ރިޕޯޓް

ހިރިމަރަދޫ ރައްޔިތުން ރައްކާތެރި ފެނުގެ ނިޒާމަކަށް ކުރަމުން އައި އުއްމީދު ނިމުމަކަށް


500 ވުރެ ބޮޑުއާބާދީއެއް ދިރިއުޅެމުން އަންނަ ހދ.ހިރިމަރަދޫއަކީ ފެނާއި ނަރުދަމާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތި ވަމުން އަންނަ ރަށެކެވެ. ރައްކާތެރި ފެނާއި ނަރުދާމާގެ ނިޒާމެއް ނެތުުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައެވެ. ނަމަވެސް މިއަދު ހިރިމަރަދޫ ރައްޔިތުންގެ މިތަކްލީފުތަކަށް މިވަނީ ނިމުން އައިސްފައެވެ.

އާބާދީ މަދު ރަށްރަށަކީވެސް ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުވެފައިވާ ރަށްތަކަކަށް ހެދުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައްކާތެރި ބޯފެނާއި ފަސޭޙަ ނަރުދަމާގެ ނިޒާމަކީ ކޮންމެ ރަށެއްގައި ޤާއިމުވެފައި ހުންނަންޖެހޭ އަސާސީ ޚިދުމަތްތައްކަން ސަރުކާރުންދަނީ ކަށަވަރުކުރަމުންނެވެ. ހިރިމަރަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން، ސަރުކާރުން ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށް އެކުންފުނިން މިމަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރުމަހުއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިއަދު ހިރިމަރަދޫ ރައްޔިތުނަށް އެންމެ ބޭނުން ޖެހިފައިވާ އެއް މަޝްރޫއެވެ. މި މަޝްރޫއުގެ މަސައްކަތް ރަށުގަ ފެށިގެން ދިއުމުން ރައްޔިތުންނަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ.

ރައްކާތެރި ފެނާއި ނަރުދަމާއެއް ނެތުމުގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުން ދިޔައީ ބޮޑު ތަކްލީފްތަކެއް އުފުލަމުން ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވަނީ ފާހަގަ ކުރައްވާފައެެވެ. ރަށަކީ ފެންތިލަ ރަށަކަށް ވުމުން ފެން ތަޣައްޔަރުވެ ރައްޔިތުންނަށް ފެންވަރާލަން ސާފްފެންފޮދެއް ލިބުންވެސް ވަނީ ދަތިކަމަކަށްވެފައެވެ. އަދި %30 ގޭގެ ވަޅުފެން ބޭނުން ކުރަނީ ޕަންޕު ބަހައްޓައިގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން ތިބީ މިކަމަށް އަވަސް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ ކަމަށްވެސް ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ހިރިމަރަދޫ ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ބޯހޯލް ތޮރުފުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށް ދަނީ އާރްއޯ ފެސިލިޓީ ބިލްޑިންގެ މަސައްކަތާއި، ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ކަމަަށް އެކުންފުނިން ހާމާކުރެއެވެ.

ހިރިމަރަދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި އެ ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

މި މަޝްރުއުގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް އެރަށުގައި 5.02 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި، ތިން ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް ގާއިމު ކުރާނެއެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.

މީގެ އިތުރުން، އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓަން ބޭނުުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 69.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