ޚަބަރު

ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި އޮތް ނޫސްވެރިކަން މިނިވަންކުރެވިއްޖެ: ރައީސް


ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ހޯދައި ދެއްވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، އޭޝިޔާ ސަރަޙައްދުން ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުވެސްމަކީވެސް ރާއްޖެކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެފަދައިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން މުހިންމުކަމަށާއި، ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ޤާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރެވޭނީވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އެމަނިކުފާނު އުފާކުރައްވާކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާޙައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު ނޫސްވެރިންގެ ވާޖިބު އަދާކޮށް،، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތްނަމަވެސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ރއީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެއީ، ޙަޤީޤަތާއި ތެދު މަޢުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތްކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމަޢެއް ޤަބޫލުކުރާނެ ކަންކަމެއް ނޫންކަމަށާއި، ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިބުމަށްފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަކަށް މިއަދު ނުކުމެވިފައި ތިބިއިރު، މި ނުރައްކާތެރި ބަލިމަޑުކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތަށް ރައީސް ތަޢުރީފްކުރެއްވިއެވެ. އަދި ކުރިމަގުގައިވެސް ދިވެހި ޤައުމަށް ކުރިމަތިވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި، ދިވެހި ނޫސްވެރިންގެ ފަރާތުން މިފަދަ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެނިގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް މިވަގުތު ދިވެހިންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތައްކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކުރަންވީ ކަންކަމާ މެދު، ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގައި ދިވެހި ނޫސްވެރިންނަށް މިހާރަށްވުރެ ފުޅާ ދައުރެއް އަދާކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައިވެސް، ދިވެހި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭކަމަށް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 3ވަނަ ދުވަހެވެ.