ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ 5ޖީ ނެޓްވޯކްތަކުން ވާވޭއާއި ޒެޑްޓީއީ ކުންފުނި ބޭރުކޮށްލަނީ


ކެނެޑާގެ 5ޖީ ނެޓްވޯކްތަކުގައި މަސައްކަތްކުރުން ޗައިނާގެ ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް މަނާކޮށްފިއެވެ.

ޗައިނާގެ ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް ކެނެޑާގެ 5ޖީ ނެޓްވޯކްތަކަށް މަނާކުރިކަން އިއުލާންކޮށްފައިވަނީ މިދިޔަ އަންގާރަދުވަހު ކެނެޑާގެ އިންޑަސްޓްރީ މިނިސްޓްރީންނެވެ.

ކެނެޑާގެ އިންޑަސްޓްރީ މިނިސްޓްރީން ބުނީ ކެނެޑާގެ 5ޖީ ނެޓްވޯކްތަކުގައި މަސައްކަތްކުރުން ޗައިނާގެ ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް މަނާކުރުމުން ކެނެޑާގެ މޮބައިލް އިންޓަނެޓްގެ ހިދުމަތް ރަނގަޅުވެ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނޭކަމަށެވެ.

ކެނެޑާއިން އެޅި ފިޔަވަޅާއެކު ކެނެޑާގެ ޓެލެކޮމް ކުންފުނިތަކަށް ވާވޭއާއި ޒެޑްޓީއީ ކުންފުނީގެ އުފެއްދުންތައް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އެ ދެ ކުންފުނީގެ އުފެއްދުންތައް ނުވަތަ އާލާތްތައް ބޭނުންކޮށްފައިވާ ކުންފުނިތަކުން އެ އެއްޗެހި ނަގަންވެސް ޖެހެއެވެ.

ކެނެޑާއިން ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް ފިޔަވަޅު އަޅާފައިވާއިރު، އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުންވެސް ވަނީ އެކުންފުނިތަކަށް ފިޔަވަޅު އަޅާފައެވެ. މި ޤައުމުތަކަކީ ކެނެޑާއާއެކު އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުންތައް ހުރި ޤައުމުތަކަށްވުމުން، ކެނެޑާއިންވެސް ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް ފިޔަވަޅު އަޅާނެކަމަށް މާކުރިންވެސް އޮތީ ބެލެވިފައެވެ.

ކެނެޑާގެ ކަމާއިބެހޭ ފަރާތްތަކުން ބުނީ ވާވޭއާއި ޒެޑްޓީއީ ކުންފުންޏަށް ފިޔަވަޅު އަޅަން ނިންމީ ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެ ގާތް ޤައުމުތަކުގެ ލަފާގެ މަތިންކަމަށެވެ.

ކެނެޑާއިން ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެޅި ފިޔަވަޅާއި ގުޅިގެން ޗައިނާ ސަރުކާރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޗައިނާ ސަރުކާރުން ބުނާގޮތުން މިއީ ޗައިނާގެ ކުންފުނިތައް އިނދަޖައްސާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވާގިދޭން ކެނެޑާއިން ނިންމި ނިންމުމެކެވެ.

ނަަމަވެސް ކެނެޑާއިން ފިޔަވަޅު އެޅި ކުންފުނިތަކުން މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.