ޚަބަރު

ދެވަނަ ފަހަރަށް އެމަޖެންސީ ރިޒާވްތަކުން ބާޒާރަށް ތެޔޮ ނެރެން ތައްޔާރުވެއްޖެ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ޖެއްސުމުގެ ގޮތުން އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީ (އައި.އީ.އޭ) އިން ބާޒާރަށް އިތުރަށް ތެޔޮ ނެރުމަށް ނިންމައި، ޤައުމުތަކުން ތެޔޮ ނެރޭނެ މިންވަރު ކަނޑައަޅައިފިއެވެ.

އައި.އީ.އޭގެ މެންބަރުންގެ ގޮތުގައި ހިނެމޭ 31 ޤައުމަކުން ބޭއްވި މަޝްވަރާތަކަށްފަހު ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ކުޑަކުރުމަށްޓަކައި މިދިޔަ މަހު ވަނީ ޤައުމުތަކުގެ އެމަޖެންސީ ރިޒާވްތަކުން 60 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ނިންމާފައެވެ. މިހާރު އަނެއްކާވެސް ދެވަނަ ބުރަށް އެމަޖެންސީ ރިޒާވްތަކުން ބާޒާރަށް ތެޔޮ ނެރުމަށް މިވަނީ ނިންމާފައެވެ. މިފަހަރު އެއްބަސްވެފައިވަނީ 120 މިލިއަން ފީފާގެ ސާފުނުކުރާ ތެލާއި ތެލުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަށެވެ. މީގެ ތެރެއިން 60 މިލިއަން ފީފާ ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އައި.އީ.އޭ އިން ބުނާގޮތުން އެމެރިކާއިން އެއްބަސްވެފައިވާ މިންވަރަށްވުރެ އިތުރަށް، އެ ޤައުމުގެ ސްޓްރެޓަޖިކް ޕެޓްރޯލިއަމް ރިޒާވުން ހޭދަކުރުމަށް ނިންމާފައިވެއެވެ. އެހެންކަމުން ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 240 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެވޭނެކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނައިން ތެޔޮ ދޭނެކަމަށް ބުނެފައިވަނީ ޖަޕާނުންނެވެ. ޖަޕާނުން 15 މިލިއަން ފީފާގެ ތެޔޮ ދޭން ބުނެފައިވާއިރު، ތިންވަނައަށް ލިސްޓުގައި އޮތް ދެކުނު ކޮރެއާއިން 7000 ފީފާގެ ތެޔޮ ދޭން ވަނީ އެއްބަސްވެފައެވެ. އެމަޖެންސީ ސްޓޮކުން އެކި މިންވަރަށް ތެޔޮ ދޭން އެއްބަސްވެފައިވާ ޤައުމުތަކުގެ ލިސްޓުގައި އިތުރު 19 ޤައުމު ހިމެނެއެވެ.

ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބުމުގެ ސަބަބުން މިއަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ނަމަވެސް މިހާރު އަގުތައް މަޑުމަޑުން ތިރިވާން ވަނީ ފަށާފައެވެ. މިހަފްތާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރާއި ކައިރިއަށް ތިރިވެފައެވެ.

އައި.އީ.އޭއިން މިހާތަނަށް އެމަޖެންސީ ސްޓޮކްތަކުން ތެޔޮ ނެރެފައިވަނީ ޖުމްލަ 5 ފަހަރުއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްބަސްވުމަކީ މިއަހަރުގެ ދެވަނަ ބުރުގެ އެއްބަސްވުމެވެ. މިބުރުގައި ބާޒާރަށް ނެރޭ ޢަދަދަކީ އެމަރޖެންސީ ސްޓޮކުގެ 9 އިންސައްތައެވެ. މި އަހަރުގެ ޖުމްލަ އެއްބަސްވުންތަކުން އައި.އީ.އޭގެ ސްޓޮކުން 15 އިންސައްތަ މަދުވެގެންދާނެއެވެ. ޤައުމުތަކުން މިގޮތަށް ނިންމާފައިވަނީ ތެލުގެ ބާޒާރުގެ ނާޒުކުކަން ބޮޑުކަމުން، އަގާއި ސަޕްލައި އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައިކަމަށް އައި.އީ.އޭއިން ބުނެއެވެ.