ޚަބަރު

ޔަހޫދީންގެ ޙަމަލާތަކަށް ފަހު ސޫރިޔާގެ ފައުޖުތައް ސުވަޔިދާއިން ފައިބަނީ


ސޫރިޔާގެ ދެކުނުގައި އޮތް އަލް-ސުވަޔިދާގައި ހަރަކާތްތެރިވަމުން ދިޔަ އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިން އެ ސަރަޙައްދުން ފައިބަން ފަށައިފިއެވެ. ސުވަޔިދާއަކީ ދްރޫޒީން ނުވަތަ ދްރޫޒީ ދީނަށް އަޅުކަން ކުރާ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ސޫރިޔާގެ އަސްކަރިއްޔާއިން ސިފައިން ފޮނުވާފައި ވަނީ، ދްރޫޒީ ދީނުގެ މީހުންނާއި ބަދަވީންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގަން ފެށުމުންނެވެ. ނަމަވެސް، ދްރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ.

ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރަކުންނެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، ސުވަޔިދާއަށް ފޮނުވާފައިވާ ސިފައިންނާއި ބަރުހަތިޔާރު އެ ސަރަޙައްދުން ބޭލުމުގެ މަސައްކަތް ފަށާފައި ވަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ. އެ އެއްބަސްވުމާ އެކު، ސުވަޔިދާގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށާއި، ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވިފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ.

އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވުޒާރާއިން ވަނީ، އެ އެއްބަސްވުމުގެ މަޢުލޫމާތު ޢާންމު ކޮށްފައެވެ. އޭގައި އޮތީ، ސުވަޔިދާގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނެސް، ދްރޫޒީންނާއި ބަދަވީންނާ ދެމެދުގައި އުފެދިފައި އޮތް ދެބަސްވުންތަކަށް ހައްލު ހޯދުމަށް ދްރޫޒީ ދީނުގެ ޢިލްމުވެރިންގެ ބައިވެރިވުމާ އެކު ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށެވެ. އަދި، އެއްބަސްވުން ތަންފީޒު ކުރުމުގައި ދްރޫޒީންގެ އެއްބާރުލުން ހޯދުމަށެވެ.

ދްރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުން ސޫރިޔާގެ އަސްކަރިއްޔާއަށް ދީފައިވާ ޙަމަލާތައް ދްރޫޒީ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުށްވެރި ކޮށްފައެވެ. ދްރޫޒީ ދީނުގެ އިސް ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް ޔޫސުފް ޖަރްބޫޢު ބުނީ ބޭރުގެ ބާރަކުން ދްރޫޒީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ އެ މީހުން ދެކޮޅު ކަމުގައެވެ. "ސޫރިޔާގެ ދައުލަތަށް އޮތް އިތުބާރު ގެއްލުވައެއް ނުލާނަން،" އޭނާ ބުންޏެވެ.

"ސޫރިޔާގެ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތެއްގެ މަސްލަޙަތު ޙިމާޔަތް ކުރެވިގެން ދާނެ،" ޖަބްރޫޢު ބުންޏެވެ. ސްވަޔިދާ ޕުރޮވިންސަކީ ސޫރިޔާގެ ދައުލަތުގެ ބަޔެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ މާއްދާއެއް ވެސް އެއްބަސްވުމުގައި ވާ ކަން އޭނާ ފާހަގަ ކުރިއެވެ.

ދްރޫޒީ ދީނުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން މިހާތަނަށް ކަށަވަރު ކުރަމުން ގޮސްފައި ވަނީ އެ މީހުން އަމިއްލައަށެވެ. ދްރޫޒީންގެ މައްޗަށް އެކުލެވިގެންވާ ހަތިޔާރު އެޅި ޖަމާޢަތްތައް ބޭނުން ކޮށްގެންނެވެ. ނަމަވެސް، 14 އަހަރަށް ފަހު ސޫރިޔާގެ އަހުލީހަނގުރާމަ ނިމުމަކަށް ގެނެވުމާ އެކު، އެ ގުރޫޕުތަކުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅި، ދައުލަތަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ނަމަވެސް، ދްރޫޒީ ދީނުގެ ބައެއް ޢިލްމުވެރިން ވަނީ އެޗްޓީއެސްގެ ސަރުކާރު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، އެޗްޓީއެސްގެ އަތްދަށުން ސްވަޔިދާއާއި ދްރޫޒީ ދީނުގެ މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ގޮވައިލާފައެވެ. އެ ޢިލްމުވެރިންނަށް ތަބާވާ ހަތިޔާރު އެޅި ގުރޫޕެއް ކަމުގައިވާ 'މެން އޮފް ޑިގްނިޓީ'ން ބުނީ، ސްވަޔިދާއަށް އަރާފައިވާ ސިފައިންނާ ހަނގުރާމަ ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.