ޚަބަރު

ވިނަރެސް ފްލެޓުތައް ޖުލައި މަހަށް ނިންމަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ. ވިނަރެސް މަޝްރޫއަކީ 1344 ފްލެޓު ހިމެނޭ 10 ޓަވަރަކަށް ބެހިފައިވާ ފްލެޓްތަކެކެވެ.

ވިނަރެސް ފްލެޓްތަކަކީވެސް މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަޝްރޫއުތަކުގެތެރެއިން މަޝްރޫޢެކެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚަށް ނިންމިފައި ނުވަނީ ކޯވިޑް-19އާ ގުޅިގެން ފުރަބަންދުވެ ގިނަ ދުވަސްތަކެއް ފާއިތުވުމުންނެވެ.

މިމަޝްރޫއުގެ ތެރެއިން އެންމެފަހުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢުގެ އިތުރުން، ގުޅީފަޅުގެ ހައުސިންގ މަޝްރޫޢުއިން ފްލެޓް ލިބުނު މީހުންނާއި އަދި ސީލައިފް ހައުސިންގ ސްކީމްގައި ފްލެޓް ލިބުނު މީހުން، އެ ސްކީމްތައް ދޫކޮށްލާ ވިނަރެސްއިން ފްލެޓް ހޯދުމުގެ ފުރުޞަތު ވަނީ ދީފައެވެ. މީގެ އިތުރުން ސީލައިފްއިން ފްލެޓް ގަތުމަށް ފައިސާދެއްކި މީހުންނަށްވެސް މިމަޝްރޫޢުގެ ތެރެއިން ފަލެޓް ލިބޭނެ ގޮތެއް ސަރުކާރުންވަނީ ހަމަޖައްސައި ދީފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ހިޔާފްލެޓު ދޫކޮށްލާ މީހުންގެ ތެރެއިން 100 ވަރަކަށް މީހުން ވިނަރެސް ފްލެޓަށް އެދިފައިވާކަމަށެވެ. ގުޅީފަޅުން ފްލެޓް ލިބުނު މީހުންނަށްވެސްވަނީ ސަރުކާރުގެ އެހެން ސްކީމްތަކުން ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ވިނަރެސްއަށް ހުލުވާލި ފުރުޞަތުގައި 96މީހުންވަނީ، ވިނަރެސްއިން ފެލްޓް ހޯދުމަށް އެދި އެޗްޑީސީއަށް ހުށަހަޅާފައެވެ.

ވިނަރެސް ފްލެޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުހައިލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކަމުގައެވެ. އަދި އަމާޒަކީ މިއަހަރުގެ ޖުލައި މަހަށް މަސައްކަތްތައް ނިންމައި ފްލެޓްތައް ހަވާލު ކުރުންކަމަށެވެ.

ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. އަދި މިއެޕަރޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.