ޚަބަރު

12 ކިލޯގެ މަސްތުވާތަކެތި: ދެމީހަކަށް ދަޢުވާކޮށް، އެކަކު ޑީޕޯޓް ކުރަނީ


ރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާކޮށް އެކަކު ޑީޕޯޓްކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގިއޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ނ. ވެލިދޫ، މަރިޔާޒް، އުމުރުން 30 އަހަރުގެ މުޙައްމަދު ޢަބްދުއްލަޠީފާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ކަވްސަރު އަލަމްއެވެ.

މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ނ.ވެލިދޫ މަރިޔާޒް، މުހައްމަދު ޢަބްދުއްލަތީފް އަދި އިންޑީއާގެ ރައްޔިތެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީއެވެ.

ސުމޭޝް ކޭއޭ ކްރިޝްޓެން ކުޓީގެ މައްޗަށް ދެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. އެއީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި އަބްދުލް ލަތީފްގެ މައްޗަށް ވަނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ސުމޭޝް ކޭއޭ ކްރިޝްނަންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމިއިރު، އަބްދުއްލަތީފްގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ހުށަހަޅަން ނިންމީ ޑްރަގް ކޯޓަށެވެ.

ކައުސަރު އަލަމްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައިވާކަމަށް ނުފެންނާތީ، އޭނާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަންގައި ދެންނެވުމަށް ޕީޖީ އޮފީހުންވަނީ ފުލުހުންނަށް ލަފާ ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.