ޚަބަރު

ކަމަދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ފަށަނީ


ބ.ކަމަދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އަންނަމަހު، ފެށޭވަރުވާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ސަރުކާރުން އެރަށު ބަނދަރު ތަަރައްޤީކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީއާ ހަވާލާދެއްވައި ރަށު ކައުންސިލުން ވިދާޅުވީ، ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ސައިޓް މޮބަލައިޒް ކުރާނެކަމަށެވެ.

މިރަށު ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިމިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ބަނދަރުގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތުގެ ދަށުން އީއައިއޭ ނޫން އެހެން ހުރިހައި ސާވޭއެއްގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. އީއައިއޭ ރިޕޯޓް މިމަހުގެ ފަހުކޮޅު ލިބޭނެކަަމަށް އެމްޓީސީސީން ލަފާ ކުރައްވައެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. މި މަޝްރޫޢުގެ ދަށުން މިބަނދަރަށް އިތުރުކުރުމަށް ހަމަޖެހިފައި އޮތީ 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއްހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.

ކަމަދޫގައި މިހާރުއޮތީ މީގެ 25 އަހަރު ކުރިން ވިލާ ކުންފުންޏާއި އެރަށު ރައްޔިތުންގެ މަސައްކަތުން ހަދާފައި އޮތް ބަނދަރެކެވެ. މިބަނދަރު މަރާމާތުކޮށް ބަނދަރު ބޮޑުކުރުމަށް ނިންމީ ފަޅުގެ ޖާގަ ކުޑަވުމުންނާ، ބޭރުތޮށްޓާއި އެއްގަމު ތޮށި ހަލާކުވެފައި ވާތީއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.