ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މުޖްތަމަޢުން ކުރިން ދެކެމުން އައި ގޮތް މިހާރު މިވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން މިފަދަ މީހުންގެ ތެރޭގައިވެސް މުޖްތަމަޢުގައި އުޅޭ އެހެން މީހުންނެކޭ އެއްފަދައިން ޤައުމަށް ފައިދާހުރި މަސައްކަތް ކުރެވޭ ބައެއްކަން މިވަނީ ސާބިތުވާން ފަށާފައެވެ. އަދި ޙާލަތާއި ހަނގުރާމަކޮށް ދިރިއުޅުމުގައި ކާމިޔާބުހޯދި އަދި ހޯދަމުންދާ ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނޭކަމީ އުފަލާއެކު ފާހަގަކުރާ ކަމެކެވެ.
މިފަދަ ހިތްވަރުގަދަ ދަރިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބިއިރު ރާއްޖޭގެ އުތުރުން ހއ.ދިއްދޫގެ ބޮޑު އާބާދީގެ ތެރޭގައިވެސް މިފަދަ ފަރާތްތައް ފާހަގަކޮށްލެވެއެވެ. އެފަދަ އެއްފަރާތަކީ ހއ.ދިއްދޫ ފިނިފެންމާގޭ މަރިޔަމް ރިޔާޝާ މަޖީދުއެވެ. ގިނަބަޔަކު ދަންނަ ނަމުންނަމަ ޓިޔުޝަން މަރިއްތައެވެ. މަރިޔަމް ރިޔާޝާއަކީ އުފެދުމުގައިވެސް ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތެކެވެ. ނަމަވެސް މައިންބަފައިން މަރިޔަމް ބަލަހައްޓާ ތަރުބިއްޔަތު ކުރަމުން އައީ ފުރިހަމައަށް ލޯތްބާއި އަޅާލުންދީ އެހެން ދަރިންނާއި އެއްވެސް ތަފާތުކުރުމެއްނެތިއެވެ. "ތިޔައީ ބަލިކުއްޖެކޭ" ބުނާ އަޑު އަހަން ބޭނުންނުވާ މަރިޔަމް އަށް ތަޢުލީމީ ހަޔާތުގައި ސްކޫލް މާހަޢުލުގައިވެސް ކުރެވުނު އެއްމެ ހިތި ތަޖްރިބާއަކަށްވީ އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވެލާ އުޅުމުގެ ފުރުޞަތު ނުލިބި ދިޔަދިޔުމެވެ.
ކަންކަމުގައި ފަސްޖެހި ލަދުގަނެފައި ހުންނާކަށް މަރިޔަމް އެއް އިރެއްގައިވެސް ބޭނުމެއް ނުވެއެވެ. ތައުލީމީ ދުވަސްވަރު އެކިގޮތްގޮތުން ކުރިމަތިވަމުން އައި ހުރިހާ އަޑިގުޑަންތަކެއް ގިރާކޮށް އަޒުމާ ހިތްވަރާއެކު މަރިޔަމް ސާބިތުވެ ހުރުމުގެ ނަތީޖާ އަކަށްވީ ހއ އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 10 ނިއްމާ އެންމެ ފުރަތަމަ ޖީސީއީ އޯލެވް ހެދި 12 ދަރިވަރުން ތެރޭގައި މަރިޔަމް ހިމެނިގެން ދިޔަދިއުމެވެ.
ތައުލީމީ ދަތުރު އޯލެވެލްއާއި ހަމަޔަށް ނިންމާލަން ޖެހުނަސް ތައުލީމަށް އޭނާގެ ހިތުގަ އޮތް ލޯތްބަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ރަށުގައި ހުރެގެން އިތުރަށް ކިޔެވޭނެ ފުރުސަތުތަކެއް އެދުވަސްވަރު ނެތުމާއެކު މަރިޔަމް ދެން ޚިޔާރުކުރީ އޭނާއަށް ލިބިފައިހުރި ޢިލްމު އާ ޖީލަކަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ރަށުގައި ޓިއުޝަން ދިނުމުގެ މަސައްކަތް ފަށާ އެކަމުގައި ދުވާލަކު 14 ގަޑިއުރު ހޭދަ ކުރަމުންދެއެވެ. މިމަސައްކަތަށް ބަހައްޓަމުން އައި ޝައުގާއި ހިތްވަރުގެ ސަބަބުން ދާދި ކުޑަދުވަސް ކޮޅެއްގެ ތެރެގައި ދިއްދޫގެ އެންމެ ކާމިޔާބު ޓިއުޝަން ޓީޗަރަށް މަރިޔަމް ވެގެން ދިޔައެވެ.
