ޚަބަރު

އަމީނީ މަގުގައި ތާރުއަޅަން ތައްޔާރުވަނީ


މާލޭ އަމީނީ މަގުގައި ތާރުއަޅައިގެ އެ މަގު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަނޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކު ވިދާޅުވެއްޖެއެވެ.

އާރްޑީސީން އަންނަނީ އަމީނީ މަގުގެ އިތުރަށް މާލޭގެ އެހެން މަގުތައްވެސް ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފެށުމައް ތައްޔާރު ވަމުންނެވެ. އަމީނީ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އަމީނީ މަގު ހިމެނޭހެން ޖުމުލަ 15 މަގެއްގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުތަކާއި ހަލާކުވެފައިވާ މަގުތައްވެސް ހިމެނެއެވެ. މިގޮތުން މާލޭ އަމީނީ މަގަކީ ކާރޫބާރޫބޮޑު އަދި ގިނަ ދުވަސް ވުމުގެ ސަބަބުން އެންމެ ބޮޑަށް ހަލާކުވެފައިވާ އެއްމަގެވެ. މި މަގު އެހެން އޮތުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

ޕީއެސްއެއް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އަމީނީ މަގުގައިވެސް ތާރު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ތާރުގެ މަސައްކަތް ނިމުމާއެކު އެ މަގަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެގެން އަންނާނެކަމަށް މޫސާ އަލިމަނިކު ވިދާޅުވިއެވެ. މިގޮތުން އެ މަގުވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އަލުން ކޮންނަން ނުޖެހޭ ގޮތަށް ފަޔަރ ހައިޑްރެންޓް ސިސްޓަމާއި، ފެން ހިންދޭނެ ނިޒާމު ޤާއިމްކޮށްގެންނެވެ.

އަމީނީ މަގުގައި 10.2 މީޓަރު ފުޅާމިނަށް ތާރު އަޅައިގެން ތަރައްޤީ ކުރާނެއެވެ. މި މަގަށް ބަލާއިރު އެމަގަކީ ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ އެކަމުގެ ސަބަބުން ތާފާތު ހިތަމަވެރި ހާދިސާތައްވެސް ހިނގާފައި ހުރި މަގެކެވެ. މީގެ އިތުރުން އެ މަގަކީ ސްކޫލްތަކާއި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އޮފީސްތައް ހިންގަމުން އަންނަ މަގެކެވެ. މީގެ އިތުރަށް ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެ، ފެން ހިނދެން އެތަކެއް ވަގުތުތަކެއް ނަަގައެވެ. އެހެންކަމުން މި މަގު އަލުން ތަރައްޤީ ކުރެވުމުން މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި، މާލޭގައި ތާރުއަޅައިގެން ފުރަތަމަ މަގުތައް ތަރައްޤީކުރީ 2017ވަނަ އަހަރުއެވެ. މި މަސައްކަތް ނިންމާ ޢާއްމުންނަށް ބޭނުންކުރަން ހުޅުވާލީ 2018ވަނަ އަހަރުއެވެ. މި މަސައްކަތުގައި މާފަންނު އިންޑަސްޓްރިއަލް ޒޯނުން ފެށިގެން، ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށްވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ.