އިރާޤްގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ ރަމާދީގައި ހިނގަމުންދާ ހަނގުރާމައިގާ އެރަށުގައި ތާށިވެފައިވާ އާންމުންގެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.މިއީ ރަމާދީގެ ބައެއް ސަރަޙައްދުތަކުގައި ފިލައިގެންއުޅޭ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާއި އިރާޤުގެ ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތަކުގެ ތެރޭގައި ތާށިވުމުގެ ސަބަބުން ކާބޯތަކެތިން މަޙްރޫމްވެގެން އުޅެންޖެހިފައިވާ އެތައް ހާސް މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އިރާގު ސިފައިންވަނީ އެމީހުން ރައްކާތެރި ތަންތަނަށް ގެންދިޔުމަށްފަހު ކާބޯތަކެތި ފޯރުކޮށްދީފައެވެ. އިރާގު ސަރުކާރު ބުނާގޮތުން އެގައުމުގެ ސަލާމަތީ ބާރުތަކުން ގެންދަނީ ރަމާދީގެ ކަންކޮޅުތަކުގައި މިގޮތަށް ތާށިވެފައިތިބި އާންމުން ހޯދައި އެމީހުން ސަލާމަތް ކުރުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ.އައިއެސްގެ އަތްދަށުން ރަމާދީ މިނިވަން ކުރެވުނުތާ ތިން ހަފްތާ ވެފައިވާއިރުވެސް އެރަށުގެ ބައެއް ސަރަހައްދުތަކުގެ އިމާރާތްތަކުގައި އެޖަމާޢަތުގެ ހަނގުރާމަވެރިން ފިލައި ތިބެގެން އިމާރާތްތައް ގޮއްވުމާއި ކާރުބޮމުގެ ޙަމަލާތައް ދެމުންގެންދާ ކަމަށް އިރާޤުގެ ސިފައިން ބުނެއެވެ.