ޚަބަރު

14 އަހަރުވީ ލަފާފުރުމުގެއް މައްސަލައަށް ޙައްލުލިބި ދަރަނބޫދޫ ރައްޔިތުންނަށް ހިތްހަމަޖެހުން


ފ.ދަރަނބޫދޫގައި ބަނދަރެއް ތަރައްޤީކޮށްފައިވަނީ 2008ވަނަ އަހަރުގައެވެ. ބަނދަރު ބޭނުންކުރަން ފެށުމާއެކު ބަނދަރުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަވެ އެކަމުގެ ޝަކުވާ އޭރުއްސުރެ އެރަށު ރައްޔިތުން އަންނަނީ ކުރަމުންނެވެ. ބަނދަރު ހަނިވުމާއި ފަޅު ތިލަވުމުގެ ސަބަބުން ދަރަނބޫދޫ ރައްޔިތުންނަށް ލަފާފުރުމަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަނރަބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ވިދާޅުވީ އެންމެ ފުރަތަމަ ތަރައްޤީކުރީ 175 ފޫޓު ފުޅާ ބަނދަރެއްކަމަށެވެ. އޭގެ ސަބަބުން ކަންނެލި މަސްވެރިކަމުގައި ބޭނުންކުރާ ބޮޑެތި ދޯނިތަކާއި ކާބޯތަކެތި އުފުލާ ބޮޑެތި ބޯޓުފަހަރު އެރަށު ބަނދަރަށް ވަދެނިކުތުމުގައި ދަތިތަކާ ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު އެމްޓީސީސީން ދެގުނަ ބޮޑު ބަނދަރެއް އެރަށުގައި ތަރައްޤީކޮށް ނިންމާލުމަކީ ރައްޔިތުން އެތައް ޒަމާނެއްވަންދެން އެދިއެދި ތިބި ކަމެއްކަމަށް ކައުސިލުން ފާހަގަކުރައްވައެވެ.

ދަރަނބޫދޫއަކީ މަސްވެރި ރަށަކަށްވެފައި ކައިރި ރަށްރަށުންވެސް މުދަލާއި ތެޔޮ ބޯޓުތައް ކައިރިކުރާ ދަރަނބޫދޫ ބަނދަރު މަޝްރޫޢު ނިމުމަކީ 600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދަރަނބޫދުއަށް އައި އިންޤިލާބީ ތަރައްޤީއެއްކަމަށް އެރަށު ރައްޔިތުން ދެކެއެވެ. އެމްޓީސީސީން މިމަސައްކަތް ނިންމައި ބަނދަރު ކައުންސިލާ ވަނީ ޙަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 4.40 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، 2641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.