ވިޔަފާރި

ޒުވާން ދަނޑުވެރިޔާ: ޑްރެގަން ފްރުޓް ހެއްދިއްޖެ، އަމާޒުހުރީ ކޮފީއާއި ދިމާލަށް!


މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތައް ނިކުމެ އެ މަސައްކަތް ކުރުމަކީ ޒުވާނުންގެ ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫނެވެ. އަދި ދާއިމީ ދަނޑުވެރިކަމެއް ރާއްޖޭގައި ކުރާމުންއައި ތަނެއް ނުފެނެއެވެ. ނަމަވެސް މިކަން ބަދަލުކޮށްލުމަށް ނިކުތީ "ޒުވާން ދަނޑުވެރިޔާ"ގެ ނަމުގައި މަޝްހޫރު އައްޑޫ ސިޓީ، މީދޫ، އަބްދުﷲ ރަމްޒީއެވެ.

ދަނޑުވެރިކަން ކުރަން ބޭނުންވެގެން ރަމްޒީ ބަދަލުވީ ރަށަށެވެ. މިކަން ފެށުމަށް ކޮންމެވެސް ވަރެއްގެ ފަންޑެއް ބޭނުންވާނެތީ އޭނާ 3 އަހަރު ރިސޯޓްގައިވެސް މަސައްކަތް ކުރިއެވެ. އެއަށްފަހު ރަށައް ބަދަލުވެ ފައިސާ ލިބޭނެގޮތެއް ރަށުގައިވެސް ބިނާނުކޮށް ކުރިއަށް ނުދެވޭނެކަން އިނގޭތީ އެންމެ ފުރަތަމަ ރަށުގައި ހުޅުވީ ކުޅިވަރު ސާމާނު ވިއްކާ ފިހާރައެކެވެ. އޭގެފަހުން އޭނާއަށް ދަނޑުވެރިކަމަށް ނިކުމެވުނީ އޭގެ 2 އަހަރުދުވަސް ފަހުންނެވެ.

ދަނޑުވެރިކަމަށް ނިކުތުމަށްފަހުގައިވެސް ރަމްޒީގެ ވިސްނުން ހުރީ ޢާންމުކޮށް މީހުން ނަހައްދާ ބާވަތެއް ރާއްޖޭގައި ހެއްދުމަށެވެ. އެގޮތުން ހޯދި ހޯދުންތަކަށްފަހު އޭނާ އެންމެ ފުރަތަމަ ހައްދަންފެށީ ޑްރެގަން ފްރުޓްއެވެ.

"އަބަދުވެސް ޚިޔާލު ހުރޭ ރާއްޖޭގައި ނަހައްދާ އެއްޗެއް އެކްސްޕީރިއަންސް ކުރާނަމޭ. އެންމެންވެސް ކިޔުކަންބާ، ކަރާ، ހައްދައިގެން ނަތީޖާ އެބަ ފެނޭ. އެންމެންވެސް ދަނޑުވެރިކަން އާންމުކޮށް މިކުރަނީ ރޯދައަށް އެކަނި. ދެން ހިތައް އެރީ ސަސްޓެއިނަބަލް ދާއިމީ ދަނޑުވެރިކަމެކޭ ކުރަންޖެހޭނީ. ދާއިރުގައި ދާނީ އޯގަނިކް ވާނެކަހަލަ އެއްޗަކަށްށޭ. އެގޮތުން ބެލީ އެންމެ ޕެސްޓިސައިޑާއި، އިންސެކްޓިސައިޑް ފްރީ އެއްޗަކީ ކޮބައިތޯ. އެގޮތުން ޑްރެގަންފްރުޓްއަކީ އޭގެ އެއް ބާވަތް. އެއީ ކެކްޓަސް އާއިލާއެއްގެ އެއްޗަކަށް ވެފައި ފެން އެހައި ގިނައިން ބޭނުންނުވާ ހޫނު ބިންތަކުގައި ހެދޭ އެއްޗެއް." ރަމްޒީ ބުންޏެވެ.

