ޚަބަރު

ފެން ހިންދަން ވެލި އަޅަންޖެހޭ ވެލިދޫގެ މަގުތަކަށް ދާއިމީ ޙައްލެއް


2700 މީހުންގެ އާބާދީއެއް އޮންނަ ނ.ވެލިދޫއަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑުރަށެވެ. އަދި އަތޮޅުގެ ޢިގްތިޞާދީ މައި ރަށެވެ. އާބާދީ އިތުރުވަމުން އައުމާއެކު، ރަށަށް އަންނަ ކޮންމެ އުމްރާނީ ތަަރައްޤީއެއްވެފައި ވަނީ ރަށަށް މުހިންމު މަސައްކަތްތަކަށެވެ.

ރަށުގެ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވެފައިތިބީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީވެގެން އައުމެވެ. މީގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. ވެލިދޫގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ރަށުގައި ފަށާފައެވެ. މިއީ ވެލިދޫގައި މަގު ހެދުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢުއެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ ރަށުގެ 10 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެއީ 5 ކިލޯ މީޓަރުގެ މަގުގެ ސަރަޙައްދެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ރަށުގެ ބަނދަރު ސަރަޙައްދުގައި ތާރު އެޅުންވެސް ހިމެނެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސައިން ވިދާޅުވީ ރަށުގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހެދިގެން އައުމަކީ ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ޕްރޮޖެކްޓެއްކަމަށެވެ.

އާތިފް ވިދާޅުވީ ރަށުގައި މަގުތައް ފެންބޮޑުވުމާއި ޗަކަވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާކަމަށެވެ. މީގެ ވަގުތީ ޙައްލެއްގެ ގޮތުން ރަށުގެ ކައުންސިލުން މަގުތަކަށް ފަސްއަޅާ ބަލަހައްޓަވަމުން އައިނަމަވެސް، ރައްޔިތުން ބޭނުންވެފައި ތިބީ ދާއިމީ ޙައްލެއްކަމަށް އާތިފް ވިދާޅުވީއެވެ. އަދި ރަށަކީ ދުއްވާ އުޅަނދުތައްވެސް ގިނަ ރަށަކަށް ވުމާއެކު، މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ބޭނުންވެފައި ތިިބި ކަމެއްކަމަށް އާތިފް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގައި ރަށުގެ މީހުން އާބާދުވެފައިވާ ސަރަޙައްދުގެ ބޮޑެތި ހުރިހާ މަގުތައް ހިމެނެއެވެ.

"މަސައްކަތް ފެށިގެން މިދިޔައީވެސް ރަށުގެ އިންޖީނުގެ ހުރި މަގުން. ދެން ސްކޫލް، ކައުންސިލް، ޕޮލިސް ސްޓޭޝަން، ސިއްޙީ މަރުކަޒީ، ކޯޓު ފަދަ ހުރިހާ ތާކަށް ދެވޭގޮތަށް ހުރި މަގުތަށް މިއީ." އާތިފް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގައި އެންމެ މުހިންމު އެއް މަސައްކަތަކީ ރަށުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ޤާއިމުވެގެން ދިއުމެވެ. އަދި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި ޕްރޮޖެކްޓް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި ޕްރޮޖެކްޓްގެ އަގު 88 މިލިއަން ރުފިޔާއަށް އަރައެވެ.