ޚަބަރު

ފުވައްމުލަކު މަގުތަކުގައި ތާރުއަޅަން ބޭނުންވާ ސާމާނު އެސިޓީއަށް ގެންގޮސްފި


ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެދަށުން މަގުތަކުގައި ތާރުއެޅުމަށް ބޭނުންމާ ސާމާނު އެސިޓީއަށް ގެންގޮސްފިއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ނުނިމި ލަސްވަނީ ބޭނުންވާ ބައެއް ސާމާނު ނުލިބިގެންކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މީގެކުރިން ވިދާޅުވެފައިވެއެވެ.

ފުވައްލުމައް ސިޓީގެ އެތެރޭގެ މަގުތައް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް ޢަމަލީ މަސައްކަތްފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި މަޝްރޫޢުގައި ހިމެނެނީ ރަށުގެ 31 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެއީ 95239 އަކަމީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތުގައި ތާރުއެޅުމުގެކުރިން ކުރާ ޕޭމަންޓާއި އަދި ޖަންކްޝަންތަކުގެ ގިނަ މަސައްކަތްތަކެއްވަނީ ނިންމާފައެވެ. އަދި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައްވަނީ ނިމިފައެވެ.

ނަމަވެސް ތާރުގެ މަސައްކަތް ނުފެށި ލަސްވީ ބޭނުންވާ ސާމާނު ލިބުމުގައި ލަސްތަކެއް ހުރުމުންކަމަށް އެމްޓީސީސީންވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ނުނިމި ލަސްވުމުގެ ކަންވޮޑުވުން ރަށުގެ ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ.

ނަމަވެސް އެމްޓީސީސީން މިހާރު ވިދާޅުވަނީ، ތާރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ލިބި ފުވައްމުލަކަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ތާރުއެޅުމުގެ މަސައްކަތުގައި ހިމެނޭ އޭބީސީ ލޭޔަރ އެޅުމަށް ބޭނުންވާ ހިލަޔާއި އެހެނިހެން މެޓީރިއަލް މިހާރު މަޝްރޫޢުގެ ސައިޓަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ރަށުގެ ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފެން ބޮޑުވުމުގެ މައްސަލައަކީ ފުވައްމުލަކަށް ދިމާވެފައި އޮތް ބޮޑު މައްސަލައެވެ. އެސިޓީގެ މަގުތަކުގެ ފަސްގަނޑު ހަރުވުމާއި ވިއްސާރަވާ ދުވަސްވަރު ފެން ނުހިނދި މަގުތައް ޗަކަވާ މައްސަލަ ފުވައްމުލައް ސިޓީއަށް ވަރަށްބޮޑަށް ކުރިމަތިވެއެވެ.

އެސިޓީގެ އެތެރޭގެ މަގުތައް ހެދުމުގައި ބަލާފައިވަނީ ރަށުގައި ޢާއްމުކޮށް ބޭނުންކުރާ މުހިންމު ބޮޑެތި މަގުތަކަށް އިސްކަން ދިނުމުގެ ތަރުތީބެކެވެ. އެގޮތުން ހޮސްޕިޓަލާއި، ސްކޫލާއި އަދި ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އެތަންތަނަށް ދެވޭނެ މަގުތަކަށް ހިމެނެއެވެ.

މި މަޝްރޫޢުގައި އިތުރަށް ހިމެނެނީ 27،450 އަކަމީޓަރުގެ ސަރަޙައްދެއްގައި ދުވާރުހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ ރަށުގައި ވަށައިގެން އޮންނަ ވަށަމަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ. 2016ވަނަ އަހަރު ފެށި މަސައްކަތް ހުއްޓިފައިވަނިކޮށް، 2019ވަނަ އަހަރު އެމްޓީސީއާ ހަވާލުކޮށް މިހާރުވަނީ މަސައްކަތް މުޅިން ނިންމާލާފައެވެ.

އެގޮތުން ތާރުއަޅައިގެން 20650އަކަ މީޓަރުގެ ސަރަޙައްދެއްވަނީ ތަރައްޤީކޮށްފައެވެ. މިއީ 37 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.