ޚަބަރު

މޭޑޭ ހިނގާލުން ބޭއްވުމަށް ފުލުހުން ހުއްދަ ދީފި


މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރައްދުގައި މޭޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން ނުބޭއްވެނެކަމަށް އެންގުމަށްފަހު، އެހެން ސަރަހައްދެއްގައި ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން އިންތިޒާމްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއި ފުލުހުން އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ، ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީ ހިނގާލުމަށް ހުއްދަ ނުދޭން ނިންމާފައެވެ. ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށްގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، އެ ހުށަހެޅުމާއި އެއްގޮތަށް އަމަލުކުރުމަށް ހިނގާލުން އިންތިޒާމްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެ ހިނގާލުން ނުބޭއްވޭނެކަމަށް ފުލުހުން އެންގިއެވެ. އަދި ޞުލްޙަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެކަމަށްވެސް އެ ބައްދަލުވުމުގައި ދަންނަވާފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އޭގެފަހުން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއެކު، އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން މިހާރު ދީފައިވާކަމަށެވެ.

މަސައްކަތްތެރިންގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. މިދުވަސް ރާއްޖޭގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ.