ޚަބަރު

ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފި


މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

މި އިންތިޚާބުގައި ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. މި އިންތިޚާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. މި އިންތިޚަބުގައި ނާޒިމާއަށް ލިބިވަޑައިގަތީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓުކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

މި އިންތިޚަބުގައި 2900 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.އަދި މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

މި އިންތިޚާބުގައި ޕީޕީއެމްއާއި އެމްއެންޕީގެ އިތުރުން އެހެން ޕާޓިއަކުން ވާދައެއް ނުކުރެއެވެ. މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.