ޚަބަރު

އައްޑޫގައި ހަދާ ނުރައްކާތެރި ކުނި ރައްކާކުރާ ފެސިލިޓީއާ ގުޅޭގޮތުން ޚިޔާލު ހުށަހަޅަން ހުޅުވާލައިފި


އައްޑޫ ސިޓީގައި އެޅުމަށް ނިންމުމާފައިވާ ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރާ މަރުކަޒާ ގުޅިގެން، އައްޑޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާ ހުށައެޅުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން، ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ.

މި މަޝްރޫޢަށް އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވަނީ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނެގަތުމުގެ ސާވޭގެ މަސައްކަތުގައި ހިމަނައިގެންނެވެ. އޮންލައިންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މަޝްރޫޢާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލާއި ޝަކުވާ ހުށަހެޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި ފެސިލިޓީއަކީ ނުރައްކާތެރި ކުނި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެކުރިން، އެ ތަކެތި ރައްކާތެރިކަމާއެކު ބަހައްޓާ، ބެލެހެއްޓުމަށް ތަރައްޤީކުރާ ފެސިިލިޓީއެކެވެ.

މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ.

އައްޑޫ ސިޓީގައި ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫޢުއެއް ސަރުކާރުންވަނީ ފަށާފައެވެ. މި މަޝްރޫޢުގައި ހިމެނޭ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކޮށްފައިވާ ޕްލާންޓެކެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ 16 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.