މ. ދިއްގަރަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ވަކިން ޚާއްސަކޮށް މަސްވެރިކަމަށް ދިއްގަރަކީ ނަން މަޝްހޫރު ރަށެކެވެ.
ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ދިއްގަރަށްވެސް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ބިންފުރި، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ކަންކަމަށް ބޭނުންކުރާނެ ބިން ރަށުގައި ނެތުމެވެ.
ގާތްގަނޑަކަށް 9.9 ހެކްޓަރުގެ ދިއްގަރަކީ އާބާދީ އިތުރުވުމުގެ ސަބަބުން ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އަދި ބިންތިރިވުމުގެ ސަބަބުން، އުދައެރުމުގެ މައްސަލައަކީވެސް ދިއްގަރަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އުދައިގެ ސަބަބުން ގޭގެއާ މުދަލަށްވެސް އޭގެ ގެއްލުންތައްދަނީ ކުރިމަތިވަމުންނެވެ. އެކި ސަރުކާރުތަކުގައި ދިއްގަރުގެ ބިން އިތުރުކުރުމުގެ ވާހަކަަތައް ދެއްކި ނަމަވެސް މިހާތަނަށް އައިއިރުވެސް މިކަމުގައި ޢަމަލީ ސިފަ ޖެހިފައެއް ނުވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ބިމުގެ ދަތިކަމަކީ ޒަމާންތަކެއް ވަންދެން އެރަށަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ. ރަށަށް ބިން އިތުރުކުރުމުގެ ވާހަކަ އެކި ދުވަސްވަރުމަތިން ދެކެވުންނަމަވެސް ކުރީގެ ރައީސް މަޢުމޫންގެ ވެރިކަމުގައި 1998 ވަނަ އަހަރު ރަށުގެ ބަނދަރު ހެދިގެން ދިޔައިރު، ބަނދަރު ކޮނުމަށް ނެގި ފަސް، ރަށަށް އިތުރުކުރުން ފިޔަވާ، ފާއިތުވި 24 އަހަރު މިކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށަށް ޢުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުން ލިބެންހުރި ފުރުޞަތުތައް ހަނިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިޤްތިޞާދީ މަސައްކަތްތަކަށްވެސް ބިމުން އިތުރު ޖާގައެއް ދެވޭކަށްނެތް. އަޅުގަނޑުމެންނަށް ސަރުކާރުން ލިބިފައި ހުރި ބައެއް މަޝްރޫޢުތައް، އޭގެ ތެރޭގައި ދިއްގަރު ފުޓުބޯޅަދަނޑާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމަށްވެސް އެކަށީގެންވާ ބިމެއް އަޅުގަނޑުމެންނަށް ދެވޭކަށްނެތް. އެހެންވީމަ މިއީ ހަޤީޤަތުގައި ވަރަށް ދިގު އިންތިޒާރެއް ރައްޔިތުންގެ" ނިޝާން ވިދާޅުވިއެވެ.
ސަރުކާރުން މިހާރު މިވަނީ ދިއްގަރުގެ ބިން ހިއްކަން ނިންމައި، އެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައެވެ.
ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމާއެކު ދިއްގަރު ރައްޔިތުންގެ ޒަމާންވީ ހުވަފެންތަކުގައި ހަޤީޤީ ކުލަ މިވަނީ ޖެހެން ފަށާފައެވެ. ދިއްގަރު ކައުންސިލްގެ ރައީސް ނިޝާން ވިދާޅުވީ މިއީ ރަށަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލުގެނެސްދީ، ރަށަށް އިޤްތިޞާދީގޮތުން އިތުރު ދިރުމަކާއި އާރޯކަމެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ނިމެންވާއިރަށް، ރަށަށް އިތުރުކުރެވޭ ބިން ތަރައްޤީކުރާނެގޮތުގެ ޕްލޭންތައް އެކުލަވާލަމުންދާކަމަށް ނިޝާން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ބިން ދޫކުރުމުގެ އިތުރުން ސިނާޢީ އިތުރު ހަރަކާތްތަކަށް ރަށް ހުޅުވާލެވިގެންދާނެކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އިޤްތިޞާދީ ކަންކަން ރަށުގައި ކުރިއެރުވުމަށް މަސައްކަތް ކުރާނަން. އޭގެ ތެރޭގައި މަސް ޕްރޮސެސްކުރުމަށް ޚާއްސަ ބިންތަކާއި، ލޯކަލް ޓޫރިޒަމަށް ޚާއްސަ ޖާގަތަކެއްވެސް އަލަށް އިތުރުކުރެވޭ ބިމުގައި އެލޮކޭޓްކުރެވޭނެ. އޭގެ އިތުރުންވެސް ވިޔަފާރިއާއި އެހެނިހެން ކަންތައްތަކަށްވެސް ވަކި ޚާއްސަ ބިންތަކެއް ކަނޑައެޅިގެންދާނެ. މިހާރު މަޝްވަރާކުރެވިފައި އޮތީ ބޯޓުޔާޑެއްވެސް އަލަށް ހިއްކާ ބިމުގައި ތަރައްޤީކުރަން. އަދި ބޯހިޔާވަހިކަމަށްވެސް ބިންތައް އެލޮކޭޓްކުރެވޭނެ އެ ސަރަޙައްދުން" ނިޝާން ވިދާޅުވިއެވެ.
ދިއްގަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށަށް 25 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމާއި، ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެއެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ ޢަމަލީ މަސައްކަތް ފަށާތާ 15 މަސްތެރޭ މުޅި މަޝްރޫޢު ނިންމާލުމެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގައި އަމަލީ ސިފަ ޖެހެމުންދާއިރު، މިކަމުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާފައިވާކަން ދިއްގަރު ކައުންސިލުން ފާހަގަކުރައްވައެވެ.
ދިއްގަރު ބިން ހިއްކުމުގެ މަސައްކަތަށް އެމް.ޓީ.ސީ.ސީން ބޭނުންކުރަމުންދަނީ އެކުންފުނީގެ ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރ "މަހާ ޖައްރާފު"އެވެ. މިއީ ސަރުކާރުން 121.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.