ރަމްޒީ ބުނީ ޑްރެގަން ފްރުޓަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގުމުން އާދައިގެ ގޮތަކަށް އެކަންކުރަން އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވިކަމަށެވެ. އެގޮތުން މަޑުމަޑުން އޭނާ ދިޔައީ ޑްރެގަން ފްރުޓް ދަނޑު ބޮޑުކުރަމުންނެވެ. އެގޮތުން އޭނާގެ ޑްރެގަންފުރުޓް ދަނޑުގައި މިހާރު ހުރީ 85 ޕިލަރއެވެ. ކޮންމެ ޕިލަރއެއްގައި އިންނަނީ 4 ގަހެވެ. މި ދަނޑުން ލިބޭ ޑްރެގަން ފްރުޓެއްގައި އެވްރެޖްކޮށް އުޅޭނީ 500 ގްރާމްއާއި 600 ގްރާމެވެ.

"ކޮންކުރިޓް ތަނބު ހަދައިގެން ކޮންމެ ތަނބެއްގައި 4 ފަޅިއަށް 4 ގަސް އިންދައިގެން ދުނިޔޭގެ މީހުންވެސް އެކަން ކުރާގޮތް ބަލައިގެން އެކަން ފެށީ. ގިނަމީހުން ގަބޫލުކުރި ގޮތުގައި ޑްރެގަން ފްރުޓްއެއް ރާއްޖޭގައި އެހާ ކާމިޔާބެއް ނުވާނެ. ރާއްޖޭގައި ޑްރެގަން ފްރުޓް އެގޮތައް ހައްދާފައި ބުރިތަން ރާއްޖޭގައި ނެތީ ފެނިފައި. ޑްރެގަން ފްރުޓް ލިބެން ފެށީމައި އެންމެންނަށްވެސް އެނގިއްޖެ މިކަމަކީވެސް ކުރެވިދާނެ ކަމެއްކަން." ރަމްޒީ ބުންޏެވެ.

2010ވަނަ އަހަރު ދަނޑުވެރިކަމުގެ ދުވަހު އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ވަރަށް ގިނަ ގޭގެއަށް ޑްރެގަން ފްރުޓް ގަސް ބެހިއެވެ. ނަމަވެސް އެއިރު ދިވެހިންނަށް ޑްރެގަން ފުރުޓް ހައްދަންވާ ގޮތް ނޭންގި އޭތި ހައްދަންވާ ގޮތައް ނުހައްދައި ފާރުކައިރީގައި ބައިންދައިގެން އަޅާނުލުމުން އޭގެ ނަތީޖާ ހުރީ ނުފެނިއެވެ. ރަމްޒީ ވަނީ ޑްރެގަން ފްރުޓް ހެއްދުމުގެ މަސައްކަތުގެ ތެރެއިން މި ގޭތަކުގެ މީހުންގެ އަތުން ކުރިވެސް ހޯދާފައެވެ. އެކުރިތައް އިންދައިގެން ރަމްޒީ މީގެ ނަތީޖާ ނެރެވޭނެކަން ދެއްކުމުން އެމީހުންނަށްވެސް މިއީ ވެދާނެ ކަމެއްކަމަށް ގަބޫލުކުރެވުނެވެ.

ރަމްޒީ ބުނީ ޑްރެގަން ފްރުޓް ހެއްދުމަކީ ވަރަށް ކެތްތެރިކަން ބޭނުންވާނެ މަސައްކަތެއްކަމަށެވެ. އޭނާގެ ޑްރެގަން ފްރުޓް ދަނޑުން އެންމެ ފުރަތަމަ ފްރުޓް ލިބުނީ ދޮޅު އަހަރު ފަހުންނެވެ. އޭނާ ބުނީ އެއީވެސް ފޯދިފަ އިން ގަހެއްގެ ކުރިން އެކަން ކުރުމުންކަމަށެވެ. އޮށުން ގަސް ފަޅުވައިފިނަމަ އެންމެ ފުރަތަމަ ފުރުޓެއްވެސް މިލިބެނީ 8 އަހަރު ފަހުންނެވެ.

