ޚަބަރު

ގިނަ ބަޔަކު ދަނީ ހިޔާ ފްލެޓްތަކަށް ކުލި ދައްކަމުން: އެޗްޑީސީ


ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ގިނަ ބަޔަކު ކުލި ދައްކަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޗް.ޑީ.ސީން ވަނީ ކުލި ނަގަން ފަށާފައެވެ.

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި ވަނީ ސަރުކާރުން 3 ފަހަރެއްގެ މަތިން، ކުލި ނެގުން ފަސްކޮށްދިނުމަށް ފަހުގައެވެ.

ހިޔާ ހައުސިން ޕްރޮޖެކްޓަކީ 6720 ހައުސިން ޔުނިޓެވެ. ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކޮށް، ފްލެޓްތައް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އޭރު ސަރުކާރުން ނިންމީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތަކަށް 3 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނަގަން ފެށުމަށެވެ. މިމުއްދަތު 2021 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ހަމަވުމުން ސަރުކާރުން ދެން މުއްދަތު ފަސްކުރީ، މިދިޔަ އަހަރުގެ ނިޔަލަށެވެ.

ނަމަވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، 2022 ވަނަ އަހަރުގެ މަރޗް މަހުގެ ނިޔަލަށް މިމުއްދަތު އިތުރުކޮށްދެއްވުމަށެވެ.

ފްލެޓްތަކަށް ކުލި ދައްކަން ފަސޭހަގޮތްތަކެއް

ހިޔާގެ ފްލެޓްތައް ހަވާލުކުރިތާ 8 މަސް ދުވަސް ފާއިތުވެފައިވާއިރު، އެޗް.ޑީ.ސީން މިހާރު މިވަނީ ފްލެޓްތަކުން ކުލި ނަގަން ފަށާފައެވެ. ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއް އެޗް.ޑީ.ސީން ވަނީ ހަމަޖައްސައިދީފައެވެ.

އެގޮތުން އެޗް.ޑީ.ސީގެ "މައި ހުޅުމާލެ" އޮންލައިން ވެބް ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. ނަމަވެސް މި އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެކަންޏެވެ. ވެބް ޕޯޓަލުން ކުލި ދެއްކުމަށްޓަކާ my.hdc.com.mv އަށްވަނުމަށްފަހު އީފާސް އެކައުންޓުން ލޮގިންވާން ޖެހޭނެއެވެ. އެއަށްފަހު ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދެވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކަން ބޭނުންވާ ފްލެޓް ޚިޔާރުކުރެވޭނެއެވެ. އަދި ދައްކަން ބޭނުންވާ ފައިސާގެ އަދަދު ޖެހުމަށްފަހު، ބޭނުންވާ ޕޭމަންޓް މޮޑިއުލްއެއް ޚިޔާރުކޮށް ފައިސާ ދައްކާލެވޭނެއެވެ.

މީގެ އިތުރުން އެޗް.ޑީ.ސީގެ ކަލެކްޝަން ކައުންޓަރުންވެސް ކުލި ދެއްކޭނެއެވެ. އެޗް.ޑީ.ސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ޚާއްސަ ކޮށްފައިވާ ކައުންޓަރުން، ނަގުދު ފައިސާއާއި ޗެކު އަދި ބޭންކް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

މިމަހުގެ އެކަކުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނަން އެޗް.ޑީ.ސީން ފަށާފައިވާއިރު، ފްލެޓް ލިބުނު ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމާއެއްގޮތަށް ގިނަ ބަޔަކު ކުލި ދައްކަމުންދާކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރުވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ހިޔާ ފްލެޓް ލިބުނު 6331 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން 4500 އަށްވުރެ ޔުނިޓަށް އާއިލާތަކުން މިހާރު ބަދަލުވެފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެޗްޑީސީއާއި، ކަމާ ގުޅުންހުރި ފަރާތްތައް މެދުވެރިވެގެން އަންނަނީ ކުރަމުންނެވެ.