ޚަބަރު

ރާއްޖެއިން ވެލާ ކަހަނބު ނެތި ހިނގައިދާނެކަމުގެ ބިރުއެބައޮތް - އައި.ޔޫ.ސީ.އެން


ދިވެހި ރާއްޖޭގެ ވެލާ ކަހަނބަކީ ނެތިދިޔުމުގެ ނުރައްކަލުގައިވާ ދިރުމެއްކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާސް (އައި.ޔޫ.ސީ.އެން)ގެ ރާއްޖޭގެ ފުރަތަމަ ރެޑްލިސްޓް އެސެސްސެމެންޓުން ކަނޑައަޅައިފިއެވެ.

މިގޮތުން ވެލައަކީ ނެތިދިޔުމު ނުރައްކަލުގައިވާ ބާވަތެއް ކަމަށާއި، ކަހަނބަކީ އިންތިހާއަަށް ނެތިދިޔުމުގެ ނުރައްކަލުގައިވާ ބާވަތެއްކަން ވެލާ ކަހަނބު ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ "އޮލިވް ރެޑްލީ ޕްރޮޖެކްޓް"އިން ކުރި ދިރާސާއަކުންވަނީ ދައްކާފައެވެ.

މިރިޕޯޓުގައި މިބަލާލަނީ އެ ޖަމްއިއްޔާއިން ނެރެފައިވާ ވެލާކަހަނބު ޙިމާޔަތްކުރުމާ ގުޅޭގޮތުން ގަބޫލުކުރެވޭ ކަންކަމުގެ މައްޗަށެވެ.

ގިނަ މީހުންނަށް ވެލާ ކަހަނބުގެ ދިރުމާގުޅޭގޮތުން ނޭނގޭ އެތައް މައުލޫމާތެއް ވެއެވެ. އޭގެތެރޭގައި ވެލާ ކަހަނބު ހިމާޔަތް ކުރުމުގައި ދަސްކުރަންޖެހޭކަންކަން ވަރަށް ގިނައެވެ.

އެންމެ ފުރަތަމަ ވެލާ ކަހަނބަކީ ނެތެމުންދާ ދިރުމެއްކަމަށް ގަބޫލުކުރަން ޖެހެއެވެ. ވެލާ ކަހަނބުގެ 7 ބާވަތުގެ ތެރެއިން 6 ބާތަކީ ނެތެމުންދާ ދިރުންތަކެކެވެ. މި ދިރުމުގެ ނާޖާއިޒް ފައިދާ ނެގުމަކީ ވެލާ ކަހަނބު ނެތިދާ އެއް ސަބަބެވެ. މި ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި އޭގެ މަސް، ބިސް، ހަންގަނޑު، އަދި ތޮށިގަނޑު ނަގައިގެން ނާޖާއިޒްގޮތުގައި ވަނީ އެތައް ވިޔަފާރިކޮށްފައެވެ. މީގެ އިތުރުން އޭތި ބިސްއަޅާ ތަންތަނާ ކައިބޮއެ ހަދާތަންތަން އިންތިހާއަށް ނެތި ހަލާކުވަމުންދާކަން ފާހަގަކުރެވެއެވެ.

ވެލާ ކަހަނބުގެ ތޮށިގަނޑުގައި އަތްލައި ހެދުމުން އެއަށް އިޙްސާސް ކުރެވޭނެއެވެ. މި ދިރުންތަކުގެ ތޮށިގަނޑު އުފެދިފައި ހުންނަނީ ކެރަޓިން ކިޔާ މާއްދާއަކުންނެވެ. މިއީ އިންސާނުންގެ އިސްތަށި އަދި ނިޔަފަތި އުފެދިފައި ހުންނަމާއްދާއެވެ. ކިތަންމެ ކުޑަ ބީހިލުމެއް ލިބުނަސް އެއަށް އިޙްސާސްވާނެއެވެ.

ގުދުރަތީ ގޮތުން ޖަނަވާރާއި މަސްމަހާމެއްސަށް ދެއްވާފައިވާ އިޙްސާސް ވުމުގެ ހިއްސަކީ އިންސާނުންނަށް ދެއްވާފައިވާ ހިއްސުސަތަކާ ތާފަތުކަމެއް އެއިން ފެންނަން ނެތްކަންކަމެވެ. އެގޮތުން ވެލާ ކަހަނބު، ފިނި ހޫނުމިން ދެނެގަންނައިރު މީހަކު އެޔާ ކައިރިވިއަސް އެ އިޙްސާސް ކުރެވެއެވެ.

މީ ވަރަށް ބަލާލަން ރީތި އަދި އިންސާނުންނާ އެހާމެ ރައްޓެހި ކަނޑުގެ ދިރުމެކެވެ. މިދިރުން ޙިމާޔަތް ކުރުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ދިވެހި ރާއްޖޭގައި މި ދިރުން ހިމާޔަތްކުރުމަށް ހަދާފައި ހުރި ޤާނޫނުތަކަށް ބޯލެނބުމެވެ.

ވެލާކަހަނބު ޙިމާޔަތްކޮށްފައިވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާއިދު" އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4ވަނަ މާއްދާގެދަށުންނެވެ. އެގޮތުން ވެލާ ބިސް ވިއްކުން 1996ވަނަ އަހަރު ވަނީ މަނާކޮށްފައެވެ. އަދި 2006ވަނަ އަހަރު ވެލާކަހަނބު އެންމެ ގިނައިން ބިސްއަޅާ ކަމަށް ފާހަގަކުރެވިފައިވާ 14 ރަށަކުން ބިސްނެގުން ޤާނޫނީގޮތުން މަނާކުރިއެވެ. އަދި 2016ވަނައަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ފުރިހަމައަށް ހިމާޔަތްކުރިއެވެ. މިއީ މިދިރުން ނެތި ގޮސްދާނެކަމުގެ ބިރު ހީވެފައި އޮތުމުންނެވެ. މިކަމަށް ތަބާނުވާބަޔަކު މަދުންނަމަވެސް އުޅޭކަމީ މި ދިރުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މީހުންނާ ފަތުރުވެރިކަމުގައި އުޅޭފަރާތްތަކުގެ އޮތް ކަންބޮޑުވުމެކެވެ.

ވެލާ ބިސް ވަޅުލުމަށްފަހު ދަރިމައިވާން 50އާއި 70އާ ދެމެދުގެ ޢަދަދެއްގެ ދުވަސް ނަގައެވެ. އަދި އޭގެ ތޮށިގަނޑުން ނުކުތުމަށްފަހު ވެލިގަނޑުގެ މައްޗައް އެރުމަށް 3 ދުވަހާއި 7 ދުވަހުގެ މުއްދަތެއްނަގައެވެ. މިބުރަ މަސައްކަތައްފަހު ގޮނޑުދޮށޑުގައި ދުވެލާފައިގޮސް މޫދަށްފައިބާ މާކަނޑަށް ދަތުރުކުރުމަށް ފަށަނީ ބިހުގެ ގޮބޮޅިއަށް ބަރޯސާވެގެންނެވެ. އެބިހުގެ ގޮބޮޅިއަކީ ވެލާ އުފަންވުމަށްފަހު ކާންލިބޭ ހަމައެކަނި ކާނާއެވެ.

އަދި މޫދަށްފައިބާތާ 48 ގަޑިއިރުވަންދެން އޭތި ދަތުރުކުރާނީ އުފަންވީ ރަށާ ފަރުތަކާ ދުރަށެވެ. މިގޮތައް ދަތުރު ކުރުމަށްފަހު އޭތި އަނބުރާ ވިހޭ ސަރަހައްދަށް އަނަނާނީ އެންމެ މަދުވެގެން 15 އަހަރު ފަހުންނެވެ. ބައެއްމީހުން ހީކުރާ ހީކުރުން އެއީ ދޮގެއްނޫނެވެ. ބިސްވަޅުން ނުކުންނަ ވެލާ ކަހަނބުތައް ކަނޑަށް ނުކުމެގެންދާއިރު ބޮޑެތި މަސްތައް އެއަށް ހަމަލާދީ ކާލައެވެ. އޭގެތެރެއިން ސަލާމަތްވަނީ މަދު އެއްޗެއްކެވެ. އެކަމު އެޔާހިލާފަށް ވެލާ ބޮޑުކޮށްފައި ދޫކުރުމަކީ އެސޮރުމެން ހެދި ބޮޑުވުމަށް އެޅޭވަރަށް ބޮޑު ހުރަހެކެވެ. އެއީ އޭތި ވަރުބަލިވެ ބަލިކަށިވެ ސަލާމަތްވުމުގެ ފުރުސަތުކުޑަވާކަމެކެވެ. ވެލާ މޫދަށް ފައިބައިގެން ރަގަޅަށް ޖަހަންފެށުމުން އޭގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެ ހަށިހެޔޮކަމާއެކު ފުއްޕާމޭވެސް ވަރުގަދަވެއެވެ.

