ޚަބަރު

ލޮކްޑައުންގެ ސަބަބުން ޗައިނާގެ ބައެއް އުފެއްދުންތައް މަދުވުމާއި ދިމާލަށް


ކޯވިޑް-19ގެ އައު ރާޅާއި ގުޅިގެން ޗައިނާގެ ސަރަޙައްދުތައް ފުރަބަންދުކޮށްފައިވާތީ، ކާރުޚާނާތަކުގެ މަސައްކަތަށް ބުރޫއަރައި، މަޝްހޫރު ބައެއް ކުންފުނިތަކުގެ އުފެއްދުންތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ޗައިނާގައި ކޯވިޑް-19 އިން ދިފާޢުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަނދަރުތަކާއި ހައިވޭތައް ވަނީ ތޮއްޖެހިފައެވެ. އަދި ގިނަ ކާރުޚާނާތަކެއް ބަންދުކޮށްފައިވާއިރު، ދުނިޔޭގެ ސަޕްލައި ޗެއިނަށް މިކަމުގެ އަސަރު ކުރަން ވަނީ ފަށާފައެވެ. ކާރުޚާނާތަކުގެ މަސައްކަތްތައް މަޑުޖެހިފައިވާތީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޕަލް، ޑެލް އަދި ލަނޯވޯގެ ބައެއް އުފެއްދުންތައް ބާޒާރުން މަދުވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ޗައިނާގައި މަސައްކަތްތެރިން ލޮކްޑައުންގައި ތާށިވެފައި ތިބުމާއި، މަސައްކަތަށް ބޭނުންވާ ސާމާނު ދައުރުކުރުމަށް ދަތިވެފައިވާތީ އެޕަލްއިން ވަނީ ޝަންހާއީ އާއި ކުންޝަންގައި ހުންނަ ކާރުޚާނާތައް ބަންދުކުރުމަށް ނިންމާފައެވެ.

އެޕަލް ކުންފުނީގެ އައިފޯން 13 އާއި، އައިފޯން އެސް.އީ މޮޑެލްގެ އިތުރުން މަޝްހޫރު އެހެން ބައެއް މޮޑެލްތައްވެސް ތައްޔާރުކުރަނީ މި ކާރުޚާނާތަކުގައެވެ. މީގެ އިތުރުން އެޕަލް މެކްބުކްގެ ބައިނަލްއަޤްވާމީ އުފެއްދުމުގެ 75 އިންސައްތަ އުފައްދާ ކުއަންޓަސް ކޮމްޕިއުޓަރއިންވެސް ވަނީ ޗައިނާގައި ހުރި އެ ކުންފުނީގެ ކާރުޚާނާތަކުގެ މަސައްކަތް މެދުކަނޑާލާފައެވެ. އެހެންކަމުން އެޕަލްގެ އުފެއްދުންތަކުގެ ސަޕްލައި ޗެއިނަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެއެވެ.

އެނަލިސްޓުން ލަފާކުރާގޮތުގައި އެޕަލްގެ މަސައްކަތްތައް އެހެން ކާރުޚާނާއަކަށް ބަދަލު ނުކުރެވި، ޗައިނާގެ ލޮކްޑައުން 2 މަސްދުވަހަށް ދިގުލައިގެން ގޮސްފިނަމަ، އައިފޯނުގެ އުފެއްދުން 6 މިލިއަނާއި 10 މިލިއަނާއި ދެމެދުގައި މަދުވެގެންދާނެއެވެ.

ޗައިނާގެ ވިޔަފާރީގެ މައި ތަނބު ކަމަށްވާ ޝަންހާއީ ފުރަބަންދުކޮށްފައި އޮންނަތާ ތިން ހަފްތާއާ ގާތްވެފައިވާއިރު، ކުރު މުއްދަތެއްގައި ކާރުޚާނާތަކުގެ މަސައްކަތް އަލުން ނުފެށިއްޖެނަމަ ބޮޑު ގެއްލުމެއް ވާނެކަމަށް ވާވޭ ޓެކްނޮލޮޖީސްއިންވެސް ބުނެއެވެ. މީގެ އިތުރުން ޑެލް އާއި ލަނޯވޯ ކުންފުނީގެ ލެޕްޓޮޕްތައް އުފައްދާ ކޮމްޕާލް ކުންފުނީގެ 50 އިންސައްތަ މަސައްކަތް ހުއްޓިފައިވުމުން، އެ ކުންފުނިތަކުގެ އުފެއްދުންވެސް ބައިނަލްއަޤްވާމީ ބާޒާރުގައި މަދުވެދާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ.

ޗައިނާގެ ބައެއް ސަރަޙައްދުތައް އަލުން ހުޅުވުމާގުޅޭ ޕްރޮޓޮކޯލްތައް އެ ޤައުމުގެ އިދާރާތަކުން އިޢުލާންކޮށްފައިވީ ނަމަވެސް ހުޅުވާނެ ވަކި ތާރީޚެއް ހާމަކޮށްފައި ނުވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި އެތައް ސަތޭކަ ކާރުޚާނާއެއް އަލުން ހުޅުވުމުގެ ހުއްދަތައް އެދިގެން ޖަވާބެއް ނުލިބި އެބަތިބިކަމަށް ޚަބަރުތައް ބުނެއެވެ.