ޚަބަރު

"ހިލްޓޮޕް ބައި މުނާ" ލާން ފަސޭހަ، ހިތްގައިމު އެކްޓިވް ވެއަރއެއް


ފެޝަން ޑިޒައިނިންގގެ ދާއިރާއަކީ މިހާރު ދިވެހިރާއްޖޭގައިވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މި ދާއިރާއިން ކިޔަވައިގެން ނިކުންނަށް ޒުވާނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މި ދާއިރާގައި އޮތް ވާދަވެރިކަންވެސް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

މިފަހަރު ދައްކާލަން މިއުޅެނީ ފެޝަން ޑިޒައިނިންގގެ ދާއިރާއިން ރާއްޖޭގައި ތަފާތު ދައްކުވައިދިން ޒުވާނެއްގެ ވާހަކައެކެވެ. ރާއްޖޭގެ ފުރަތަމަ އަމިއްލަ އެކްޓިވް ވެއަރ ކްލޯތިން ލައިން "ހިލްޓޮޕް ބައި މުނާ"އާއެކު އުމުރުން 28 އަހަރުގެ މުނާ ރިޟުވާން މިވަނީ މި ދާއިރާއަށް އިންގިލާބެއް ގެނުވާފައެވެ.

ރާއްޖޭގެ މާކެޓުގައި އެކްޓިވް ވެއަރގެ ގޮތުގައި މިވަގުތު ލިބެން ހުރި ބްރޭންޑްތަކަށް ބަލާއިރު ލީޑްކުރަމުންދަނީ ރާއްޖޭގެ ބޭރުގެ ނަން މަޝްހޫރު ބްރޭންޑްތަކެވެ. ނަމަވެސް "ހިލްޓޮޕް ބައި މުނާ"އާއެކު މުނާ ބޭނުންވަނީ މިކަން ބަދަލުކޮށް، އަމިއްލަ ލޯކަލް ބްރޭންޑްތަކަށްވެސް ބައިނަލްއަޤްވާމީ ބްރޭންޑްތަކާއި އެއްހަމައެއްގައި ފައިހަމަކޮށްލެވިދާނެކަން ސާބިތުކޮށްދިނުމަށެވެ.

މުނާ ބުނިގޮތުގައި ކުޑައިރުންސުރެއް ކުރެހުމާއި ޑިޒައިންނިންގ ދާއިރާއަށް އޭނާގެ ޝައުގުހުރެއެވެ. ބައްޕައަކީވެސް އެކި ކަހަލަ ކްރިއޭޓިވް މަސައްކަތްކުރާ މީހަކަށްވެފައި، މަންމައަކީ ފަހާ މީހަކަށްވުމުން ކުޑައިރުންސުރެ މުނާވެސް ޕެޝަނެއްގެގޮތުގައި ދެކެމުން އައީ ޑިޒައިނިންގގެ ދާއިރާއިން ކުރިއަށްދިއުމެވެ. އަމިއްލަ ބްރޭންޑެއް އުފަންކުރުމަކީ އޭނާ ވަރަށް ކުރިންސުރެއް ދެކެމުން އައި ހުވަފެނެކެވެ. އޭނާ ވަނީ އިންޓީރިއަރ ޑިޒައިނިންގެ ދާއިރާއިން ޑިގްރީ ޙާޞިލުކޮށްފައެވެ.

"ކިޔަވާ ނިންމާފައި އައިސް އެކި ކަންކަން އެކްސްޕްލޯ ކުރަން ފެށީ. ކެއްކުމާއި ކޭކުއެޅުން ކަހަލަ ކަންކަން ކުރިން. އެކަމު އޭރުވެސް ސިކުނޑީގައި އިނދޭ އަމިއްލަ ބްރޭންޑެއް ހަދަން. އަދި އެ އެއްޗަކީ މުނާ ރެޕްރެޒެންޓްކޮށްދޭނެ އެއްޗަކަށްވާން" މުނާ ބުންޏެވެ.

އަމިއްލަ ކްލޯތިން ލައިނެއްގެގޮތުގައި އެކްޓިވް ވެއަރ ނުވަތަ ކުޅިވަރާއި ކަސްރަތުކުރުމުގައި ބޭނުންކުރާ ހެދުންތައް ހެދުމަށް މުނާ ޚިޔާރުކުރީ އޭނާގެ އަމިއްލަ ތަޖުރިބާއަށް ބިނާކޮށްފައެވެ. އެގޮތުން ރާއްޖޭގައި ގަޔަށް ފަސޭހަ އެކްޓިވް ވެއަރ ހޯދަން އުނދަގޫވުމާއި، އަގުބޮޑުވުމަކީ މިކަން ކުރަން އޭނާ އިންސްޕަޔަރ ވި މައިގަނޑު ސަބަބެވެ.

