ތަރައްްޤީ

ވީއައިއޭގެ އައު ޓަރމިނަލް - ޒަމާނީ ތަރައްޤީއާއެކު ޖަޒީރާވަންތަކަމުގެ އިޙްސާސް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެރިކަމަށް ވަޑައިގަތީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއަކާއެކުއެވެ. މިއީ ދިވެހި ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާ ޖަޒީރާވަންތަ ސިފަތަކަށް އަސަރު ނުކުރާނެހެން ޤައުމު ތަރައްޤީކުރެއްވުމުގައި މި ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެވެ. ގުދުރަތުން ލިބިހުރި މުއްސަނދި ވަޞީލަތްތަކަށް އިތުރު ދިރުން ގެނެސްގެން، މުޅި ރާއްޖެއަށް މި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލަކީ ޖަޒީރާވަންތަ ތަރައްޤީއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރައްވަމުން ގެންދަވަނީވެސް މި ދެންނެވި އަމާޒަށް ވާޞިލުވުމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި އުޞޫލަކުން ދެމެހެއްޓެނިވި ތަރައްޤީގެ މިސްރާބަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރެކެވެ. ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މިވަގުތު ކުރިއަށްދާ ބައެއް ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރުވެސް، މިދެންނެވި އަމާޒަށް ވާޞިލުވުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން އަންނަނީ ގެންނަވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަސެންޖަރުންގެ އައު ޓަރމިނަލަކީ މިކަމުގެ އެއް މިސާލެވެ. 2017ވަނަ އަހަރު ފަހުކޮޅު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ކުރެހުންތަކަށް މި ސަރުކާރުން ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި، ބައިވެރިވުމާއި، އެމަނިކުފާނުގެ ޚިޔާލުފުޅާއި ލަފާފުޅުގެ މަތިން ގެންނެވި ބަދަލުތަކެވެ. އައު ޓަރމިނަލް ކުރިން ފަރުމާކޮށްފައި ވާގޮތުން އެތަން ސިފަވީ "ބިއްލޫރި ކޮށިގަނޑެއް"ގެ ގޮތުގައެވެ. ޒަމާނީ ގޮތްތަކެއް ހުރިނަމަވެސް ދިވެހިރާއްޖެއާއި ދިވެހިވަންތަކަން ރަމްޒުކޮށްދޭނެ އެއްވެސް ކަމެއް ފަރުމާގައި ހިމަނާފައެއްނުވެއެވެ.

އެހެންކަމުން ދިވެހި ސަރުކާރުން ވަނީ އެމް.އޭ.ސީ.އެލާއި މި މަޝްރޫޢު ޙަވާލުކޮށްފައިވާ ސަޢުދީ ބިންލާދިން ގްރޫޕާއެކު މަޝްވަރާކޮށް، މަޝްރޫޢުގެ ފަރުމާއަށް ބަދަލުތަކެއްގެނެސް 2019ވަނަ އަހަރު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަވާފައެވެ. ޓަރމިނަލްގެ އެތެރެއާއި ބޭރުގެ ފަރުމާއަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ އިމާރާތުގެ ފަސާޑުގެ ޑިޒައިނަށް ނުވަތަ ކުރިމަތިން ޢިމާރާތް ފެންނައިރު ކުރިމައްޗާވީ ފަރާތަށް ގެނެވުނު ބަދަލުތަކެވެ.

"އައު ފަރުމާއާއެކި ޖަޒީރާވަންތަ ސިފަތަކެއް"

އައު ފަރުމާއިން ފެނިގެންދާ އެންމެ ހިތްގައިމުކަމަކީ ޓަރމިނަލްގެ ބޭރުން ކުރިމައްޗަށްވާ ފަރާތް ރާޅުތައް ސިފަވާފަދަ ގޮތަކަށް ފަރުމާކޮށްފައިވުމެވެ.

ޓަރމިނަލް ޢިމާރާތުގެ ބޭރުން ކުރިމައްޗަށްވާ ފަރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އާސާރީ މިސްކިތްތަކާއި، ބިނާތަކުގައި ފެންނަން ހުންނަފަދަ ކުރެހުންތަކާއި، ދިވެހިވަންތައް ފަރުމާއަކަށެވެ. ގެނެވުނު ބަދަލުތަކާއެކު ޓަރމިނަލްގެ ޢާއްމު ސަރަހައްދު ނުވަތަ ހިނގާބިނގާވެ އުޅޭ ސަރަޙައްދަށް އިތުރު 10 މީޓަރުގެ ބައެއް ވަނީ ހިމެނާފައެވެ. އެހެންކަމުން ޓަރމިނަލް ކުރިމަތިން ހިނގާފައި ދާ ފަސިންޖަރުންނަށްވެސް ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި ދިވެހިންގެ ސަޤާފަތް ތަޖުރިބާކޮށްލެވޭނެއެވެ.

އައު ޕަސެންޖަރ ޓަރމިނަލްގެ ބޭރުގެ ފަރުމާގެ އިތުރުން އެތެރޭގެ ފަރުމާއަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ޓަރމިނަލަށް ވަންނައިރު، ގޮނޑުދޮށުގައި އުޅެފައި އެއްގަމަށް އަރައިގެން ފުރައިގެންދާފަދަ ތަޖުރިބާއެއް ކޮށްލެވޭނެހެން ގަދަ ނޫ ކުލައިން މަޑު ނޫކުލަށް ބަދަލުވާގޮތަށް ފްލޯރއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ސީލިން ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ރަމްޒުކޮށްދޭގޮތަށެވެ.

ޑިޕާރޗަރ ހޯލުން ޗެކިންވެ، އިމިގްރޭޝަން ކައުންޓަރުތަކުން އެތެރެވުމަށްފަހު ގޭޓްތަކަށްދާއިރު، މަޑު ނޫކުލައާއި ވިލުނޫކުލައާއި، ގޮނޑުދޮށުގައި ހުންނަފަދަ ހުދުކުލަ ޢިމާރާތުގެ ތަޅުމާއި ފާރުތަކުން ފެންނާނެއެވެ.

ފުރާމީހުންގެ ހޯލާ ޚިލާފަށް އަންނަ މީހުންގެ ހޯލްގެ ތަޅުންގަނޑުގެ ޖާގަވެސް ފަރުމާކޮށްފައިވަނީ މަޑު ނުލުން ގަދަ ނުލަށް ބަދަލުވާގޮތަށެވެ.

ފްލައިޓުން ފައިބައިގެން ޓަރމިނަލް ތެރެއަށް ވަންނައިރު ފަސެންޖަރުންނަށް ފުރަތަމަ ފެނިގެންދާނީ މަޑު ނުލެކެވެ. އެއަށްފަހު މޫދުގައި ހުންނަ ކުލަތައް ޓަރމިނަލްގެ އެކި ހިސާބުތަކުން ފެންނަންހުންނާނެއެވެ. އަދި އަރައިވަލް ހޯލުގެ ފާރުތަކުން ދިވެހިންގެ ސަޤާފަތާއި ތާރީޚު ރަމްޒުކޮށްދޭ ފަރުމާގތައް ފެނިގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލުގެ ޑިޒައިނަށް ގެނައި ބަދަލުތަކާއެކު، އެތަން ނިމިގެންދާއިރު، މުޅި އެއަރޕޯޓުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެއެވެ. މިއީ އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ޒަމާނީ ތަރައްޤީގެ ހިތްގައިމުކަމާއެކު، ރާއްޖޭގެ ޖަޒީރާވަންތަކަމާއި، ދިވެހިންގެ އަމިއްލަ ސަޤާފަތް ވަރަށް ފުރިހަމައަށް ތަޖުރިބާކޮށްލެވޭނެ ތަނަކަށްވެގެންދާނެއެވެ.

މަސައްކަތް ހުއްޓިފައި ވަނިކޮށް އަލުން ފެށީ މިސަރުކާރުން

ވެލާނާ އެއަރޕޯޓުގެ ފަސެންޖަރުންގެ ޓަރމިނަލްގެ މަޝްރޫޢު ފެށީ ނިމިދިޔަ ސަރުކާރުންނެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވިއިރު، މަޝްރޫޢުގެ އެތައް މައްސަލައެއް ދިމާވެ މަސައްކަތް އޮތީ މުޅިންހެން ހުއްޓިފައެވެ. އެގޮތުން މަޝްރޫޢުގެ ފަންޑިން މުޅިން ޖަހަމައްސާފައި ނެތުމުގެ ސަބަބުން ފައިސާގެ ދަތިކަމާކުރިމަތި މަޝްރޫޢު އަލުން ކުރިއަށް ނުދާނޭ ހިސާބަށް ގޮސްދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ވަނީ އަލުން މިކަން ބައްލަވައި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މަޝްރޫޢަށް ބޭނުންވާ ފަންޑު އަލުން ހޯއްދަވައި ކަށަވަރުކުރެއްވިއެވެ. އަދި މަޝްރުޢު ކުރިއަށްގެންދާ ގޮތާކާއި ރަނުގެ ޑިޒައިނާއި އެނޫންވެސް ކަންކަމަށް ހަރުދަނާ ބަދަލުތައް ގެންނެވިއެވެ.

ވެލާނާ އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއެއް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަކަމަށް އެސަރުކާރުން ވިދާޅުވިނަމަވެސް، އެއަރޕޯޓުގެ މަޝްރޫއުގެ ތެރެއިން ކުރެވިފައި އޮތް ހަމައެކަނި މަސައްކަތަކީ ރަންވޭގެ މަސައްކަތެވެ. އެހެންކަމުން ފަސެންޖަރުންގެ ޓަރމިނަލްގެ މަޝްރޫޢު ފެށީވެސް މިސަރުކާރުގެ ވެރިކަމުގައޭ ދަންނަވަން ޖެހެއެވެ.