ޚަބަރު

ފެނާއި ނަރުދަމާގެ ނިޒާމެއްނެތ،ި ތަކަންދޫ ރައްޔިތުން އުފުލި ތަކްލީފަށް ނިމުން


ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބޭ މައްސަލައެވެ.

މިމައްސަލަތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކާއެކު ތަރައްގީގެ ދުވެލިވެސް މިވަނީ ކުރިޔަށް ޖެހިލާފައެވެ. އެތަށް ރަށެއްގެއެތަށް ރައްޔިތުންނެއް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް މިއަދު ދަނީ ފުރިހަމަވެ ރައްޔިތުންނާ ގާތުން ޚިދުމަތްތައް ލިބެމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ.ތަކަންދޫއަށް ބަލާލާއިރު އާންމު ޚިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ނެތުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މިމައްސަލައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް ވިދާޅުވީ ފެން ތަޣައްޔަރުވުމާއި ނަރުދަމާ ނިޒާމެއް ނެތުމުގެ މައްސަލައަކީ ތަކަންދުއަށް ކުރިމަތިވެފައި އޮތް ޒަމާންވީ ބޮޑު މައްސަލައެއްކަމަށެވެ. މިކަމުގެ ސަބަބުން ސިއްހީ އެތަށް މައްސަލަތައްވެސް ކުުރިމަތިވަމުން އަންނަކަމަށް ކައުންސިލްގެ ރައީސްވަނީ ފާހަގަކުރެއްވިއެވެ.

"ރަށުގެ އުތުރުކޮޅަކީ ޗަސްބިން ބޮޑު ސަރަޙައްދެއް. އެގޮތުން ވިއްސާރަ ދުވަސްވަރު ފެން ވަޅުތައް ފުރުމުގެ ސަބަބުން ޖަންގްޝަންތަކަށް އަސަރުކުރޭ. މިކަމުގެ ސަބަބުން ރަށުގެ ފެންވަނީ ތަޣައްޔަރުވެފަ. މި ކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ސިއްޙީ އެތަށް މައްސަލައެއްވެސް އަންނަނީ ކުރިމަތިވަމުން" ތަކަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ތަކަންދުއަށް ދިމާވެފައިވާ މިމައްސަލައަށް ޙައްލުހޯދައިދިނުމަށް ސަރުކާރުންވަނީ ބޮޑު މަޝްރޫޢެއް ފަށްޓަވާފައެވެ. ތަކަންދޫގައި ސަރުކާރުން ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއަކި މިހާތަނަށް އެރަށުގައި ކުރިޔަށްގެންދާ އެންމެބޮޑު އެެއް މަޝްރުޢެވެ.

ސަރުކާރުގެ އަމާޒަކީ މިފަސްއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަށް ގާއިމް ކޮށްދިނުމެވެ. އެގޮތުން ސަރުކާރުން އަންނަނީ ހއ.އަތޮޅުގެ ގިނަ ރަށްތަކެއްގައި މި ޚިދުމަތް ގާއިމްކޮށްދެމުންނެވެ.

ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ އާރުއޯ ބިލްޑިންގެ މަސައްކަތާއި ނަރުދަމާ ނެޓްވޯކްގެ ޕައިޕް ލައިން އެޅުމުގެ މަސައްކަތްކަމަށް އެކުންފުނިން ވަނީހާމަ ކޮށްފައެވެ.

މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކުރީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. އަދި މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021ވަނަ އަހަރުގެ ޑިސެންބަރ މަހުއެވެ. 540 ދުވަހުގެތެރޭގައި މި މަޝްރޫޢު ނިންމަންޖެހެއެވެ.

މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ ފެނުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފެން ރައްކާކުރުމަށް 275 އަކަ މީޓަރުގެ 2 ޓޭންކް ބެހެއްޓުމާއި ވާރޭފެން ރައްކާކުރުމަށް 950 އަކަ މީޓަރުގެ ޓޭންކެއް ބެހެއްޓުމާއި 280 ގޭބީސީތަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރާ ނިޒާމަކާއި، 1 ބްރައިން އައުޓްފޯލާއި، 2 އާރު.އޯ ޕްލާންޓާއި 8.37 ކިލޯމީޓަރުގެ ވިއުގައެއް ޤާއިމުކުރުން ހިމެނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަށް ބަލާއިރު 3 ޕަންޕު ސްޓޭޝަނާއި، 6.33 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރުން އަދި 1 ސީ އައުޓްފްލޯ އެޅުން ހިމެނެއެވެ. އަދި 280 ގޭބީސީއަށް ހައުސް ކަނެކްޝަން ގުޅައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ 79.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.