ޚަބަރު

ރަށްގިރުމުގެ މައްސަލައާއި އޭގެ ޙައްލު!


ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުން އަންނަ ވާހަކައަކީ ފަހަކަށް އައިސް އަބަދުވެސް އަޑުއިވެމުން އަންނަ ވާހަކަތަކެވެ. މީއީ ރަށްރަށުގައި ދިރިއުޅޭ ޢާއްމު ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތައް ގިރަމުން އަންނަކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. މިހާބޮޑަށް ރަށްތައް ގިރުމަށް ދިމާވާ ސަބަބުތަކެއް ކަމަށް ކަމާގުޅުންހުރި އިދާރާތަކުން ހާމަކުރާ ބައެއް ކަންކަން އެބަހުއްޓެވެ.

ރަށް ގިރަނީ ކީއްވެ؟

ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަން ދިމާވާ އެއް ސަބަބަކީ އިންޑިއާ ކަނޑުގައި ބައެއް ފަހަރު ކުރިމަތިވާ ޚާއްސަ ހާލަތެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުންނެވެ. ދުނިޔެއަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ 5 އަހަރަކާއި 10 އަހަރަކު މޫސުމަށް މި ބަދަލުތައް އާދެއެވެ.

އެހެންނަމަވެސް މޫސުމަށް ދިމާވެފައިވާ ޙާލަތު ބަދަލުވުމުން ރަށްތަކުން ގިރާލި ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތުވެސް އެބައޮތެވެ. ނުވަތަ އެއްފަހަރު ރަށް ގިރިއްޔާ އަނެއްފަހަރު ވޮޑޭނެއެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގެ ރަށްރަށަށް ދިމާވާ ކަމެކެވެ. ރަށުގެ އެއް ފަރާތުން ގިލާލާ ވެލިގަނޑު އަނެއް ފަރާތަށް ވޮޑިފައި ހުރެއެވެ. އެހެންނަމަވެސް ފަހަކަށްއައިސް އަޅުގަނޑުމެންގެ ބައް ޢަމަލުތަކާއި ތިމާވެއްޓާ ބީރައްޓެކި ކަންކަމާއި ދުނިޔޭގެ މޫސުމަށް އަންނަ އާދަޔާ ޚިލާފު ބަދަލުތަކުގެ ސަބަބުން ޤުދުރަތީ ނިޒާމަށް ބޮޑެތި ބަދަލު އަންނަމުން ދެއެވެ. ރަށްރަށުން ގިލާބައި އާދަޔާ ޚިލާފަށް ބޮޑު، އަލުން ވޮޑުންވެސް ނެތިދެއެވެ.

މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރަށް އަޅުގަނޑުމެންގެ ބައެއް ނޭދެވޭ ޢަމަލުތަކުގެ ސަބަބުންވެސް ރަށް ގިރުމަށް މަގުފަހިވެ ރަށަށް ގެއްލުން ވަމުންދެއެވެ. ޚާއްސަކޮށް ތަރައްޤީގެ ބައެއް މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކައި އީއައިއޭ ރަނގަޅަށް ނަހަަދައި، ކަންކަން ކުރިއަށް ގެންދިއުމުގެސަބަބުން ވެސް މިފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ރަށްގިރުމުގެ މައްސަލަތައް އިންތިހާއަށް ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާއިރު ގޮނޑުދޮށާ ކައިީގައި ދިރިއުޅޭ މީހުންނަށް އެތަކެއް އުނދަގޫތަކެއްވެ ދިރިއުޅޭ ގެއިން އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހޭ ފަހަރުވެސް އާދެއެވެ. ހަމައެހެންމެ ދަނޑުގޮވާންތަކާއި މުދަލަށް ގެއްލުން ލިބިދާނެކަމަށް ބަލާ ހޭލާ ތިބެންޖެހޭ ހާލަތްތައް މަދުންނަމަވެސް ދިމާވެއެވެ. މީގެއިތުރަށް ރާއްޖެއަކީ މިހާރު ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްކަމަށްވާއިރު، ރަށްރަށުގައި މި ސިނާޢަތް ކުރިއަށް ގެންދިޔމަށް ދަތިވާ ހާލަތްތައްވެސް އާދެއެވެ.