ޓިއުޝަން ދިނުމުގައި މެދުނުކެނޑި 26 އަހަރު މަރިޔަމްވަނީ ހޭދަކޮށްފައެވެ. މަރިޔަމް އަކީ ދިއްދޫގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ހީވަގި ކެރޭ އެދުރެކެވެ. ދިއްދޫގެ މި މުޖްތަމައަށް ތައުލީމީ ގާބިލް ޒުވާނުންތަކެއް މަރިޔަމްގެ ބުރަ މަސައްކަތުން ވަނީ ނެރެދީފައެވެ. މަރިޔަމްއަކީ މިހާރުވެސް މި ޚިދުމަތް ދިނުމުގައި ނަމޫނާ ދައްކަމުންދާ ފަރާތެކެވެ. އެގޮތުން 26 އަހަރުވީ މިޚިދުމަތުގައި މަރިޔަމް ވަނީ 1000 ވުރެ ނިގަ ކުދިންނަށް ޓިއުޝަން ދީފައެވެ. އަދި މިހާރުވެސް 150 ވުރެ ގިނަ ކުދިންނަށް މަރިޔަމް އަންނަނީ ޓިއުޝަން ދެމުންނެވެ.
މަރިޔަމް ސިފަކުރާގޮތުގައި އޭނާގެ ކައިރިން ޓިއުޝަން ނަގައިގެން ކުދިނަށް އެ ލިބޭ ކާމިޔާބީއަކީ މަރިޔަމް އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކީ ދިއްދޫގައި ހުންނަ އަމާންވެށީގައި ތިބި ދެ ކުދިންނަށް ޖީސީއީން ލިބުނު ކާމިޔާބީކަމަށް މަރިޔަމް ބުންޏެވެ. މީގެ އިތުރުން އަޑުއިވުމުން މަހުރޫމްވެފައި ހުރި ކުއްޖަކަށް ކިޔަވައިދީ އެކުއްޖާވެސް އިމްތިހާނުން ފާސްވެފައިވާއިރު ފާސްނުވާނެ ކަމަށް ބުނެ ދެމާއްދާއެއް ދޫކޮށްލަން އުޅުނު ދެކުއްޖަކު މަރިޔަމްގެ ހިތްވަރާއެކު އެދެމާއްދާ ހަދައިގެން ޖީސީއީ އިން ފުރިހަމަ ކާމިޔާބީއެއް ހާސިލްކުރި ކުރުން އެއީވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މަރިޔަމް ފާހަގަކުރެއެވެ.
މަރިޔަމް އަކީ މިހާރު ހަމައެކަނި ޓިއުޝަން މިސްއެއް ނޫނެވެ. އެއީ މޯލްޑިވްސް އެސޯސިޔޭޝަން އޮފް ޕާސަން ވިތް ޑިސްއެބިލިޓީގެ ދިއްދޫ ގޮފީގެ ކޯޑިނޭޓަރވެސްމެއެވެ. މީގެ އިތުރުން އޭނާގެ ދަރިފުޅު ނިސްބަތްވާ ކުލާހުގެ މަންދޫބެވެ. އަދި ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ މެމްބަރެއްގެ ގޮތުގައިވެސް ހަރަކާތް ތެރިވާ ޖަމާއަތަށް މުހިންމު މެންބަރެކެވެ. މަރިޔަމް ވަނީ ދިއްދޫގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތައް ފުރުސަތު ތަކެއް ހޯދައިދީ އެފަރާތްތަކުގެ ހައްގުގައި ވަކާލާތުކޮށްފައެވެ. އަދި މަރިޔަމް އިސްނަގައިގެން ވަނީ "ކުލުނު" ކިޔާ ޖަމިއްޔާއެއްވެސް އުފައްދާފައެވެ.
މިއަދު މަރިޔަމް އަކީ ދިރިއުޅުމުގައި ކާމިޔާބު ކަނބަލެކެވެ. އާއިލާއާއި މުޅި ދިއްދޫ ފަޚުރުވެރިވާ ދަރިއެކެވެ. މަރިޔަމް ބުނި ގޮތުގައި 2017 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ހއ.ދިއްދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވިގެން ދިޔައިރު އެދުވަހުގެ ޝަރަފުވެރި މެހެމާނަކަށް މަރިޔަމް ވެގެން ދިޔަދިޔުންއެއީ އޭނާއަށް ލިބުނު ވަރަށް ބޮޑުއުފަލެއްކަމަށެވެ. މަރިޔަމް ބުނާ ގޮތުގައި އެއީ މަރިޔަމް އެންމެ ފުރަތަމަ ޝަރަފްވެރި ކޮށްދިން ޖަލްސާއެވެ. ފަހަކަށް އައިސް ދިއްދޫގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި އެކި އެކި ޖަލްސާތަކުގެ ޝަރަފްވެރި މެހެމާނަކަށް މަރިޔަމް ގެންދާކަމީ ދިއްދޫ ރައްޔިތުންގެ ހިތުގައި މަރިޔަމް އަށް އޮތްގަދަރާއި ލޯބި އެނގި ހާމަވެގެންދާ ކަމެކެވެ.
މަރިޔަމްގެ އިލްތިމާސަކީ ޢާއިލާއަށް ނުކުޅެދުންތެރި ކުއްޖަކު އުފަންވުމަކީ ބަދުނަސީބު ކަމެއްކަމުގައި ނުދެކި އެކުދިންނަކީވެސް މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމެވެ.