ރިޕޯޓް

އިހަވަންދޫ ބަނދަރުގެ މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި މުޅިން ނިމޭނެ: ކައުންސިލް


ހއ.އިހަވަންދޫ ބަނދަރަކީ މުޅި ހއ.އަތޮޅުންވެސް އެންމެ ބާރުބޮޑު އެެއް ބަނދަރެވެ. އިހަވަންދޫއަކީ މަސްވެރި ރަށަކައްވެފައި މަސްވެރިކަންކުރާ ބޮޑެތި އޮޑިފަހަރާއި މާލެ ދަތުރުކުރާ ބޮޑެތި ބޯޓުފަހަރާއި ލޯންޗު އަދި ކުޑަ ޑިންގީން ތަކުން ބަނދަރު އޮންނަނީ ފުރި ބާރުވެފައެވެ. އިހަވަންދޫގެ ބަނދަރަކީ އުތުރުގެ ގިނަ މަސްވެރިން ދޯނިތަކަށް އައިސް އެޅުމަށްވެސް ބޭނުން ކުރާ ބަނދަރެކެވެ.

3500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫގެ ރައްޔިތުންނާއި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ބަނދަރުގެ ޖާގާގެ ދަތިކަމުގެ މައްސަލައެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ އިހަވަންދޫ ބަނަދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރާ ޙަވާލާދީ އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާހު ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާހު ވިދާޅުވީ މިހާރު އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފަވާކަމަށާ، މިހާރު ކުރިޔަށްދަނީ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ކަމަށެވެ. ޞަބާހު ވިދާޅުވީ ބަނދަރު ނުނިމި ގިނަދުވަސް ތަކެއް ވަމުން ދާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާކަމަށެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާހު ވިދާޅުވީީ ބަނދަރުގެ މަޝްރޫޢު ނިމޭއިރު އެ ބަނދަރަކީ ފުރިހަމަ ބަނދަރަކަށް ވެގެންދާނެއެވެ. އަދި ބަނދަރު ވަރަށް ބޮޑަށް ފުޅާވެ ދަތުރުފަތުރުކުރާ ފަރާތްތަކަށާއި މަސްވެރިންނަށްވެސް ބަނދަރުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދާނެކަމަށް ޞަބާހު ވިދާޅުވިއެވެ.

ބަނދަރުގެ ބޭރުތޮށި ހަދަނީވެސް އޮޑިދޯނިފަހަރު އެޅުމަށް ބޭނުން ކުރެވޭ ގޮތަށްކަމަށާ، ބަނދަރު ނިމިގެންދާއިރު ކައުންސިލްގެ ވިސްނުމަކީ ބަނދަރުން ލިބިގެންދާ އެހެން ޚިދުމަތްތައްވެސް އިތުރުކުރުންކަމަށް ޞަބާހު ވަނީ ވިދާޅުވެފައެވެ.

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން 30509 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއަކީ 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.