އެހެންކަމުން ރަށްގިރަން ފެށުމުން އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރަން ތިބުމުގެ ކުރިން ކުރަންޖެހޭ ކަމެއް އެބައޮތެވެ. ރަށްގިރުންފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ޙައްލުވާނީ އެކަންކަން ކުރިމަތިވާ ސަބަބުތައް ނައްތާލެވޭތޯ މަސައްކަތްކޮށްގެންނެވެ.

1990 ފެށިގެންވެސް ރަތަފަންދޫ ގޮނޑު ދޮށް އަންނަނީ ގިރަމުން

ރަށް ގިރުމުގެ މައްސަލަ ދިމަވެފައިވާ ރަށްތަކުގެ ތެރެއިން ގދ.ރަތަފަންދޫއަށް ދިމާވެފައިވާ މައްސަލައަށް ބަލާލާނަމެވެ.

ދާދިފަހުން އަޅުގަނޑު ރަތަފަންދޫއަށް ގޮސް އެރަށައް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާ ގުޅޭގޮތުން ރަށުގެ ބައެއް އިސްވެރިންނާ ވާހަކަ ދައްލާލީމެވެ. މިއީ އެރަށައް ދިމާވެފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ބޮޑު އެއް މައްސަލައެވެ. ރައްޔިތުން ތިބީ، 1990ވަނަ އހަރުން ފެށިގެން އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ ރަށު މީހުން ބުނާގޮތޮތުގައި މިހާރު އެންމެ ބޮޑަށް ގިރަމުން އަންނަ ސަރައްހައްދުގައި ގެތައްވެސް ހުއްޓެވެ. ނަމަވެސް މިހާރު ފެންނަން ހުރީ އެ ގެތަކުގެ ވަށާ ފާރުގެވެސް ކުޑަކުޑަބައެކެވެ.

ރާޅު އަރައި ގެތަކަށް ގެއްލުންވެ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަނީ ރަށުގެ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ، މިގޮތުން އޭރު މޫދާ 50 ފޫޓް ދުރުގައި ގެތައް ހުރިނަމަވެސް މިހާރު އޭގެ 100 ވަރަކަށް ފޫޓް އެއްގަން ގިރާފައި ވާކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު ރަށަށް ރާޅު އަރާއިރު ގޭގެ ފާރުމަތިން ރާޅު އަރާ ގެތަކަށް ލޮނުވަދެވެ. އެއާއެކު ގޭގައި ގެންގުޅޭ ތަކެއްޗަށް ދަނީ ގެއްލުން ވަމުންނެވެ. މީގެ އިތުރަށް ވިއްސާރަވެއްޖެނަމަ ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ މީހުން ތިބެންޖެހެނީ ނުނިދާ ހޭލައެވެ. ދަނަޑު ގޮވާންތަކަށް ގެއްލުން ލިބި އެތަކެއް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ރަތަފަންދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމުގެ ގޮތުން މިހާރު މިވަނީ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ނިންމާފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މިދިޔަ މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ފެށުމަށް މިހާރު އީއައިއޭ މަސައްކަތް ނިންމާ މޮބަލައިޒް ކުރަން ވަނީ ތައްޔާރުވެފައެވެ. މި މަސައްކަތަކީ އަވަހަށް ނިންމަންޖެހޭ މަސައްކަތެއްކަމުން މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. 210 ދުވަސް ތެރޭ ނިންމުމަށް ހަވާލްކޮށްފައިވާ މި މަސައްކަތުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6،600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ. ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫއަކީ 27.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ނިމުމާއެކު ރަށުގެ ރައްޔިތުން މިހާރު އުފުލަންޖެހޭ ތަކުލީފްތައް ނިމުމަކަށް އަންނާނެއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއަށް ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 79 ރަށަކުން ރަށްގިރާ މައްސަލަ ހުށަހަޅާފައިވާއިރު ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރަށްގިރާ އަދަދު ވަނީ އިތުރުވެފައެވެ.

