ނ.މާފަރަކީ ގިނަ ޢަދަދަކަށް ވެލާ އަރާ ރަށެކެވެ. ރަށުގެ އެއާޕޯޓް ހަދާފައިވާ ސަރަހައްދުގެ އިރުމަތީ ފަރާތަކީ ވަރަށް ގިނައިން ވެލާ އަރާ ފަސްގަނޑެކެވެ. މި ސަރަހައްދު މަޝްހޫރުވެފައިވަނީ "ލެޓްސް ސީ ދަ ޓާޓްލް"ގެ ނަމުންނެވެ. މިއީ ރާއްޖޭގަ އެންމެ ގިނައިން ވެލާއަރާ އެއް ސަރަހައްދުވެސްމެއެވެ.
ގިނަ ޢަދަދަކަށް ވެލާއަރާ މިސަރަހައްދުގައި ބޮޑުބަޔަކަށް ފެތުރިފައިވާ މޫދުވިނަގަނޑެއްވެސް އޮވެއެވެ. މިސަރަހައްދު ހިމާޔަތްކޮށް އާންމުންނަށްވެސް ބޭނުންކުރެވޭނެ ގޮތަކަށް މިތަން ތަރައްޤީކުރުމަކީ މާފަރު ރައްޔިތުންނާއި ރަށު ކައުންސިލްގެ އެންމެބޮޑު އަމާޒެވެ.
"ލެޓްސް ސީ ދަ ޓާޓްލް" ސަރަަޙައްދު ޙިމާޔަތްކޮށް ތަރައްޤީކުރުމުގެ ގޮތުން ޔޫއެންޑީޕީއާއި މާފަރު ކައުންސިލާއި ސޮސައިޓީ ފޮރ މާފަރު ޑިވެލޮޕްމަންޓް ގުޅިގެން އަންނަނީ މި ސަރަހައްދުގައި ޚާއްސަ މަޝްރޫއެއް ހިންގަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ވެލާ އަރާ ސަރަހައްދާއި ކައިރިން މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމްކުރާނެއެވެ. އެގޮތުން ވެލާ ބިސް އަޅަން އަރާ ސަރަހައްދާ އެންމެ ކައިރި ހިސާބެއްގައި މޫދަށް އެރިލުމަށާއި ވެލާ ކޮންމެސް ވަރަކަށް ފެންނަ ގޮތަށް މިތަން ޑިޒައިންކުރުމަށްވަނީ ނިންމާފައެވެ. އަދި މިތަނުގެ ބޭނުން ކުޑަކުދިންނާއި ބޮޑެތި މީހުންންގެ އިތުރުން ސްކޫލް ކުދިންނަށް ބޭނުން ކުރެވޭގޮތަށް މިސަރަހައްދުގައި ފޮތް ކިޔުމުގެ އިންތިޒާމާއި އަދި މުނިފޫހި ފިލުވުމުގެ ބައެއް ކަންކަންވެސް އިންތިޒާމްވެސް މިޕްރޮޖެކްޓްގެ ދަށުން އިންތިޒާމުކުރުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ވެލާ އަރާ ސަރަހައްދު ޙިމާޔަތްކުރުމުގައި ވަރަށްބޮޑަށް ވިސްނާފައިވާނެކަމަށެވެ. މި މަޝްރޫޢަށް ލިބިފައިއޮތް ބޭސްލައިން ސާރވޭއަށް ބަލައިގެން އަދި އޭގެ އިތުރަށްވެސް ހޯދާފައިވާ މައުލޫމާތުތަކުން މިސަރަހައްދުގައި ވެލާ ކަހަނބު އުޅޭ އުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަކަށް މަސައްކަތްކުރާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ޑިޒައިން ކޮށްފަ އޮތްގޮތަށްވެސް މޫދައް އެރޭ ސަރަހައްދުގަ ކޮންމެސް ވަރަކަށް ސީ ގްރާސް ނައްތާލުމުގެ ބައެއް ހިމެނިފަވީނަމަވެސް ޔަގީން ކުރާނަން އޭގެން ކުރެވޭ ކަންކަމުން ވެލާ ކަހަނބު ނައުމަށް ދިމާވެދާނެ ސަބަބެއް މެދުވެރި ނުވޭތޯ. މިހުރިހާ ކަމަކަށް ބަލާފަ މިތަން ތަރައްޤީކުރާނި" މުހައްމަދު އަދުނާން ވިދާޅުވިއެވެ.
މާފަރު ކައުންސިލްގެ ރައީސް ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ ލޯކަލް ޓުއަރިޒަމާ މިކަން ގުޅުވާލުން ކަމަށެވެ. މިހިސާބަކީ ވެލާ ފެންނަ ގޮތަށް އޮތް ސަރަޙައްދެއްގެގޮތުގައި ބޭއްވުމުގެ އިތުރުން މިތަނާއެކު ޤުދުރަތީ މާޙައުލު ޙިމާޔަތްކުރެވި އޭގެ ފައިދާ އެތައްގޮތަކުން ރަށަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިސަރަހައްދަށް ގޮސް، މޫދައް އެރެން ބޭނުންވާ ސާމާނުވެސް ލިބޭނެ އިންތިޒާމަތައް ހަމަޖެހިގެންދާނެ. އަދި މި ސަރަޙައްދަކީ ރަށަށް ޒިޔާރާތްކުރާ ޓުއަރިސްޓުންނަށް ޚާއްސަކޮށް މިރަށުގެ ރީތިކަން ބަލާލެވޭގޮތަށް އޮތް އޭރިޔާއެއްގެ ގޮތުގައި މިތަން މާކެޓްކުރުން އެއީ އެންމެ ބޮޑު އެއް އުންމީދު" މާފަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19 ޕެންޑެމިކާ ގުޅިގެން މި މަޝްރޫޢުގެ މަސައްކަތް މެދުކެނޑި ލަސްވެގެން އައިނަމަވެސް މިހާރު މިމަސައްކަތް ފެށިފައިވާކަމަށާ، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާނެކަމަށް މާފަރު ކައުންސިލުން ވިދާޅުވެއެވެ. މިއީ ރަށުގެ ރައްޔިތުން ވަރަށް ހިތްހަމަޖެހޭ އަދި ރައްޔިތުންގެ އެއްބާރުލުން އޭގެ އެންމެ ފުރިހަމައަށް ލިބިގެންދާ މަޝްރޫޢެއްކަމަށް އެ ކައުންސިލުން ފާހަގަކުރައްވައެވެ.