ރަމްޒީ ބުނީ މިހާރު އަހަރަކު 3 ފަހަރު ޑްރެގަން ފްރުޓް ލިބޭކަމަށެވެ. ކޮންމެ ޕިލަރައެއްގައި ފަހަރަކު 21 ނުވަތަ 24 ފްރުޓް އަޅައެވެ. އެންމެ މަދުންވެސް 18 ފުރުޓް ފިލަރއެއްގައި އަޅައެވެ. ޑްރެގަން ފުރުޓްގެ ފިޔާތޮށި އަދި ހުދު ކުލަވެސް އޭނާގެ ދަނޑުގައި ހުރެއެވެ.

ގަހުގައި މޭވާ އަޅާ ހިސާބުން މޭވާ އިންނަނީ ރިޒަރކޮށްފައެވެ. އޭނާގެ ޑްރެގަން ފްރުޓްއަށް އޮންނަ ޑިމާންޑް ބޮޑީ އޭނާ ގަސްހައްދަނީ އެއްވެސް ކެމިކަލްއެއް ބޭނުންނުކޮށް ކަމަށްވެފައި ގަހުގައި އިނދެ ދޮންވުމުގެ ސަބަބުން ބާޒާރުގައި ވިއްކަން ހުންނަ އެހެން ފްރުޓްތަކަށްވުރެ ރަހަ މީރުވުމެވެ. އޭނާގެ ދަނޑުން މޭވާ ލިބެން ފެށިތާ މިހާރު އަހަރެއް ވަނީ ވެފައެވެ.

ޑްރެގަން ފްރުޓްއަކީ އެހާގިނައިން ފެންދޭން ޖެހޭ އެއްޗަކަށް ނުވުމުގެ ސަބަބުން އެ ހައްދަމުން ދިޔައިރު އިތުރުކަމެއްވެސް ކުރެވޭނެ ވަގުތު އޮތުމުން އޭނާ ދެން ފެށީ ފެޝަންފުރުޓް ހައްދާށެވެ. ރަމްޒީ ފެޝަން ފުރުޓް ހެއްދީ ކެންޔާގެ ސިސްޓަމަށެވެ. ކެންޔާ މީހުން އެ ހައްދާފައި ހުންނަނީ ފެންސުތަކެއް ހަދާފައި ފެންސު މައްޗަށް އަރުވާފައެވެ. މިކަންވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މިކަން ކާމިޔާބު ވުމުން މިމަސައްކަތް އޭނާ ހަވާލުކުރީ އޭނާގެ ކޮއްކޮއާއި ބޭބެއާވެ.

މިހާހިސާބުންވެސް ދަނޑުވެރިކަމުގައި ތަފާތު ތަޖުރިބާތައް ކުރުމުގެ ވިސްނުން އޭނާ ދޫކޮށެއް ނުލައެވެ. ދެން އެހެން ބިމެއް ހޯދައިގެން އެތަނުގައި އޭނާ ހެއްދީ ހައިބްރިޑް ފޭރުގަހެވެ. ރަމްޒީ ބުނީ ފޭރުގަސްވެސް ރާއްޖޭގެ ގިނަ މީހުންނަށް ފެންނަނީ ބޮޑެތި ބިޔަ ގަސްތަކެއްގެ ގޮތައްކަމަށެވެ. ނަމަވެސް އޭނާ ވިސްނީ ދުނިޔޭގެ މީހުން ހައްދާގޮތައް ތިރި ގަސްތަކެއްގެގޮތުގައި އޭގެ ނަތީޖާނެރެންށެވެ.

