ކުޅިވަރު

އީގަލްސް ބަލިކޮށް ޔޫވީ ހަތަރަކަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޔޫވީ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 29 ވަނަ މިނެޓުގައި އީގަލްސްގެ އިޓަލީ މިޑްފިލްޑަރު ޖިއަކޯމޯ ފަވޭރޯ ވަނީ ނުރައްކާތެރި ހަމަލާ އެއް ފޮނުވާލައިފައެވެ. އެކަމަކު ޔޫވީގެ ކީޕަރު އަޙްމަދު އަނަފް ޒަރިޔަންދު ވަނީ ހުށިޔާރުކަމާއެކު މި ހަމަލާ ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ޔޫވީގެ މުޙައްމަދު ރީހާން އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ލީޑު ޔޫވީން ނެގީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު)އެވެ.

މި ލަނޑާއެކު އީގަލްސްއިން ކުރިއަށް ޖެހި ޔޫވީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ހަންނަ ޖެހި ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ހަންނަ ފޮނުވާލި ހަމަލާއެއް ޔޫވީގެ ކީޕަރު އަނަފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ވަނީ އިތުރު ލަނޑެއް ޖަހާ ޔޫވީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ ހަތަރުވަނައަށް ޔޫވީ ޖެހިލީ ކުޅުނު 12 މެޗުން ހޯދި 17 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށްވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމު ކުރީގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން 33 ޕޮއިންޓް ވަނީ ލިބިފައެވެ.