ރަށްގިރުން ހުއްޓުވޭނެ ތަފާތު އުފެއްދުމެއް ސައިންސްވެރިން ރާއްޖޭގައި ޓެސްޓެއްކުރި

ރާއްޖެއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދީ ގޮނޑުދޮށްތައް ރައްކާތެރިކޮށްދޭނެ އުފެއްދުމެއް ސައިންސްވެރިން ރާއްޖޭގައި 2020ވަނަ އހަރު ވަނީ ޓެސްޓްކޮށްފައެވެ. މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ތަޖުރިބާކާރުން އުފައްދާފައިވާ މި އުފެއްދުމަކީ ރާޅާއި އެކު ގޮނޑުދޮށްތަކުން ވެލި ދަމައިގަނެ ރަށްގިރުން ހުއްޓުވައި، ގޮނޑުދޮށްތަކަށް ވެލިއެރުވުމަށް ފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ބްލޭޑާއެއް ނުވަތަ ހުރަހެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ޓީމުގައި ހަރަކާތްތެރިވާ އިސް ތަޖުރިބާކާރެއް ކަމަށްވާ ސްކައިލާ ޓިބިޓްސް ނޫސްތަކުގައި ބުނެފައިވާގޮތުން، މިއީ ރާއްޖެފަދަ ޖަޒީރާ ރަށްތައް ހިމެނޭ ޤައުމުތަކަށް ވަރަށް އެކަށީގެންވާ އީޖާދެކެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމާއެކު ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތައް ހިމާޔަތްކުރުމަށް މިއީ ކާމިޔާބު އުފެއްދުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އެމްއައިޓީގެ ތަޖުރިބާކާރުން ވަނީ ރާއްޖޭގެ ރިސޯޓެއްގައި މި އުފެއްދުމުގެ ފަރުމާއެއް ބޭނުންކޮށްގެން 2020ވަނަ އަހރުގެ ތެރޭގައި ދިރާސާއެއް ކުރިޔަށް ގެންގޮސްފައެވެ. ސްކައިލާ ޓިބިޓްސް ބުނެފައިވާ ގޮތުގައި އެ ދިރާސާ ކުރިއަށް ގެންދިޔަ ދުވަސްތަކުގައި އެ ރަށުގެ އައްސޭރިން މޫދުގައި ހަރުކުރި ބްލޭޑާގެ އެހީގައި އެ ސަރަޙައްދުގެ އައްސޭރިން ދޮޅު ފޫޓު އިތުރުވެފައިވާ ކަމަށެވެ. މި މުއްދަތުގައި ގާތްގަނޑަކަށް 10600 އަކަފޫޓުގެ ވެލި އެ ސަރަޙައްދަށް އަރާފައިވާކަން ވެސް ދިރާސާއިން ހާމަވެފައިވެއެވެ.

އެމްއައިޓީން އުފެއްދި ރަށްގިރުން ހުއްޓުވައި، ގޮނޑުދޮށް ބޮޑު ކުރުމަށް އެހީވެދޭ ބްލޭޑާ އަކީ އެއިރެއްގައި ލޮނުގަނޑު އޮންނަ އުސްމިނަކާއި އެއްވަރަކަށް އެޖެސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ބްލޭޑާތައް ފަރުމާކުރެވިފައިވާ ގޮތުން، ރާޅާއި އެކު ރަށާއިވީ ފަޅިއަށްދާ ވެލި މި ބްލޭޑާ ހުރަސްކޮށް ދިއުމަށްފަހު އަނބުރާ މޫދަށް ދަމައިގަތުމަށް ހުރަހަކަށް ވެއެވެ.

އެމްއައިޓީން ބުނާގޮތުން، ދުނިޔޭގައި މީހުން ދިރިއުޅޭ %40 ރަށްރަށަކީ ރަށްގިރުމުގެ ނުރައްކަލާއި ކުރިމަތިވެފައިވާ ރަށްތަކެއް ކަމަށެވެ. އެހެންކަމުން އެ ޓީމުގެ އަމާޒަކީ، މި މައްސަލަ މުޅި ދުނިޔޭގައިވެސް ޙައްލު ކުރެވޭނެ އީޖާދެއް ފަރުމާކޮށް އެކަން ޙާސިލްކުރުން ކަމަށް އެފަރާތުން ބުނެފައިވެއެވެ.