"ހިލްޓޮޕް ބައި މުނާ" ބްރޭންޑްކުރުމުގައި މުނާ އެންމެ ބޮޑަށް ވިސްނީ ކޮންމެ ކުލައެއްގެ ކޮންމެ ސައިޒެއްގެ މީހަކާވެސް ވީހާވެސް ގުޅޭނެހެން "ސިމްޕަލް ލުކް"އެއް ގެނެވޭތޯކަމަށް އޭނާ ބުންޏެވެ. އަދި ބެލީ އެންމެނާގުޅޭނެހެން ޕްލެއިން ޑިޒައިންތަކެއް ގެނެވޭތޯކަމަށް މުނާ ބުންޏެވެ.

"ބޭނުންވީ އަސްލު ޔުނީކް އެއްޗެއް ހަދަން. އެކިގޮތްގޮތަށް ބަލާ އެކްސްޕްލޯރ ކުރަންފެށީ. އަމިއްލައަށް ކުރަހާ، ޑިޒައިންކޮށް، މެޓީރިއަލްސް އެއްޗެހި ބޭރުން ގެނެސް އަމިއްލައަށް ލައިގެން ޓެސްޓުކޮށް ހެދީވެސް" މުނާ ބުންޏެވެ.

މުނާ ހިލްޓޮޕް އެންމެ ފުރަތަމަ ލޯންޗްކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭރު ކޯވިޑް-19ގެ ޙާލަތު ގޯސްވުމާއެކު މި މަސައްކަތަށްވެސް އެކަމުގެ ހިޔަނިވަރަށް ބޮޑަށް އެޅިގެންދިޔައެވެ. މުނާގެ އެކްޓިވް ވެއަރގައި ހިމެނޭ އުފެއްދުންތަކަކީ ރާއްޖޭން ބޭރުން ހައްދައިގެން އެތެރެކުރާ އެއްޗެހިތަކެއްކަމުން، ވަކިން ޚާއްސަކޮށް ފުރަބަންދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ހުއްޓުމުން، މިތަކެތި ގެނެސް ޓެސްޓްކުރުމާއި ޝިޕްކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނުކަން މުނާ ފާހަގަކުރިއެވެ.

އެހެންކަމުން އެކްޓިވް ވެއަރ ކުޑަކޮށް މަޑުޖައްސާލުމަށްފަހު، ކޯވިޑްގެ ޙާލަތާއި ގުޅުވާ މުނާވެސް މިސްރާބު ޖެހީ ފޭސް މާސްކް ހެދުމަށެވެ. 6 ކުލައަކުން ތައްޔާރުކުރި މި މާސްކުތައް ޑިޒައިންކޮށްފައިވަނީ މާސްކުގެ ދެފުށްވެސް ބޭނުންކުރެވޭނެހެން އެއްފުށް ޕްލޭން އަދި އަނެއް ފުށް ޕެޓާނަކާއެކުއެވެ. "ބްރީތަބްލްސް"ގެ ނަމުގައި މުނާ ނެރުނު މި މާސްކް ކަލެކްޝަނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެނުކަމަށް މުނާ ބުނެއެވެ.

ފުރަބަންދުގެ ތެރޭގައިވެސް މުނާ ދިޔާއީ އޭނާގެ އެކްޓިވް ވެއަރ ކްލޯތިން ލައިނަށް ބޭނުންވާ އެކި ކަހަލަ އުފެއްދުންތައް ޑިޒައިންކޮށް ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި "ހިލްޓޮޕް ބައި މުނާ"ގެ އެކްޓިވް ވެއަރތަކަށް ޚާއްސަ ފުރަތަމަ ކަލެކްޝަންކަމުގައިވާ "ޕަވަރ އަޕް" މުނާ ނެރެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މުނާ ބުނާގޮތުން މިއީ އޭނާގެ ޑްރީމް ކަލެކްޝަނެކެވެ.

ޕަވަރ އަޕް ކަލްކެޝަނުގައި އަންހެނުންނަށާއި ފިރިހެނުންނަށްވެސް ޚާއްސަ ތަފާތު 8 ޕްރޮޑަކްޓެއް އޭނާ ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އަންހެނުންނަށް ޚާއްސަ އަތް ކުރު އަދި އަތް ދިގު ޓޮޕާއި, ބުރުގާ އަޅާ ފަރާތްތަކަށް ޚާއްސަ ޓޮޕަކާއި, ހައި ވެއިސްޓް ލެގިންއާއި ސްޕޯޓްސް ބްރާ ހިމެނެއެވެ. އަދި ފިރިހެނުންނަށް ޚާއްސަކޮށްގެން އަތް ކުރު ޓީޝާޓްއަކާއި, ސޯޓަކާއި އަދި ބޭސް ލޭޔާ ލެގިންސް ކަލެކްޝަންގައި ހިމަނާފައިވެއެވެ.

މި ކަލެކްޝަންގައި ހިމެނޭ ހުރިހާ އެއްޗެއްވެސް ޑިޒައިންކޮށްފައިވަނީ ކަލާއި އަޅިކުލަ ބޭނުންކޮށްގެންނެވެ. ސައިޒްތަކުގެ ގޮތުގައި ސްމޯލް، މީޑިއަމް އަދި ލާޖް ހިމެނޭއިރު، ޕްލަސް ސައިޒުވެސް ކަލެކްޝަނަށް އިތުރުކުރުމަށް މުނާ ދަނީ މަސައްކަތްކުރަމުންނެވެ. މި ހުރިހާ އެއްޗެއްވެސް ތައްޔާރުކޮށްފައިވަނީ ގަޔަށް ފަސޭހަ އަދި ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބޭނުންކޮށްގެންނެވެ.

"އެކްޓިވް ވެއަރތަކަކީ ގިނައިރު ލައިގެން އުޅޭ އެއްޗެއްވީމަ ބެލީ ލުއި އަދި ދާހިތްލިޔަސް ނުބައި ވަސް ނުދުވާ ކަހަލަ މެޓީރިއަލަކަށް. ކަލެކްޝަންގައި ހިމެނޭ ހުރިހާ އެއްޗަކީވެސް ވަރަށް ލުއި، ފަސޭހައިން ހިކޭނެ އެއްޗެހި. މިއީ އެންޓި އޮޑާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ މެޓީރިއަލެއް. އަރިމަތީގައިވެސް ހުންނާނީ ސްވެޓް ޕިކިން ފެބްރިކް. އޭރުން ދާހިތްލިޔަސް މާ ބޮޑަށް ގައިގައި ތަތްވެ ބަރެއް ނުވާނެ" މުނާ ބުންޏެވެ.

މިހާތަނަށް އައިރު އާއްމުންގެ ފަރާތުން ހިލްޓޮޕް ބައި މުނާގެ ޕަވަރ އަޕް ކަލެކްޝަނަށް ރަނގަޅު ތަރުޚީބެއް ލިބެމުންދާކަމަށާއި، ފީޑްބެކްވެސް ރަނގަޅުކަން މުނާ ފާހަގަކުރެއެވެ.

ޚާއްސަކޮށް އަތްދިގު ލޫޒް ޓޮޕަށް ބޮޑު ޑިމާންޑެއް އޮންނަކަމަށް މުނާ ބުންޏެވެ. މާސްކާއި އެކްޓިވް ވެއަރގެ އިތުރުން، "ސިމްޕްލީ އާތު" ކަލެކްޝަންގެ ނަމުގައި "އީކޯ މީ ޓޯޓް" ކޮތަޅެއްވެސް މުނާ ނެރެފައިވެއެވެ. މިއީ ދެފުށްވެސް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި ކޮތަޅެކެވެ.

މުނާގެ އަމާޒު މިހާރު ހުރީ "ހިލްޓޮޕް ބައި މުނާ"އަކީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައިވެސް މީހުންގެ އިތުރުބާރު ލިބިފައިވާ މަޤުބޫލު ބްރޭންޑަކަށް ހެދުމުގެ އަޒުމުގައެވެ. ހަމައެހެންމެ މި ބްރޭންޑުގެ ދަށުން އިތުރު އުފެއްދުންތައް މާކެޓަށް ނެރުމަށް މުނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައިވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކަމުންދާއިރު، ރާއްޖޭން ބޭރުގައި ދިވެހިންގެ އުފެއްދުންތައްވެސް މާކެޓްކޮށް ނުވިއްކޭންވީ ސަބަބެއް ނެތްކަމަށް މުނާ ޤަބޫލުކުރެއެވެ. ގިނަ ގޮންޖެހުންތަކަކާއެކުވެސް މުނާ އޭނާގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖައްސަމުންދަނީ އޭނާގެ އާއިލާއާއި ގާތްއެކުވެރިންގެ ހިތްވަރާއި އެހީތެރިކަމާއެކުއެވެ.