ޚަބަރު

ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހެއް ދުނިޔޭގެ ރެކޯޑް ފޮތަށް!


ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހެއް، ދުނިޔެއަށް މިހާތަނަށް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި އިންޓަރނޭޝަނަލް ގޭމް ފިޝް އެޗޯސިއޭޝަން އައި.ޖީ.އެފްއިން ކަނޑައަޅައި، ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމަނައިފިއެވެ.

މިމަސް ބޭނީ އައްޑުއަތޮޅުގެ ކަނޑުގެ ސަރަހައްދުން 300 މީޓަރު އަޑިން މިއަހަރުގެ މާޗްމަހުގެ 18 ވަނަދުވަހު ސިންގަޕޫރުގެ ދޮށި އުފައްދާ ކުންފުނި "ޓެމްޕަލް ރީފް" ދޮށިތަކެއް ޓެސްޓްކުރުމަށް އައި އެމެރިކާ މީހެކެވެ.

ދިވެހި ނަމެއް މިހާތަނަށް ދީފައިނުވާ ބްލެކް ސްނޫކް މިމަހުގައި 14.06 ކިލޯގްރާމް ހުރިއިރު، ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

މިހާތަނަށް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި މި މަސް ކަނޑައެޅީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށާއި، އެގޮތުން މަސް ކިރާށާއި މިންއަޅަން ގެންގުޅުނު ހުރިހާ އެއްޗަކާއި އޭގެ ފޮޓޯތައް ވަނީ ބަލާފައެވެ.

ރަސްމީކޮށް މިކަން ހާމަކުރުމުން އެމަސް ބޭނި އެމެރިކާގެ ތެރަރޯޓްއާ އޭނާގެ އިންސްޓަރގްރާމާގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިކަން ކާމިޔާބު ވުމުގައި ވަރަށް ގިނަ ބަޔަކު ވާކަމަށާ، އެގޮތުން ނޫސްވެރިން ކޮށްދިން މަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތެއްކަމަށެވެ. އެގޮތުން ސޮސައިޓީ އޮފް ޕްރޮފެޝަނަލް ޖާނަލިސްޓް އެސްޕީޖޭއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ގޮވައިގެން މަހަށްދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަރގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަންފާހަގަކޮށް އޭނާއަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ ކުރިން އައިޖީއެފްއޭގައި އެންމެ ބޮޑު ބްލެކް ސްނޫކެއްގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ 12.50 ކިލޯ ގްރާމް ނުވަތަ 27 ޕައުންޑްސްގެ ބްލެކް ސްނޫކްއެކެވެ. އެމަސް ބާނާފައި ވަނީ 2017 ވަނަ އަހަރު ޖަޕާންގެ މަސްވެރިއެއްކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހެކެވެ.