިގަތުމުގައިވެސް މިކަންވެފައިވަނީ ބޮޑު ދައްޗަކަށެވެ. އެހެންކަމުން އެރަށު ރައްޔިތުންވަނީ ފާއިތުވި ސަރުކާރުތަކުގައިވެސް އެރަށަށް އެއަރޕޯޓެއް މުހިއްމުކަން ހާމަކޮށް ތަކުރާރުކޮށް ހިއްސާކޮށްފައެވެ. މީގެކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އެއަރޕޯޓެއްގެ ހުވަފެން ދެއްކިނަމަވެސް އެކަމުގައި ހަގީގީ ކުލަޖެހިފައެއް ނުވެއެވެ. ނަމަވެސް ރައްޔިތުންގެ އަޑު އެހީ މިސަރުކާރުންނެވެ.

ރައްޔިތުންގެ އަޑު އައްސަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ސަރުކާރުން ގެންގުޅުއްވާ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން އަލިފުށީގެ ރައްޔިތުންނަށް ބޭނުންވާ އެއަރޕޯޓު ތަރައްޤީކޮށްދެއްވަން ނިންމަވާފައެވެ.

ރައީސްގެ ވަޢުދުފުޅާއެއްގޮތަށް އަލިފުށީގެ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކޮށްފައެވެ. އަލިފުށީގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނި ފަށާފައިވާއެވެ. އެގޮތުން މިހާރުކުރަމުން އަންނަނީ ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓުގެ މަސައްކަތަށް ހިއްކާ ބިމެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި މިވަގުތު އޮތް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެންމެ ވަރުގަދަ ކުންފުންޏެވެ. އެކުންފުނިން ހާމަކޮށްފައިވާގޮތުގައި އަލިފުށީ އެއަރޕޯޓް މަޝްރޫޢަކީ އެކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚުގައިވެސް ސަރުކަރުން އެކުންފުންޏާ ޙަވާލުކޮށްގައިވާ މިބާވަތުގެ އެންމެ ބިޔަ މަޝްރޫޢެވެ.

މިމަޝްރޫޢުގެ ބޮޑުމިން މީގެއިން ވަޒަންކޮށްލަން އެނގުނުނަމަވެސް އެރަށު ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުގެ ބޮޑުމިން ނޭނގޭނެއެވެ. އެހެންނަމަވެސް މިމަޝްރޫޢުގެ މަސައްކަތް ފެށުމާއެކު އެރަށު ރައްޔިތުންނަށް ވަނީ އެތައް ޒަމާނެއްވީ ހުވަފެނެއް ޙަގީގަތަކަށްވަމުން އަންނަކަމުގެ އިޙްސާސްކުރެވިފައެވެ. ވިއްސާރަ މޫސުމުގައި ރަށުން އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ފަރުވާ އޮތް ހިސާބަށް ނުދެވި ކުރެވުނު ހިތްދަތި ތަޖުރިބާ މާޒީއަށް ވުމާއި ގާތަކަށް މިވަނީ ޖެހިލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ މިއީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރަމުން އަންނަ އެއަރޕޯޓެއްކަމަށެވެ. އެމްޓީސީސީގެ މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑު އަވަސްކަމަށާއި މަސައްކަތާއި މެދު ހިތްހަމަޖެހޭކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެއަރޕޯޓަށް 30 މިނިޓުގައި ދެވޭނެހެން އެއަރޕޯޓުތައް ތަރައްޤީކުރުމެވެ. މިއާއެކު ރ.އަތޮޅަށް އިތުރު އެއަރޕޯޓެއް ލިބި މިސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރާއި ކައުންސިލްތަކުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުބާރަކަށެވެ.