ރިޕޯޓް

ދިއްދޫ އެންމެ އަލިގަދަ ތަރި، ޤުރުއާން މުބާރާތުގެ ގަދަ 5، އިޢުލާންކޮށްފި


ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަށް އިޙްޔާރު ކުރުމުގެ ގޮތުން ބާއްވާ "ލިބޭ، ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށްހޮވުނު ގަދަ 5 ބައިވެރިންގެ ނަންތަށް ހާމަކޮށްފިއެވެ.

މިއީ ދިއްދޫގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

ޖުމްލަ 20 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ ފުރަތަމަ ބުރުން 10 ބައިވެރިއަކު ވަނީ ކަޓާފައެވެ. އަދި 10 ބައިވެރިއަކު ވަނީ 2ވަނަ ބުރަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު ދިހަ ބައިވެރިންނާއިއެކު، ދެވަނަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ 07 އޭޕްރިލް 2022 ވީ ބުރާސްފަތި ދުވަހުގެ ރެއާއި 08 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރެއެވެ. މި ދެރޭގެ ކިޔެވުމަށް ބަލާފަ އެންމެމަތިން މާކުސްލިބުން 5 ބައިވެރިން ވަނީ ފައިނަލްބުރަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ކޯޑިނޭޓަރ އަލީ ޝިޔާޒް ވިދާޅުވީ މި 5 ބައިވެރިންނާއެކު "ލިބޭ، ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ފައިނަލްބުރު 15 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައި ކުރިޔަށް ދާނެކަމަށެވެ. އެ އެރޭގައި މުބާރާތުގެ 5،4،3،2 ވަނަ ހޮވުމުގެ އިތުރުން ދިއްދޫގެ އެނެމް އަލިގަދަ ތަރި ހޮވާނެކަަމަށް އޭނާ ވިދާޅުވިއެވެ.

މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތަކީ މިހާތަނަށް ދިއްދޫގައި ކުރިޔަށްދާ މިފަދަ އެންމެބޮޑު އެއް މުބާރާތެވެ. މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ކުރިން ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކަމަށް އަލީ ޝިޔާޒް ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސްޕޮންސަރުންގެ ފަރާތުންވެސް ބޮޑެތި އިނާމްތަކެއް ހުށަހަޅާފައިވާކަމަށް އަލީ ޝިއާޒް ފާހަގަ ކުރެއްވިއެވެ.

މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއްމަގުސަދަކީ ދިއްދޫގެ ރައްޔިތުންގެ ހިތުގައި ޤްރުޢާނަށްއޮތް ލޯބި އިތުރުކޮށް ޤްރުޢާނަށް އަހުލްވެރި ކުރުމެވެ.