ޚަބަރު

ހެނބަދޫ ފެނުގެ ނިޒާމް: މިމަސްތެރޭގައި ފެންހޮޅި އަޅާ ނިމޭނެ


ނ. އަތޮޅު ހެނބަދޫގައި ކުރިއަށްގެންދާ ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަޝްރޫގެ ދަށުން ފެންއުފެއްދުމަށް ޕްލާންޓް ބަހައްޓާ އިމާރާތް ނުވަތަ އާރުއޯ ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ. އަދި މިހާރު ކުރިއަށްދާ ހޮޅި އެޅުމުގެ މަސައްކަތްވެސް މިމަހުގެ ނިއަލަށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

ހެނބަދޫ ފެންފަށަލަ ހަލާކުވާން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. ރަށުގެ ބައެއް ސަރަހައްދުތަކުން ފެނުން ނުބައިވަސްދުވުމާ އެރަށު ބިމުންނަގާފެނަކީ ބޭނުން ކުރުމަށް އެންމެ ރައްކާތެރި ފެން ނޫންކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ފެނުން ނުބައިވަސްދުވުމުގެ އިތުރަށް ބަލިމަޑުކަމެއް ފެތުރިދާނެތީ ފެން ފަށަލަ ހިމާޔަތްކުރުމަށް މީގެ އަހަރުތަކެއްކުރިން އެރަށުގައި ނަރުދަމާ ނިޒާމެއް ޤާއިމް ކުރިއެވެ. އެއީ އެންމެ އެދެވޭ ހައްލުނޫންކަމަށް ފެނި މިސަރުކާރުގެ ހަމަހަމަ ސިޔާސަތާ އެއްގޮތައް ހެނބަދޫގައިވެސް ރައްކާތެރި ފެންފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތުގެ ދަށުން ފެން އުފެއްދުމަށް އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތް ނުވަތަ އާރުއޯ ފެސިލިޓީގެ މަސައްކަތް އެއްކޮށްވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ވާރޭފެން ނެގުމަށް އަޅާ ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި ފެންރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ ބުޑުއެޅުމުގެ މަސައްކަތް ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މި ދެ މަސައްކަތުގެ ތެރެއިން ވާރޭފެން ނެގުމަށް ހޮޅި އެޅުމުގެ މަސަައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާއިރު ޓޭންކްތައް ބަހައްޓާ ބުޑުއެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ފެންހޮޅި އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މީގެ ތެރެއިން ބޯހޯލް ތޮރުފުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާރު ފެންހޮޅި އެޅުމުގެ މަސައްކަތުގެ 96 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 8.34 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދެވިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މިއާއިއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢަށް ޖުމުލަ 41 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަޝްރޫއުގެ މަސައްކަތް އެއް އަހަރާއި 3 މަސްދުވަހުގެ ތެރޭ ނިންމަންޖެހެއެވެ. 700 ވުރެ ބޮޑު އާބާދީއެއް އޮންނަ މިރަށުގައި ނަރުދަމާ ނިޒާމެއް މީގެކުރުން ޤާއިމް ކުރީ އަމިއްލަ ފަރާތެއްގެ އެޙީތެރިކަމާއެކުއެވެ.

ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަޝްރޫގެ އިތުރުން ހެނބަދޫގައި އެންމެ ޒަމާނީ ބަނދަރެއް ސަރުކާރުން ހަދާ އެރަށުގެ ގިރަމުންދާ ރީތި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.