ޚަބަރު

މަޖިލީހުގައި ގިނަ މަސައްކަތްތަކެއް، 20 ބިލެއްގެ މަސައްކަތް ކުރިއަށް


މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު، މަޖިލީހުގައި ނިންމަން ގިނަ މަސައްކަތްތަކެއް ހުރިކަމުގައި މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ. މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ތަޅުމުގައި މަސައްކަތްތައް މަދު ނަމަވެސް ކޮމެޓީތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަކަށް ބަދަލުތަކާއިއެކު މިހާރު ފަށާފައިވާ މަޖިލީހުގެ ދެވަނަ ދައުރަކީ އަހަރުގެ އެންމެ ކުރި ދައުރެވެ. މިދައުރުގެ މަސައްކަތް ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ. މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ހަފްތާގައި ތަޅުމުގައި ފެނިގެންދިޔައީ މަސައްކަތް މަދު ހަފްތާއެއްގެ ގޮތުގައެވެ. ކޮންމެ ދުވަހަކުވެސް ވަޒީރަކާއި ސުވާލު ކުރުންފިޔަވައި ތަޅުމުގައި އިތުރު މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދު ނަމަވެސް، ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ދަނީ ކުރެވެމުންނެވެ. މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މަޖިލީހުގައި މިހާރުވެސް ތަފާތު 11 ކޮމެޓީއެއްގައި 20 ބިލެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ވިހި ބިލުމުގެ ތެރެއިން 9 ބިލެއްގެ މަސައްކަތް ނިންމަށް ކަނޑައެޅި ސުންގަނޑި ވަނީ ހަމަވެފައެވެ. އަދި މިމަހުގެ 3 ބިލެއް ނިންމުމަށް އަމާޒު ހިފާފައިވާއިރު މިފެށޭ ޖޫން މަހަށް 4 ބިލެއް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.

ކޮމެޓީތަކުގައި ކުރިއަށްދާ މުހިންމު ބިލުތަކުގެ ތެރޭގައި، އިޤްތިޞާދީ ކޮމިޓީގައި ކުރިއަށްދާ ކުންފުނީގެ ބިލާއި، ޖުޑީޝިއަރީ ކޮމިޓީގައި ކުރިއަށްދާ ހެއްކާބެހޭ ބިލާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މާލިއްޔަތު ކޮމިޓީގައި ކުރިއަށްދާ އިންޝުއަރެންސްއާބެހޭ ބިލު ހިމެނެއެވެ.

ބިލުތަކުގެ އިތުރުން މަޖިލީހުގެ 10 ކޮމެޓީއެއްގައި މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރުތަކާއި މައްސަލަކުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ މެންބަރުން ހުށަހެޅުއްވި 6 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅުއްވި 3 މައްސަލައަކާއި، 7 ޤަރާރެއްގެ އިތުރުން އެހެނިހެން ރިޕޯޓުގެ ގޮތުގައި ފާހަގަ ކުރެވޭ ރިޕޯޓެއްގެ މަސައްކަތެވެ.

މަޖިލީހުގެ މިދައުރުގައިވެސް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމިހުރި ބައެއް ބިލްތަކުގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމެޓީތަކުން ދަނީ ކުރަމުންނެވެ.