ޚަބަރު

މި ރޯދަމަހު ކޮންމެ ދުވަހަކު މާލެއިން 200 ޓަނުގެ ކުނި


މި ރަމަޟާންމަހު ކޮންމެ ދުވަހަކު 200 ޓަނާ ގާތްކުރާ އަދަދަކަށް މާލޭގެ ގޭބިސީތަކުން ކުނި ނަގަމުން އަންނަކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރު މަހެކެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވިދާޅުވީ އާއްމު މަސްތަކުގައި ދުވާލެއްގެ މައްޗަށް 132 ޓަނުގެ ކުނި ނަގާކަމަށެވެ. އެހެންނަމަވެސް އެހެން އަަހަރުތަކުގެ ރަމަޟާންމަހާ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް ކުނި ނަގާ މިންވަރު އިތުރުކަމަށް ވެމްކޯއިން ބުނެއެވެ. މިގޮތުން އެހެން މަސްތަކާ ޚިލާފަށް މި ރޯދަމަހު ކުނި ނަގާ މިންވަރު 40 އިންސައްތައަށް އިތުރުވެފައިވާކަމަށާއި މިގޮތުން މިހާރު ދުވާލެއްގެ މައްޗަށް 200 ޓަނާ ގާތްކުރާ އަދަދަކަށް ކުނި ނަގާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ކޮންމެ ރޯދަމަހަކީވެސް އާއްމުގޮތެއްގައި ބަދިގޭގައި އުފައްދާ ކުނި އިތުރު މަހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު އުފައްދާ ކުނި މަދުކުރުމަށް ސަމާލުވުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތިން ދުރުހެލިވުމަކީ މުހިއްމުކަމެކެވެ.

ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތްތައް 3 ގޮތަކަށް އަންނަނީ ދެމުންއެވެ. އެއީ ގޭގެއަށް ގޮސްގެން ކުނި އުކާލުމުގެ ޚިދުމަތާއި، ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުން ކުނި ކަލެއްކްޓްކުރުމުގެ ޚިދުމަތުގެ އިތުރުން ގޭގެއިން ގަނޑުކޮށް ކުނި އުކާލަދިނުމުގެ (ކެޕްސް) ޚިދުމަތެވެ.

އާއްމުންނަށް އެންމެ މުހިންމު ޚިދުމަތްތެއްގެ ގޮތުގައި ވެމްކޯއިން ދެނީ ގޭގެއަށް ގޮސް ކުނި އުކާލުމުގެ ޚިދުމަތެވެ. މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަދިގެ ކުންޏާއި، ގޭގެއިން އާއްމުކޮށް އުކާލާ ކުދި ކުނިކޮތަޅު އުކާދިނުމެވެ. ކުނި އުކާލުމުގެ މި ޚިދުމަތް އާއްމު އުސޫލުން ދެމުން އަންނަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:00އާ ދެމެދުއެވެ. ނަމަވެސް ވެމްކޯއިން ބުނެފައިވަނީ ރަމަޟާންމަހު ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ގޭގެއަށް ދާނީ ރޭގަނޑު 8:00 އާއި 12:00 އާ ދެމެދުކަމަށެވެ. އެހެންކަމުން ވެމްކޯގެ މުވައްޒަފުން ދިއުމުގެ ކުރިން ކުނިކޮތަޅު ތައްޔާރުކޮށްފައި ބެހެޓުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަނުން ކުނި އުކާލުމުގެ ޚިދުމަތް ރަމަޟާންމަހު ދެމުންދާނީ ހެނދުނު 9:00އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ފަށާނީ މެންދުރު ފަހު 2:00 ޖަހާއިރުއެވެ.

ގޭގެއިން އުކާލާ ގިނަ ކުނި ނުވަތަ ބޮޑެތި ކުނި އުކާލުމުގެ ކެޕްސް ޚިދުމަތް ދޭނެ ގަޑިތަކަކީ ހެނދުނު 9:00އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ.