ޚަބަރު

ދޮންފަނު ބަނދަރު ނިމި ބޭނުންކުރަން ފެށުން: ރައްޔިތުންގެ ތަކްލީފް ނިމުމަކަށް


ބ.އަތޮޅު ދޮންފަނު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިންމާ އެރަށު ރައްޔިތުންދަނީ ބަނދަރުގެ ބޭނުން ކުރަމުންނެވެ. ދޮންފަނު ރައްޔިތުންގެ މޫނުމަތިން ފެންނަނީ މީގެ ކުރިން ބަނދަރެއް އޮވެ އެމީހުން އުފުލި އުނދަގޫ ދުވަސްތައް ނިމުމަކަށް އައިކަމުގެ އުފާވެރި އިހްސާސްތަކެވެ.

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާ ދެހާހުގެ ކުރީކޮޅު އާބާދީ މަދު ރަށްރަށުގައި ސަރުކާރުން ތަރައްޤީކުރި ބަނދަރެއް ނޯވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އާބާދީ މަދޭ މިދެންނެވީ 400 ނުވަތަ 500 މީހުންގެ އާބާދީ އޮންނަ ރަށްރަށުގެ ވާހަކައެވެ.
އެހެންނަމަވެސް ބ.އަތޮޅުގެ މިކުދި އާބާދީތަކަށް އޭރު ބަނދަރެއް އޮތުމުގެ އުފާވެރިކަން ލިބުނެވެ.

ދޮންފަނުގައި އެންމެ ފުރަތަމަ ބަނދަރެއް ތަރައްޤީ ކުރެވުނީ ބ.އަތޮޅުގައި ފަތުރުވެރިކަން ފުޅާވާން ފެށި ދުވަސްވަރެވެ. އެއީ 2000ވަނަ އަހަރުއެވެ. ދޮންފަނުގައި ބަނދަރު ތަރައްޤީކުރީ ވިލާ ގްރޫޕާ އަތަމާ ގްރޫޕްގެ އެހީތެރިކަމާއެކު ދޮންފަނު ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. މިތަނުގައި ބަނދަރު ތަރައްޤީ ކުރެވުނީ ރިސޯޓްތައް ހެދުމަށް ގެންނަ ބައެއް މުދާ މިރަށްރަށުގައި ބެހެއްޓުމަށާއި ރިސޯޓް ހަދަން މުދާ ހިފައިގެން އަންނަ އޮޑި ދޯނިފަހަރު އެޅުމުގެ ބޭނުމުގައެވެ. އެހިސާބުން އެރަށުގެ މީހުން މޫދަށް އެރިގެން އޮޑިދޯނިފަހަރަށް އެރިއެރުން މާޒީވެ ރަށަށް ތަރައްޤީ އައި ކަމުގެ އިޙްސާސް ކުރެވުނު ކަމަށް އެރަށު ދުވަސްވީ މީހުން ބުންޏެވެ.

އެހެންނަމަވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެ ބަނދަރަށް ލިބުނު ގެއްލުންތައް މަރާމާތު ނުކުރެވުމުގެ ސަބަބުން މި ވޭތުވެދިޔަ 17 އަހަރެއްހާ ދުވަހު އެރަށު މީހުންނަށް ބަނދަރެއް އޮތުމުންވީ ފަސޭހަ ބަދަލުވީ ތަކުލީފަކަށެވެ.

އެހެންނަމަވެސް މިކަން މިހާރު މާޒީވެގޮސްފިއެވެ. ދޮންފަނުގައި ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީހޯގާޑާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ދޮންފަނު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން 600 ފޫޓް ދިގު 200 ފޫޓް ފުޅާ ބަނދަރު ފުންކޮށް އެއްގަމާ ބޭރު ތޮށިލާ އަރާ ފޭބުމަށް ސިޑިއެއް ހަދާ ކޮޅުވެއްޓި ކައިރިކުރުމަށް ރޭމްޕްގެ މަސައްކަތްވެސް ވަނީ ހަދާފައެވެ. ބަނދަރު ހިމެނޭ ސަރަަހައްދުގައި މަގުބައްތި ހަރުކޮށް ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަަހައްދުގެ ހުޅަނގުން ދޯނި އެހެލާ ސަރަހައްދެއް ހަދާ އެސަރަަހައްދުގެ ވެލިގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

"ކުރިން ބަނދަރުގެ އެއްގަމު ތޮށިއެއްކޮށް އޮންނަނީ ވެއްޓިފަ. ހަމައެކަނި އޮޑި އަޅާލެވޭވަރުވާނީ ގަލުގެ ފާރެހެއް އޮންނަ ދެހުރަސްތޮށީގައި ވާ އައްސާލާނެތަނެއް ނޯވޭ. މިހާރު ވާ ފަސޭހައިގެ ވާހަކަ ބުނެދޭނެގޮތެއްވެސް ނޭނގޭ." ދޮންފަނުން ވާހަކަދެއްކި މީހުން ކިޔައިދިނެވެ.

ދޮންފަނު ކައުންސިލްގެ ރައީސް އަޙްމަދު އިރުޝާދު ވިދާޅުވީ ބަނދަރަކީ ރަށެއް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމެ އެއް ޚިދުމަތްކަމަށެވެ. އެގޮތުން އެރަށުގައި ބަނދަރު މަރާމާތުކުރެވިގެން ދިއުމަކީ ރަށުގެ އިޤްތިޞާދު ކުރިއަރައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ކޮށްދިން މިކަންތައް ރައްޔިތުން ބަލައިގަންނަނީ ނުހަނު އުފަލާ އެކު. މިއީ އެތައް ދުވަހެއްގެ އިންތިޒާރެެއް އަރާ ފޭބުމަށް ރައްޔިތުން އުފުލި އުނދަގޫދުވަސްތަކަށް ނިމުންގެނުވުން .މިއީ ރަށުގެ އިޤްތިޞާދު ކުރިއަރައިދާނެ ކަމެއް ކަމަށް ގަބޫލް ކުރެވޭ." ދޮންފަނު ކައުންސިލްގެ ރައީސް އަޙްމަދު އިރުޝާދު ވިދާޅުވިއެވެ.

ދޮންފަނު ބަނދަރު ނިމި އަރާ ފޭބުމަށް އެރައްޔިތުން އުފުލި ބުރަ ދުވަސްތައް ނިމުމަކަށް އައީއެވެ. ދެން ލޯންޗައް އަރަންދާއިރު ފަޔަށް ގާހެރި ފައިވާން ކަނޑައިގެނެއް ނުދާނެއެވެ. ވާ އައްސާނެ އާ މޫޓްތަކާއެކު ލޯންޗްގައި އައްސާފައި ހުންނަ ފެންޑަރުތައް ފަޅައިގެން ނުދާނެކަމުގެ ޔަގީންކަން ބޮޑުވީއެވެ. ދެންއޮތީ ބަނދަރު ސަރަހައްދު ޕްލޭންކޮށް ތަރައްޤީ ކުރުންކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.