ޚަބަރު

ޖަޕާނުން ރަޝިޔާއާއެކު މަހުގެ ވިޔަފާރި ކުރާނެ!


ޔޫކްރެއިން މައްސަލައިގައި ޖަޕާނާއި ރަޝިޔާގެ ގުޅުމަށް އަސަރުކޮށްފައި ވަނިކޮށް، ދެ ޤައުމުގެ ދެމެދުގައި ކުރިއެކޭ އެއްގޮތަށް މަސްވެރިކަމުގެ ވިޔަފާރި ދެމެހެއްޓުމަށް އެއްބަސްވެއްޖެއެވެ.

ރަޝިޔާއިން ފެބްރުއަރީހަމު ޔޫކްރެއިނަށް އަރައި ޙަމަލާދޭން ފެށުމުގެ ސަބަބުން ވިލާތުގެ ގިނަ ޤައުމުތަކެކޭ އެއްގޮތަށް ޖަޕާނުންވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ޖަޕާނުން ރަޝީޔާގެ ގިނަ ޑިޕްލޮމެޓުން ބޭރުކޮށްލުމާއެކު ރަޝިޔާގެ އެންމެ އަރިސް ޤައުމުގެ ލަޤަބު ޖަޕާނަށް ވަނީ ގެއްލިފައެވެ. ޖަޕާނުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް، ރަޝިޔާއިން ވަނީ ސުލްޙައިގެ މަޝްވާރާތަކުން ބޭރުވެ، ދެ ޤައުމުގެ ދެމެދުގައި ކުރަމުން އައި ވިޔަފާރި މުޢާމަލާތްތައް ހުއްޓާލާފައެވެ.

ނަމަވެސް ދެ ޤައުމުގެ ގުޅުން މިހާރު މަޑުމަޑުން ރަނގަޅުވާން ފަށައި، ދުވަސްތަކެއްގެ ލަސްވުމަކަށްފަހު މިމަހު މަސްވެރިކަމާގުޅޭ އަހަރީ މަޝްވަރާތައް ވަނީ ފަށާފައެވެ. އަދި ޖަޕާނުގެ މަސްވެރިންނަށް ރަޝިޔާއިން ދޫކުރާ އަހަރީ ކޯޓާގެ މިންވަރާމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޖަޕާނުގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ރަޝިޔާގެ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ ކޯރުތަކުގައި ދިރޭ މަހުގެ މަސްވެރިކަން ޖަޕާނުގެ ކަނޑުތަކުގައި ކުރުމަށް ރަޝިޔާގެ ހުއްދަ ބޭނުންވެއެވެ. އެގޮތުން ދެ ބާވަތެއްގެ މަސް ކަމަށްވާ ސެލްމަން އާއި ޓްރައުޓް ބޭނުމަށް މިއަހަރު ޖަޕާނަށް ދޭން ނިންމާފައިވަނީ 2050 ޓަނުގެ ކޯޓާއެކެވެ. އެއީ މިދިޔަ އަހަރާ އެއްވަރުގެ ކޯޓާއެކެވެ. މި ކޯޓާގެ ފީގެ ގޮތުގައި މަސް ބާނާ މިންވަރަށް ބިނާކޮށް 200- 300 މިލިއަން ޔެންއާ ދެމެދުގެ ޢަދަދެއް ރަޝިޔާއަށް ދައްކަންޖެހޭނެކަމަށް ޖަޕާނުގެ ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަރަހު މި ދެ ވައްތަރުގެ މަސްވެރިކަމަށް "ފިޝަރީ ކޯޕަރޭޝަން ފީސް" ގެ ގޮތުގައި ޖަޕާނުން ރަޝިޔާއަށް 260 މިލިއަން ޔެން ދައްކާފައިވެއެވެ.

އޮންލައިންކޮށް ބޭއްވި މަޝްވަރާތަކަށްފަހު ސެލްމަން އާއި ޓްރައުޓްގެ މަސްވެރިކަމުގެ އެއްބަސްވުމަކަށް އާދެވިފައި މިވަނީ ދެ ޤައުމުގެ ގުޅުން ހީނަރުވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ޚާއްޞަކޮށް ޖަޕާނުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ މަސްވެރިންނަށް ކުރަން ފަށާފައި ވަނިކޮށެވެ.