ޚަބަރު

ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އައްޑޫ ސިޓީގައި އަޅަނީ


އައްޑޫސިޓީގައި ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އަޅަން ނިންމާ އެކަމުގެ ސަރވޭއެއް ކުރަން ފަށައިފިއެވެ.

އެންވަޔރަމަންޓް މިނިސްޓްރީން ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި އާއްމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މި ސަރވޭގައި އައްޑޫ ސިޓީގައި މަހެއްގެ މައްޗަށް އުފެދޭ ނުރައްކާތެރި ކުނީގެ އަދަދާއި ނުރައްކާތެރި ކުނީގެ ގޮތުގައި އުފެދޭ ކުނީގެ ބާވަތްތަކާއި އުފެދޭ ނުރައްކާތެރި ކުންޏާއި މެދު މިހާރު އަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޭބިސީ ފެންވަރުގައި ކުނި ވަކިކުރުމަށް ކުރާ މަސައްކަތްތަކާއި ވަކިކުރުމަށްފަހު ގުދަންކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތުތަކާއި ކުނި މެނޭޖް ކުރާ މަރުކަޒާ ހަމަޔަށް ކުނި ގެންދާނެ ގޮތުގެ ޚިޔާލުތައްވެސް މި ސަރވޭގައި ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ނުރައްކާތެރި ކުނި އުކުމަށް ފީއެއް ނެގުމާއި މެދު ދެކޭ ގޮތާއި ކުނި މެނޭޖްކުރުމަށް ގާއިމްކުރެވޭ މަރުކަޒު އެޅުމަށް ކަނޑައެޅިފައިވާ ސަރައްދާއި މެދު ރައްޔިތުން ދެކޭގޮތްވެސް ހޯދާނެއެވެ. އަދި މަޝްރޫޢުގެ ދަށުން ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ހުށަހަޅާފައިވާ, ރަށުން ބޭރުކުރުމަށް ބޭނުންވާ ވަރަށް ކުނި އެއްކުރެވެންދެން ކުނި ގުދަން ކުރުމާމެދުވެސް އާއްމުންގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އެޅުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓަލޭޝަން މަސައްކަތް ވަނީ ފަށާފައެވެ. މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗަރއިންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މިއީ ގްރީން ފަންޑުން ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށްވަނީ ހަމަޖެހިފައެވެ.