ވެލާ ކަހަނބު އެއްވެސް ވަރަކަށް ބަންދުގައި ބައިތިއްބައިފިނަމަ މިދިރުން ކަނޑުގައި ކުރަނީ ދިގުދަތުރެކެވެ. އޭތި ބޮޑުވެގެން ބިސްއަޅަން އައުމަށްވެސް ދަސްކުރަނީ މިފަދަ ދަތުރެކެވެ.

މިއީ ދިވެހި ރާއްޖޭގެ ވެލާކަހަނބުގެ ހިރާސް ދެނެގަތުމުގެ ފުރަތަމަ ދިރާސާއިން ފެނުނުކަންކަމެވެ. މިސާވޭ ކުރިއަށް ގެންދިޔައީ އޮލިވް ރިޑްލީ ޕްރޮޖެކްޓާއި، ދިވެހި ސަރުކާރާއި، އީޕީއޭއާއި، މެރިން ސޭވާރސްއާއި، އައި.ޔޫ.ސީ.އެންއާ ގުޅިގެންނެވެ.

ވެލަޔާއި ކަހަނބަކީ، ރާއްޖޭގައި އަހަރުތަކެއް ކުރިން، ޢާންމުކޮށް ހިފައި އެކި ބޭނުންތަކަށް ބޭނުންކުރަމުން އައި އެއްޗެކެވެ. އެހެންނަމަވެސް ކެއުން ޙަރާމް ނުވާ ކޮންމެއެއްޗެއް އެއީ ކެއުމަށް ހިފައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ދެކި މިގޮތަށް ބިސްއަޅަން އަރާ ވެލާ ބައެއް ފަރާތްތަކުން ހިފާ އޭގެ ވިޔަފާރި ކުރަމުންދެއެވެ.

ވެލާ މަހާއި ވެލާ ތެޔޮ ކުނޑިއަކީ ބޮޑު އަގެއް އޮންނަ އެއްޗަކަށް ވެފައި އެކަން ކުރާ މީހުން ރާއްޖޭގައި ވަރަށް ގިނައޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.
ވެލާ ކަހަނބު ޙިމާޔާތް ކުރުން ވެގެންދިޔައީ އެއިން ނަފާ ހޯދަމުން ދިޔަ ފަރާތްތަކަށް ލިބުނު ބޮޑުގެއްލުމަކަށެވެ. އެކަމަކު ރާއްޖޭގެ އިޤްތިސާދު އެކަމަކަށް ބަރޯސާ ވެފައި އޮތް ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރިއެވެ. ވެލާ ކަހަނބު ބެލުމަށް ހާއްސަ ޑައިވްޕޮއިންޓްތައް އުފެދިގެން ދިޔައެވެ. ވެލާހިފާމީހުން މިތަންތަނުނެވެސް ރޭގަނޑު ގަޑިތަކުގައި ވެލާ ހިފައެވެ. އެކަމުގެ ސަބަބުން ޑައިވް ކުރާ މީހުންނާ ވެލަޔާ އޮންނަ ގުޅުން ކެނޑި އިންސާނުން ފެންނައިރަށް ވެލާ ކަހަނބު ދުވެ ފިލުމަކީ ޑައިވްކުރާ މީހުންގެ އޮތް ކަންބޮޑުވުމެކެވެ.

ދިވެހިން މިކަމަށް ހޭލުންތެރިވާނީ ކޮންދުވަހަކުންބާއެވެ؟ އެއްބަޔަކު ޙިމާޔަތް ކުރަނީއެވެ. އަނެއްބަޔަކު ޤާނޫނަށް އަރައިގަނެ ނާޖާއިޒް ގޮތުގައި މިވިޔަފާރި ކުރަމުންދަނީއެވެ. މިކަން ހުއްޓުވުމަށް މަސައްކަތްތަކެއް ނުކޮށްފިނަމަ މީގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.