ޚަބަރު

ރިޟުވާނުގެ ބައްޕަގެ ބަލިހާލަތަށް ނުބަލައި ސިޔާސީ މަންފާ ނަގާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި


ވަގަށްނަގައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ޢަބުދުﷲގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި، ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ބަލައި ގަންނަ ކަމުގައި ރިޟުވާންގެ ޢާއިލާއިން ބުނެފިއެވެ.

މިމައްސަލަ ބެލުމަކީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މައްސައްކަތެވެ. ރިޟުވާން ވަނީ ކަނޑުމައްޗަށް ގެންގޮސް ބޯބުރިކޮށްލައި، ކަނޑުފައްތާލާފައިވާކަން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިކަމަށް ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެގެއެވެ.

މިމައްސަލާގައި އަދިވެސް މަރުކޮމިޝަންގެ މަސައްކަތް ހުއްޓުވުމެއްނެތި ކުރިއަށްދާއިރު، އާއިލާން ވަނީ އެމަސައްކަތް ބަލައިގަންނަކަން ފާހަގަކޮށްފައެވެ. ރިޟުވާންގެ މައްސަލާގައި، އަމިއްލަ ޓީވީ ޗެނަލަކުން ވަނީ ރިޟުވާންގެ ބައްޕަގެ އިންޓަރވިއުއެއް ނަގާފައެވެ. ރިޟުވާންގެ ބައްޕައަކީ އުމުރުން ދުވަސް ބަލިހާލަތު ބޮޑު މީހަކަށްވާއިރު މިއިންޓަވިއު ނަގާފައިވަނީ އާއިލާއަށް އެއްވެސް ވަރަކަށް އަންގާލުމެއްނެތި ކަމަށްވުމުން ޢާއިލާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޟުވާންގެ ދައްތަ ވިދާޅުވީ މިއީ ވަކިސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ރިޟުވާންގެ ބައްޕަގެ ބަލިހާލަތަށް ބެލުމެއްނެތި ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށެވެ. ރިޟުވާންގެ ބައްޕައަކީ އުމުރުން ދުވަސްވެ ބަލިހާލަތު ބޮޑުވުމުން ގިނަ ފަހަރަށް ހަދާންވެސް ހުންނަ މީހެއްކަމަށް ޝެހެނާޒު ވަނީ ބުނެފައެވެ. ރިޟުވާންގެ މައްސަލާގައި ސަރުކާރާއި، ކޮމިޝަނުން ކުރަމުންދާ މަސައްކަތް ޢާއިލާއިން ބަލައި ގަންނަ ކަމަށް ރިޟުވާންގެ ދައްތަ ޝެހެނާޒު ވިދާޅުވިއެވެ.

"ބައްޕައަކީ މިހާރު ބަލިމީހެއް. ކަންކަން އެންމެ ރަނގަޅަށް ހަނދާންވެސް ނުހުރޭ. ބައްޕަގެ ބަލިހާލަތާއިމެދު ކުޑަކޮށްވެސް ރިޢާޔަތް ކުރުމެއްނެތި ވަކި ސިޔާސީ ވިސްނުމެއްގައި މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގީތީ ޢާއިލާއިން އިންތިހާއަށް ކަންބޮޑުވަން. ރިޟުވާންގެ މައްސަލާގައި ސަރުކާރާއި ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާކަމާއި އަދި އެމަސައްކަތް ޢާއިލާއިން ބަލައި ގަންނަން." ރިޟުވާންގެ ދައްތަ ކުރި ޕޯސްޓްގައި ބުނެފައިވެއެވެ. 

ރިޟުވާން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން، 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.