ޚަބަރު

ގޯލްޑް ކަޕުގެ ކ. އަތޮޅު ކޮލިފައިން މުބާރާތް ހިންމަފުށީގައި


90 ޕްލަސްއިން އިންތިޒާމުކުރާ ގޯލްޑް ކަޕް 2025 ގެ ކ. އަތޮޅު ކޮލިފައިން މުބާރާތް ކ. ހިންމަފުށީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވަން ނިންމާފައިވަނީ ކޮންމެ އަތޮޅެއްގައި ކޮލިފައިން ބުރު ބޭއްވުމަށްފަހު ކޮންމެ އަތޮޅަކުން ޗެމްޕިއަންކަން ހޯދާ ޓީމަށް މާލޭގައި އޮންނަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

90 ޕްލަސްއިން ވަނީ ކ އަތޮޅުގެ ކޮލިފައިން މުބާރާތް ހިންމަފުށީގައި ބޭއްވުމަށް ނިންމާ ހިންމަފުށީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހިންމަފުށީ ކައުންސިލާއެކު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު އާއި 90 ޕްލަސްގެ ކޯ ފައުންޑަރ އަހުމަދު ޝާޒްލީއެވެ.

މިއަހަރު ގޯލްޑްކަޕަށް އަތޮޅުތަކުގެ ޓީމުތައް ހޮވުމަށް ބާއްވާ ކޮލިފައިން މުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ 90 ޕްލަސް އާއި އެކު އެއްބަސްވުމުގައި ސޮއިކުރީ ލ. އަތޮޅު ކައުންސިލުންނެވެ. މިމަހުގެ 8 ވަނަ ދުވަހު ލ އަތޮޅު ކައުންސިލާއެކުވީ އެއްބަސްވުމުގެ ދަށުން ލ އަތޮޅުގެ ކޮލިފައިންގ މުބާރާތް އޮންނާނީ އޮގަސްޓްގައެވެ.

‎90 ޕްލަސް ގޯލްޑްކަޕްގެ މިއަހަރުގެ ކޮންސެޕްޓްގައި އޮތީ ހުރިހާ އަތޮޅެއްގައި ކޮލިފައިން މުބާރާތް ކުޅުމަށްފަހު ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމަށް މާލޭގައި ކުޅޭ ފައިނަލް ބުރުން ފުރުސަތުދޭގޮތަށެވެ. އަދި މިދިޔަ އަހަރު ކުޅުނު ޓީމުތަކުގެ ތެރެއިން ގަދަ 8 ޓީމާއި ސިޓީތަކުގެ ޓީމުތަކާއެކު ޖުމްލަ 28 ޓީމަށް މިއަހަރުގެ ފައިނަލް ބުރުގައި މާލޭގައި ކުޅުމުގެ ފުރުސަތު ދިނުމަށް 90 ޕްލަސްއިން ވަނީ ނިންމާފައެވެ.

މިއަހަރު މާލޭގައި ބާއްވާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބައިވެރިވުމާއި އެކުގައިކަމަށެވެ. މިދިޔަ އަހަރު ފެށި ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ފުޓްބޯޅަ ހުއްޓިފައިއޮތް ދަނޑިވަޅެއްގައި އަލުން ފުޓްބޯޅަ ކުރިއެރުވުމަށާއި އަލުން ދަނޑަށް މި ޝިއާރުގެ ދަށުން އިފްތިތާހުކުރި ފުޓްބޯޅަ މުބާރާތެކެވެ.