ޚަބަރު

އޮޅުވެލިފުށީ އާރުއޯ ބިލްޑިންގްގެ މަސައްކަތް ނިންމާލައިފި


ޅ.އޮޅުވެލިފުށީގައި ސަރުކާރުން ޤާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ޤާއިމުކުރާ އާރުއޯ ޕްލާންޓްތައް ބަހައްޓާ ޢިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

މިހާރު ކުރަމުންދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ ބުޑުއެޅުމުގެ މަސައްކަތްކަމަށް އެމަސައްކަތުގެ ކޮންޓެކްޓަރ އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމްކުރުރުމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. މި މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބެހެއްޓާ ޢިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް ބަހައްޓާ 3 ތާނގީގެ ބުޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ފެށުމުގައި ލަސްތަކެއް ކުރިމަތިވިނަމަވެސް މަސައްކަތް ދާހަލުވިމިން މިހާރު ރަގަޅުކަމަށް އެކުންފުނިންދެކެއެވެ. އަދި އެކުންފުންޏާ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް އިތުބާރުލިބޭފަދަގޮތަކަށް މަސައްކަތްތައް ނިންމާލުމަށްކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މި މަސްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި އިދާރީ ބިލްޑިންގް އިމާރާތްކުރުން ހިމެނެއެވެ. އަދި 4 ޕަންޕިން ސްޓޭޝަން ރަށުގެ އެކިސަރަހައްދުތަކުގައި ބަހައްޓާ ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ މިމަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

އޮޅުވެލިފުށީ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކަޗަރއިން 80 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިކަމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.