ޚަބަރު

ހިންނަވަރު ބަނދަރުން ހަލާކުވެފައި އޮތް ބައިގެ މަސައްކަތް ނިންމާލައިފި


ފާދިއްޕޮޅު ހިންނަވަރުގައި ކުރިން ހަދާފައި އޮތް ބަނދަރުން ބޮޑުބައެއް ހަލާކުވެފައި އޮތުމުން ފަޅު ބޭނުން ކުރުމުގައި ދަތިތަކާ ދިޔައީ ކުރިމަތިވަމުންނެވެ. މިސަބަބާހުރެ ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ސަރުކާރުން އެރަށު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް ބަނދަރުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.
މިއަދާ ހަމައަށް އައިއިރު ބަނދަރުގައި ހަލާކުވެފައި އޮތް ބައި ހަދާ ނިމި މިހާރު ކުރަމުންދަނީ ބަނދަރަށް އިތުރު ކުރާ ބައިގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ހިންނަވަރު ބަނދަރު ބޮޑު ކުރުމަކީ އަބަދުވެސް އެރަށު ރައްޔިތުން އެދޭއެދުމެކެވެ. އެއީ ބަނދަރު ބޭނުން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ. ބަނދަރަކީ އިޤްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ރަށަށް ގެނެސްދޭ އުމްރާނީ ތަރައްޤީގެ މުހިންމުބައެއް ކަމަށް އެރަށުމީހުން ޤަބޫލުކުރެއެވެ.

ޅ އަތޮޅުގެ 11 ރިސޯޓާއި، ނ އަތޮޅުގެ ބައެއް ރިސޯޓްތަކުން އެރަށަށް ވިޔަފާރި ކުރަން އަންނަ ދުވަހެއް ނަމަ ފަޅުގެ ޖާގަ ކުޑަވެއެވެ. އަދި މާލެ ދަތުރުކުރާ ބޯޓްފަހަރާއި ލޯންޗްތައް ކައިރިކުރުމަށް ވަކި ސަރަހައްދެއް ބަނދަރުގައި ކަނޑައެޅިފައި ނޯންނަނީވެސް ބަނދަރު ކުޑަވުމުންކަމަށާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން މިހުރިހާކަމަކަށް ހައްލުލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ހިންނަވަރު ކައުންސިލްގެ ރައީސް ހުސައިން ޝާފީ ވިދާޅުވިއެވެ.

އުުތުރުގައި މަސްކިރުމަށް އޮންނަ ފެލިވަރާއި ހިންނަވަރު ކައިރިވުމުން އެރަށަށް މަސްކިރުމަށް ދާ މަސްދޯނިފަހަރު ރަށު ފަޅު ބޭނުން ކުރާކަމަށް ޝާފީ ވިދާޅުވިއެވެ. މިއީ އިޤްތިސާދީ ގޮތުން ރަށަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރަމުން ޝާފީ ވިދާޅުވީ ބަނދަރުގެ މަސައްކަތް ކަނޑައެޅިފައި އޮތް ތާރީޚަށް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. އެއީ މަސައްކަތް ދާ ހަލުވިމިނަށްބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހިންނަވަރު ބަނދަރުން ހަލާކުވެފައި އޮތް ބައި ހަދާނިމި ބަނދަރާ ގުޅާލާ ބައިގެ މަސައްކަތް ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންކުރާ ކީވޯލް އެތުރުމުގެ މަސައްކަތާ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށް ހިންނަވަރު ކައުންސިލްގެ ރައީސް ހުސެއިން ޝާފީ ވިދާޅުވިއެވެ. މީގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތު ކުރާ ބަނދަރާ އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާ އެކު ޖުމްލަ 653 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

ހިންނަވަރަކީ އެރަށުގެ ބޭރު ތޮށި ހަލާކުވެފައި އޮތުމުގެ ސަބަބުން މޫސުން ގޯސްވެ އުދައަރާ ދުވަސްތަކުގައި އުދައެރުން ބޮޑުރަށެކެވެ. އެހެންކަމުން މިފަހަރު ބަނދަރު ތަރައްޤީ ކުރާއިރު މިކަމަށްވެސް ހައްލުލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އިޤްތިޞާދީ ގޮތުން މަންފާލިބޭގޮތަށް ހިންނަވަރުގައި ތަރައްޤީކުރާ މިބަނދަރުގެ މަސައްކަތް ނިމުމުން އެންމެބޮޑެތި ބޯޓްފަހަރަށް ކައިރިކޮށް މުދާބޭލޭވަރުގެ ޕޯޓެއް ތަރައްޤީވެގެންދާނެ ކަމަށް ޝާފީ ވިދާޅުވިއެވެ. އަދި ބަނދަރު ނިމުމާއެކު ބަނދަރުން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއަށް 99.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.