"އަހަރެންގެ އިސްކޮޅަށްވުރެ ބޮޑުނުކޮށް އޭގެ އީލްޑް ބޮޑުވާނެގޮތައް ވިސްނިއިރު ހައިބްރިޑް ގަސްތަކެއް ހަދައިފިއްޔާ، އޭގެ އީލްޑް ބޮޑުވޭ. އެގޮތައް ހައިބްރިޑް ހެއްދީ 50 ގަސް ހެއްދީމަ އޭގެ ނަތީޖާ ފެންނަން ފެށީމައި އިތުރުކޮށްގެން މިހާރު 150 ގަސް ދަނޑުގައި އިންނަނީ." ރަމްޒީ ބުންޏެވެ.

އުމުރުން 32 އަހަރުގައި ދަނޑުވެރިކަމަށް ނިކުތް "ޒުވާން ދަނޑުވެރިޔާ" މި މަސައްކަތް ކުރާތާ މިހާރު 3 އަހަރު ވަނީ ވެފައެވެ. އޭނާ ދެން އެންމެ ބޮޑަށް ތަޖުރިބާކުރަން ބޭނުންވަނީ ރާއްޖޭގައި ކޮފީ ހެއްދުމަށެވެ. އޭނާ މިހާރު ވަނީ މިކަމުގެ އެކްސްޕެރިމަންޓްތައް ކުރަން ފަށާފައެވެ. އޭނާ ބުނީ މިކަން ކުރެވިއްޖެނަމަ އަމިއްލަ ބްރޭންޑަކާއިއެކު ބާޒާރަށް ނެރެވިދާނެކަމަށް ގަބޫލުކުރާކަމަށެވެ.

"މިހާރު އެކްސްޕެރިމަންޓް ކުރަމުންދާ އެއްޗެއް އެބައިން ރާއްޖޭގައި ހައްދަން. އެއީ ކޮފީ ގަސް. ސީޑްސް ގެނެސްގެން ސީޑްސް ވަޅުލައިގެން މިއުޅެނީ ގަސް ފަޅާތޯ. އޭތި ހެއްދިއްޖެ ކަމަށްވަންޏާ ރާއްޖޭގައި ކޮފީ ބީންސް މާކެޓަށް ނެރެވިދާނެކަމަށް ގަބޫލުކުރެވޭ. އެއީ ރާއްޖެއަކީވެސް ހޫނު ތަނަކަށް ވުމުން ކޮފީ ބީންސްއަކީވެސް ރާއްޖޭގައި ހެއްދޭއެއްޗެއް. އަނެއްކާ އެހާ އީލްޑް ބޮޑު އެއްޗެއް ވީމަ ބިލަމަގު ގަހުގައި ބިލަމަގު އާޅާގޮތައް އަޅާ އެއްޗެއް މިއީ. ކޮފީ ބީންސް ހެއްދިއްޔާ އަހަރެމެންނަށްވެސް އަހަރެމެންގެ އަމިއްލަ ބްރޭންޑަކާއި އެކީގައި ނަމެއްދީގެން އެކަންވެސް ކުރެވިދާނެކަމަށް ގަބޫލުކުރެވޭ." ރަމްޒީ ބުންޏެވެ.

ރަމްޒީ ވަނީ މި މަސައްކަތުގައި އޭނާއަށް އެހީތެރިވެދޭ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ހަސަން ޝާހިދު އަދި މުހައްމަދު ވަހީދުގެ ނަން އޭނާ ޚާއްސަކޮށް ފާހަގަކުރިއެވެ. ރަމްޒީ ބުނީ މި ދާއިރާއަށް ޒުވާނުން ނިކުތުމަށް އަދި މި ކަމުގައި އުޅޭ ދަނޑުވެރިންނަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން މިކަމުގައި ކުރިއަށްދިއުމަށް ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.